25 Aug 2013, 23:30
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އޭނާގެ އަނބިކަނބަލުން އާއިޝަތު ލީޝާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން ބަލަމުންދާ މައްސަލައަކާ ގުޅިގެން މިރޭ 9:00 އަށް އަލީ ވަހީދުގެ އަނބިކަނބަލުން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފުލުހުން ތަހުގީގު ކުރަމުންގެދާ އެ މައްސަލައާ ގުޅިގެން އަލީ ވަހީދުގެ ބައްޕަ ހދ. ކުޅުދުއްފުށީ ބަނދަރު މުހައްމަދު ވަހީދު ވެސް މީގެކުރިން ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. އޭނާ ވަނީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު އިޚްތިޔާރު ކުރައްވާފަ އެވެ.
ފުލުހުންގެ ތަހުގީގު ޓީމެއް އއ. ތޮއްޑޫ އަށް ގޮސް އަލީ ވަހީދުގެ މަންމަ އެރަށު ހަނީމޫން ޒުހުރާ އަބްދުﷲއާ ސުވާލުކުރުމުން އޭނާ ވެސް ވަނީ ސުވާލުތަކަށް ޖަވާބު ނުދެއްވައި ހަނުހުންނަވާފަ އެވެ.
ސަން އަށް ކަށަވަރު ވެފައިވާ ގޮތުގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަހުގީގު ކުރަމުންގެންދާ މައްސަލަ އަކީ އަލީ ވަހީދުގެ މަންމަ 7.9 މިލިއަން ރުފިޔާ އަށް 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މާލެއިން ގޯއްޗެއް ބައްލަވައިގެންފައި ވާތީ އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ބަލަމުންގެންދާ މައްސަލައެކެވެ.
ސަން އިން ކުރިން ކުރި ސުވާލެއްގެ ޖަވާބުގައި އަލީ ވަހީދުގެ މަންމަ ޒުހުރާ އަބްދުﷲ ޒުހުރާ ކުރިން ވިދާޅުވެފައި ވަނީ މާލެ އިން ގޯއްޗެއް ބައްލަވައިގަތީ އަމިއްލަ އާމްދަނީން ލިބޭ ފައިސާއަކުން ނޫން ކަމަށާއި އެ ގޯއްޗަކީ އަލީ ވަހީދުގެ ބައްޕަ ބޯޓް ދަތުރުކުރައްވައިގެން ހޯއްދަވާފައިވާ ފައިސާ އިން ބައްލަވައިގެންނެވި ގޯއްޗެއް ކަމަށެވެ. އެއީ އަލީ ވަހީދު ދެއްވި ފައިސާއަކުން ބައްލަވައިގެންނެވި ގޯއްޗެއް ނޫން ކަމަށް ވެސް ޒުހުރާ ވަނީ ވިދާޅުވެފަ އެވެ.
އަލީ ވަހީދުގެ މަންމަ ޒުހުރާ އެހެން ވިދާޅުވި ނަމަވެސް އެ ގޯތި ބައްލަވައިގަތުމަށް ފައިސާ ދެއްކީ ޓެޕް ކޮންސްޓްރަކްޝަނުންކަމަށް އެނގޭ ފަދަ ލިޔުންތަކެއް އޭގެ ފަހުން ވަނީ އާންމުވެފަ އެވެ.
އަލީ ވަހީދުގެ މަންމަ މާލެ އިން ބައްލަވައިގަތް ގޯތީގެ އިތުރަށް އަލީ ވަހީދުގެ ދެކަނބަލުން ވެސް ހުޅުމާލެ އިން ބީލަމުގެ އުސޫލުން ދެ ބިމެއް ބައްލަވައިގަތެވެ. އެއިން ކޮންމެ ބިމެއްގެ އަގަކީ 4.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަލީ ވަހީދުގެ އަނބިކަނބަލުން ބައްލަވައިގެންނެވި ގޯތި ފައިސާ ނުދެއްކެވިގެން ވަނީ ކެންސަލްވެފަ އެވެ.