ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމް ފަރިތަކުރުންތައް ފެށިއިރު އަނިޔާގައި ނިއުރޭޑިއަންޓްގެ މިޑްފީލްޑަރު އިސްމާއީލް އީސާ (މެސީ) އަށް މުބާރާތުގައި ކުޅެވޭނެ ކަމުގެ އުންމީދު އާވިއިރު ގައުމީ ޓީމްގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އަށް އަނިޔާގެ ސަބަބުން މުބާރާތުގައި ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތްކަމަށް ގައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ މިއަދު ބުނެފި އެވެ.

ނިއުރޭޑިއަންޓްގައި ވެސް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރިލޭއަށް އަނިޔާވީ ތައި ޕްރިމިއާލީގުގެ އޮސޮޓްސްޕާ އެފްސީއާ ދެކޮޅަށް ގައުމީ ޓީމް ކުޅުނު މެޗުގަ އެވެ. ކޯޗު ބުނީ ރިލޭއާއި މެސީއަށް ކުޅެވޭނެތޯ ނޫންތޯ ނިންމާނީ، ގައުމީ ޓީމްގެ ފިޒީޝަން އަހްމަދު ޝަކީބުގެ ލަފާގެ މަތިން ކަމަށެވެ.

"ރިލޭއާއި މެސީގެ މެޑިކަލް ޗެކަޕްއެއް ޝަކީބު ހަދާނެ. މީގަ ކުޅެވޭނެތޯ ސުވާލު އުފެދެނީ ރިލޭއާ ދޭތެރޭގައި. އެއީ ރިލޭއަށް ކުރިމަތިވީ ކުރިންވެސް އޭނާއަށް ލިބިފައިވާ އަނިޔާއެއް. އެއީ ވަރަށް ސީރިއަށް އަނިޔާއެއް ރިލޭއަށް ލިބިފައި މިވަނީ،" ކޯޗު ބުންޏެވެ. "އަހަރެން ބުނެފަ އޮންނާނީ ޝަކީބު ކައިރީގައި 100 ޕަސެންޓް ޔަގީން ކުރާށޭ ރިލޭ ފިޓްވާނެކަން ނުވަތަ ނޫންކަން. އެއީ ރިލޭއަށް ނުކުޅެވެންޏާ އަހަރެން ނަގާނީ މެސީ. މެސީގެ ބޭނުން ހިފޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބައޮތް،" އުރުބާނީ ބުންޏެވެ.

ރިލޭއަކީ ޑިފެންސް ކުރުމުގެ އިތުރުން އެޓޭކިންގައިވެސް ބޭނުން ހިފޭނޭ މުހިއްމު ކުޅުންތެރިއަކަށް ވާއިރު ކޯޗު ބުނީ، ރިލޭއަށް ނުކުޅެވޭ ގޮތްވުން އެއީ ޓީމަށް ލިބިގެންދާނޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވެސް އުރުބާނީ ބުންޏެވެ.

"ރިލޭއަކީ ވަރަށް ރަނގަޅު 50-50 ކުޅުންތެރިއެއް. އޭނަ ކުޅޭ ފަހަތަށްވެސް އަދި ކުރިއަށްވެސް. އޭނާގެ ބޭނުން ހިފޭނެ ކާނާތްފަރާތަށް ވެސް އަދި ވާތްފަރާތަށްވެސް. އަނެއްކާ އޭނާވަނީ، މި ސީޒަންގައި ނިއުރޭޑިއަންޓްގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައި. ހަމަ އެހެންމެ އޭއެފްސީ ކަޕްގައިވެސް ކުޅެ އިންޓަނޭޝަނަލް ތަޖުރިބާތަކެއް ލިބިފައި ހުރި ކުޅުންތެރިއެއް އެއީ. އެހެންވީމާ ރިލޭ ނެތުމަކީ ޓީމަށް ލިބޭނޭ ވަރަށް ބޮޑު ގެއްލުމެއް،" ކޯޗު ބުންޏެވެ. "އެކަމަކު ރިލޭ ނެތްތައް ފޫބެއްދޭނެ ގޮތްތައް އެބަހުރި،" އުރުބާނީ ބުންޏެވެ.

މިމަހުގެ 16 އިން 24 އަށް ތައިލެންޑުގައި ގައުމީ ޓީމް ފަރިތަކުރުންތައް ކުރިއަށް ގެންދިޔައިރު ތައިލެންޑުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ މެސީއަށް އެމެޗުގައި ކުޅެވުންކަން ކޯޗު ފާހަގަ ކުރިއެވެ.

މިމަހުގެ 31 ގައި ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ނޭޕާލަށް ދިއުމަށް ގައުމީ ޓީމް ފުރާނީ އަންނަ ބުދަ ދުވަހުއެވެ. އަދި އެދުވަހު ގައުމީ ޓީމްގެ 20 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާނު ކުރާނޭ ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުންޏެވެ.