25 Aug 2013, 15:36
ހދ. ހޮނޑައިދޫގައި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހީމް ހުސައިން ޒަކީ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މިއަދު ހެނދުނު 10:30 އެހައިކަންހާއިރު ޒަކީ ފުލުސް އޮފީހަށް ހާޒިރުކުރުމުން ފުލުހުންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި ގާނޫނު އަސާސީން ލިބިދީފައިވާ ހަނުހުރުމުގެ ހައްގުގެ އޭނާ ބޭނުންކުރައްވާފައިވާ ކަމަށެވެ.
ޒަކީގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އެ މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފަ އެވެ.
ޒަކީ ފިޔަވައި ހޮނޑައިދޫން ހައްޔަރު ކުރި ހުރިހާ ދިވެހީންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އާއި ކެނަބިހުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ބަނގުރާ ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ޒަކީގެ ދަރިކަލުން މުހައްމަދު ހަމްދާން ޒަކީގެ މައްޗަށް އުފުލާފައި ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު އާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ފާއިޒުގެ މައްޗަށް އުފުލާފައި ވަނީ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އެވެ.