18 Nov 2010, 13:12
ސިފައިންގެ ހައްޔަރުގައި ހުންނެވި ލަންކާގެ އިދިކޮޅު ލީޑަރު ސަރަތު ފޮންސޭކާ މިނިވަން ކުރެއްވުމަށް ރައީސް މަހިންދަ ރާޖަޕަކްސަ އަށް ގޮވާނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ލަންކާގެ ރައީސް ރާޖަޕަކްސަ އާ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މިއަދު ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލަންކާއަކީ މުޅި މި ސަރަހައްދުގައި ގުޑުމެއްނެތި އެތައް އަހަރެއްގެ ހަރުދަނާ ޑިމޮކްރެސީއެއް ހިންގަމުންދާ ހަމައެކަނި ގައުމުކަމަށެވެ. އަދި ލަންކާގައި ހުއްޓުމެއް ނެތި ޝަރުއީ ނިޒާމު ވެރިކަމުގެ ފަރާތުން ވަކިކޮށް ހިންގަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެނޫން ސަގާފަތެއް ލަންކާގައި އުފެދެން ބޭނުންވެވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް، ބަރުމާގެ އިދިކޮޅު ލީޑަރު އަންގް ސަން ސޫކީ މިނިވަންކުރެއްވުމަށް ބާރު އެޅުއްވި ފަދައިން، މިހާރު ލަންކާ އަސްކަރިއްޔާގެ ހައްޔަރުގައި ހުންނެވި އިދިކޮޅު ލީޑަރު ފޮންސޭކާ މިނިވަންކުރެއްވުމަށް ގޮވާލާނަންތޯ ނޫސްވެރިޔަކު ދެންނެވުމުން ރައީސް ވިދާޅުވީ، ބަރުމާ އާއި ލަންކާގެ ހާލަތު އެއްގޮތް ކުރެވޭނެ އިލްމީ އެއްވެސް ހަމަ އެއް ނެތް ކަމަށެވެ. އަދި ލަންކާގެ އެއްވެސް ދާޚިލީ ކަމަކާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ނުދައްކަވާނެ ކަމަށާއި ފޮންސޭކާ މިނިވަންކުރެއްވުމަށް ވެސް ގޮވާނުލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"[ލަންކާގެ] އަމިއްލަ ދާޚީލީ ކަންތައްތަކުގެ އެއްވެސް ވާހަކައެއް އަޅުގަނޑު ސިލޯނުގައި ނުދައްކާނަން،" އެންމެފަހުން ލަންކާގައި ބޭއްވި ރިއާސީ އިންތިހާބަށް ފަހު އަސްކަރީ ބަންދުގައި ހުންނެވި ފޮންސޭކާ އާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.
ލަންކާގައި ޖެނުއަރީ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް މަހިންދަ ރާޖަޕަކްސާއާ އެންމެ ގާތުން ވާދަކުރެއްވި ސަރަތު ފޮންސޭކާ އެވެ. އިންތިހާބުގެ ކުރިން ފޮންސޭކާ އާއި ރައީސް މަހިންދަ ރާޖަޕަކްސައަކީ ކިތަންމެ ގާތް ދެ ބޭފުޅުން ކަމުގައި ވީނަމަވެސް، އިންތިހާބު ކައިރިވަމުން އައި ދުވަސްވަރު ފޮންސޭކާ ވަނީ އޭނާ އޭރު ހުންނެވި ލަންކާގެ އެންމެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވައި ރައީސް ރާޖަޕަކްސައާ ފެއަށް ޖެހިވަޑައިގެންފަ އެވެ. އަދި އިންތިހާބުގެ ތެރޭގައި ވެސް އަދި ފަހުން ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފަޑުވިދާޅުވަމުން ގެންދަވަނިކޮށް، ހަތަރު ތަރީޖެ ޖެނެރަލް ހައްޔަރުކުރީ މިދިޔަ މާޗް މަހު އެވެ.
މިހާރު ފޮންސޭކާގެ އެންމެހާ މަގާމާއި ޝަރަފުތައް އޭނާގެ ކިބައިން ވަނީ ނިގުޅައިގެންފަ އެވެ. އަދި އަސްކަރީ ކޯޓަކުން ކުރި ކޮރްޕްޝަނުގެ ދައުވާއެއް އޭނާގެ މައްޗަށް ސާބިތުވެ، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ތިން އަހަރުގެ ހުކުމެއް ވެސް އޭނާގެ މައްޗަށް އައިސްފަ އެވެ.
މއަދި ފޮންސޭކާގެ މައްޗަށް ކޮރަޕްޝަނުގެ 41 ދައުވާއެއް ލަންކާ ސަރުކާރުން ވަނީ އުފުލައިފަ އެވެ. އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ، ޕާލަމެންޓްގެ ގޮނޑިއެއް ފުރުއްވަމުން ގެންދަވާ ފޮންސޭކާ 20 އަހަރު ދުވަހަށް ޖަލަށް ލުމަށް އޭނާގެ މައްޗަށް ހުކުމް ކުރެވޭނެ އެވެ.