ކުރީގެ ފޮރިން މިނިސްޓަރު އަލްމަރުހޫމު ޑރ. އަބްދުއް ސަމަދު އަބްދުﷲ އަކީ ރާއްޖެއަށް ތަފާތު ރޮނގު ރޮނގުން ހިދުމަތް ކޮށްދެއްވާފައިވާ އަގުހުރި ދަރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

އަލްމަރުހޫމު ޑރ. އަބްދުއްސަމަދު ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި ރޭގެ މެންދަމުގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެން މިއަދު ފޮރިން މިނިސްޓަރީގައި ހުޅުވާލި ތައުޒިޔާގެ ދަފްތަރުގައި ރައީސް ޑރ. ވަހީދު ލިޔުއްވި މެސެޖްގައި ވަނީ ޑރ. ސަމަދު އަވަހާރަވުމަކީ މުޅި ގައުމަށް ލިބުނު ފޫނުބެއްދޭ ވަރުގެ ދެރައެއް ކަމަށެވެ.

އެ ތައުޒިޔާގައި ދަފުތަރުގައި ރައީސް ވަހީދު އިތުރަށް ލިޔުއްވާފައި ވަނީ ގައުމު ނުރައްކާތެރި ހާލަތެއްގައި ވަނިކޮށް ޑރ. ސަމަދު ކުރައްވާފައިވާ މަސައްކަތަކީ ފާހަގަކުރަން ޖެހޭ މަސައްކަތެއް ކަމަށާއި އެގޮތުން ރާއްޖެ ސީމެގުން ނެންގެވުމަށާއި ޖީއެމްއާރު އަތުން މައި އެއާޕޯޓު ހޯދެއްވުމަށް ކޮށްދެއްވި މަސައްކަތް ރައީސް ފާހަގަކުރެއްވި އެވެ.