25 Aug 2013, 21:26
މާލޭ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ތަރައްގީކުރަން ވެސްޓް ގޭޓާ ހަވާލުކޮށްފައިވާ މަޝްރޫއު ކުރިޔަށް ގެންދާނީ ސިވިލް ކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލަ ނިމޭ ގޮތަކުން ކަމަށް މާލޭ ސިޓީ ކައުންސިލުން މިރޭ ބުނެފި އެވެ.
ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުން މިހާރު ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން މަޝްރޫއު މެދުކަނޑާލަން އަންގާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"މިފަހަރު ސަރުކާރުން ބޭނުންވި ގޮތަށް އެކަން ނިމިގެންދާނެ ކަމަށް ބެލެވޭ. އެހެންވެ އަޅުގަނޑުމެން މިތިބީ ކޯޓުން އެކަމާ މެދު ނިންމާ ގޮތަކަށް އިންތިޒާރުކޮށްގެން. މި މަޝްރޫއު ހަވާލުކުރި ދުވަހުން ފެށިގެން މީޑިއާ އާއި ސަރުކާރުން ދަނީ މިކަން ގޯސްކޮށް ވާހަކަ ދައްކަމުން،" އޭނާ ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ އެ މަޝްރޫއު ކުރިޔަށް ގެންދަން ނިންމީ އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށެވެ. އަދި އެކަމުގައި ހައުސިން މިނިސްޓްރީގެ ހުއްދަ ހޯދާކަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަމުގައި މިހާރު މިހިނގަނީ ދެ ފަރާތުގެ ކޯޅުމެއް. ނަމަވެސް އެކަން އެގޮތަށް ކުރިޔަށް ގެންދަން ސަރުކާރުން ބޭނުން ނުވަނީ އިންތިހާބު މިހާ ކައިރިވެފައި އޮތުމުން. މިއީ ކޮންމެ ގޮތެއް ވިޔަސް މާލެއަށް ވަރަށް މުހިންމު މަޝްރޫއެއް،" ސުޖާއު ވިދާޅުވި އެވެ.
ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ ސިވިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު އެ މައްސަލަ ބާތިލުކޮށްފައި ވާތީ އަނެއްކާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ކަމަށެވެ.
އޭނާ ވިދާޅުވީ ދައުވާގައި އެދިފައި ވަނީ އާ ހާބަރު ސަރަހައްދުން ބިންތައް ކުއްޔަށްދޭން ހުޅުވާލި ބީލަން ބާތިލު ކަމެއްގެ ގޮތުގައި ޝަރީއަތުން ކަނޑައަޅައި ދިނުމަށް ކަމަށެވެ.
އެ މައްސަލައާ މެދު ކޯޓުން ވަކިގޮތެއް ނިމެންދެން އާ ހާބަރު ސަރަހައްދުން އެއްވެސް ފަރާތަކަށް ބިން ދޫނުކުރުމަށާއި އެފަދަ ކަމެއް ކޮށްފައިވާ ނަމަ އެކަމަށް އަމަލުކުރުން ފަސް ކުރުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދިފައިވާނެ ކަމަށް ވެސް އުޝާމް ވިދާޅުވި އެވެ.
އާ ހާބަރު ސަރަހައްދު ތަރައްގީ ކުރުމަށް މަހަކު 400،000 ރުފިޔާ އަށް، 25 އަހަރު ދުވަހަށް މާލޭ ސިޓީ ކައުންސިލުން ކުއްޔަށްދީފައި ވަނީ ވެސްޓް ގޭޓް ޕްރައިވެޓް ލިމިޓާ އެވެ.