25 Aug 2013, 17:51
ސާފްޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޓަކައި ރާއްޖޭގެ ގައުމީ ޓީމް މިމަހުގެ 16 އިން 24އަށް ތައިލެންޑްގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތައް ޖުމުލަ ގޮތެއްގައި ރަނގަޅު ކަމަށް ޓީމުގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފިއެ އެވެ.
ގައުމީ ޓީމް ތައިލެންޑަށް ކުރި ދަތުރު ނިންމާލުމަށްފަހު މިއަދު ހެނދުނު މާލެއައިސް ދަތުރާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މެންދުރު ފަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ގައުމީ ޓީމްގެ ހަންގޭރީ ކޯޗު ބުނީ، ހިތްހަމަ ނުޖެހޭ ބައެއް ކަންތައްތައް ދިމާވިނަމަވެސް ފަރިތަކުރުންތައް ރަނގަޅަށް ކުރިއަށް ގެންދެވުނު ކަމަށެވެ.
"މިއީ ޓީމް އެކުލަވައިލުމުގެ ގޮތުން ކުރި ދަތުރެއް. ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްހަމަޖެހިގެން އެކުގައި ރަނގަޅު ވަގުތުތަކެއް ހޭދަކުރި. އަދި ހަމަ އެހެންމެ އެންމެ މުހިއްމު ކަމަކީ ހުރިހާ ކުޅުންތެރިންނާ ވަކިވަކިން އެކިކަންތައްތަކާ ބެހޭގޮތުން ހަމަޖެހިލައިގެން ތިބެ ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނު،" ކޯޗު ބުންޏެވެ. "އަހަރެމެންނަށް ޖުމުލަ ފަސް ޕަރިތަކުރުން ބޭއްވިން. އަދި ފަރިތަކުރުން ތައްބާއްވަން ގާއިމްކޮށްފައި ހުރި ވަސީލަތަކުގައިވެސް އެއްވެސް މައްސަލައެއް ނެތް."
ގައުމީ ޓީމް ތައިލެންޑަށް ދިޔައިރު ރާވާފައި ވަނީ އެގައުމުގައި ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު އެކުވެރިކަމުގެ ތިންމެޗު ކުޅެން ކަމަށާއި އެހެން ނަމަވެސް ކަންދިމާކުރިގޮތުން އެފުރުސަތު ނުލިބުނު ކަމަށް ކޯޗު ބުންޏެވެ.
"ތައިލެންޑަށް ދިޔައިރު ނިންމާފައި އޮތީ ތިން މެޗު ކުޅެން. އެކަމަކު ނަސީބު ދެރަކަމުން އަހަރުމެންނަށް ކުޅެން ލިބުނީ އެންމެ ދެމެޗު. ދެން ސުވާލަކަށްވީ އަވަހަށް މާލެ އަންނާނީތޯ ނޫންތޯ. ދެން އަހަރެން ލަފާދިނިން ތިންވަނަ މެޗެއް ހަމަޖައްސަން، އެންމެ ފުރަތަމަވެސް ރާވާފައިވާ ގޮތަށް. އެކަމަކު، ފަރިތަކުރުންތައް ބާއްވާ ތާވަލަށް ގެނައި ބަދަލެއްގެ ސަބަބުން ތިންވަނަ މެޗެސް ކުޅޭނެ ފުރުސަތެއް ނުލިބުނު،" އުރުބާނީ ބުންޏެވެ.
ތައިލެންޑުގައި ރާއްޖެ ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން ތައި ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ އޮސޮޓްސްޕާ އަތުން 3-2 އިން މޮޅުވި ނަމަވެސް ދެވަނަ މެޗުގައި ތައިލެންޑުގެ 19 އަހަރުން ދަށުގެ ޓީމާ ކުޅެ ރާއްޖެ ބަލިވީ 2-3 އިން ނެވެ.
"އޮސޮޓްސްޕާއާ ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް ރަނގަޅު އަދި ވާދަވެރި މެޗެއް. އެމެޗުގެ ބޭނުން ވަރަށް ރަނގަޅަށް ހިފުނު. އެހެން ނަމަވެސް މެޗު ފެށުމުގެ ކުރިން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދަނޑުގެ ހާލަތު އެހާ ރަނގަޅެއް ނޫން. އެކަމަކު ގޭމްޕްލޭނާ އެއްގޮތަށް ކުޅެނު. އެމެޗުން ވަރަށް ފައިދާކުރި،" ކޯޗު ބުންޏެވެ. "ނަސީބު ދެރަކަމުން ބުނެވޭނީ ދެވަނަ މެޗަކީ ހަމަ ބޭކާރު މެޗެކޭ. ދަނޑުގައި ހަފްލާއެއް އޮވެފައި ދެގަޑިއިރުވަންދެން މަޑުކުރަން ޖެހުނު. އެ ނޫންނަމަ އެ މެޗު ކެންސަލް ކޮށްލާނަން. އެތަން އޮތީކީ މެޗު ކުޅޭ ހާލަތެއްގައެއް ނޫން."
ކޯޗު ބުނީ 19 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅެން ނިންމީ އެމެޗުގައި އިސްމާއީލް އީސާ (މެސީ) އަށް 40 ވަރަކަށް މިނިޓު ކުޅެލުމުގެ ފުރުސަތު ދީގެން އޭނާގެ ފިޓްނަސް ޓެސްޓް ކޮށްލުމަށް ކަމަށާއި އެމެޗުން ހާސިލްވި ހަމަ އެކަނި ކަމަކީ އެއީ ކަމަށެވެ.
"އަހަރެން އެ މެޗުގައި ބޭނުމެއް ނުކުރަން ފުރަތަމަ 11 ގައި ހިމެނޭ ކުޅުންތެރިންނެއް. ޑިފެންޑަރުން ފަދަ ކުޅުންތެރިން ނެރުނީ. ސަބަބަކީ ކުޅުންތެރިއަށް ބޮޑު އަނިޔާއެއް ލިބުމުގެ ފުރުސަތު އޮތީމަ،" ކޯޗު ބުންޏެވެ.