25 Aug 2013, 15:31
ވިލާ ގޭހުގެ ފުޅިތަކެއް ބަރުކޮށްގެން ދިޔަ ދުވަސްވީ ޕިކަޕެއްގެ އިންޖީނު ކޮންޓްރޯލް ނެއްޓި، އަލިފާނުގެ ހާދިސާއެއް ކިރިޔާ ނުހިނގައި އޮއްވައި، ސަލާމަތް ވެއްޖެ އެވެ.
މިއަދު މެންދުރު ފަހު 1:00 އެހާކަންހާއިރު ލޮނުޒިޔާރަތް މަގު ވީބީ މާޓް ކުރިމަތިން ދުއްވާފައި ދިޔަ ވިލާ ގޭހުގެ އެ ޕިކަޕް ކުއްލިއަކަށް ހުއްޓި، އިންޖީނުން އާދަޔާ ހިލާފަށް ދުން އެރި އެވެ. އެހިސާބުން ޕިކަޕްގެ ޑްރައިވަރު އިންޖީނު ނިއްވަން އުޅެއުޅެ، އެކަމެއް ވާގޮތެއް ނުވި އެވެ. ދިހަ ވަރަކަށް ގޭސް ފުޅި ބަރުކޮށްގެން ދިޔަ ޕިކަޕުގެ އިންޖީނުގެ ކޮންޓްރޯލް ގެންލުނު ނަމަވެސް ތަނެއްގައި ނުޖެހެ އެވެ.
އެ ހާދިސާ ހިނގި އިރު، ޕިކަޕްގައި ތިބީ ބިދޭސީންނެވެ. ޕިކަޕް ދުއްވަން އިން ބަންގްލަދޭޝް ޑްރައިވަރު "ސަން"އަށް ކިޔައިދިން ގޮތުގައި ލޮނުޒިޔާރަތްމަގު، ވީބީ މާޓް ކުރިމަތިން ދުއްވާފައި ދަނިކޮށް، ޕިކަޕުގެ ކޮންޓްރޯލް އޭނާ އަށް ގެއްލުނު ކަމަށާއި ޕިކަޕުގެ ތަޅުދަނޑި ނެއްޓުމުން ވެސް އިންޖީނު ނުނިއްވުނު ކަމަށެވެ. އަދި އަލިފާން ރޯވާ ވަރަށް އާދަޔާ ހިލާފަށް އިންޖީނުން ދުން އެރި ކަމަށާއި ނަމަވެސް ކުއްލިއަކަށް ދުންގަނޑު ހުއްޓި، "ބޮޑު ކަމަކުން" ސަލާމަތްވި ކަމަށް ބަންގްލަދޭޝް މީހާ ބުންޏެވެ.
"އިންޖީނު ސަކަރާތް ވަނީ. ތަޅުދަނޑި ނަގަނީމަ އިންޖީނު ނުނިވޭ. ދެން މަ [ޕިކަޕުން] ފައިބަނީމަ ކުޑައިރުކޮޅަކުން ދުން ނާރަނީ. އިންޖީނު ވެސް ހުއްޓެނީ،" އެއްގަމު އުޅަދު ދުއްވުމުގެ ވަގުތީ ލައިސަންސް އޮތް ބަންގްލަދޭޝް ޑްރައިވަރު ބުންޏެވެ.
ލޮނުޒިޔާރަތް މަގުގައި އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭ އެމްއެންޑީއެފްފެ ފަޔާ އެންޑް ރެސްކިއު ޓީމުން އެތަނަށް ދިޔަ އެވެ. އަދި ވިލާ ގޭސްގެ އިސް ބޭފުޅަކު ވެސް ހާދިސާ ހިނގި ސަރަހައްދަށް އަ އެވެ.
އާދަޔާ ހިލާފަށް ދުން އަރައި އަލިފާން ރޯވާން އުޅުނު "ގޭސް ޕިކަޕު" އެމްއެންޑީއެފުން ރައްކާތެރިކަކާ އެކު އެ ސަރަހައްދުން ގެންދިއުމަށް ވިލާ ގޭސްއަށް އެންގި އެވެ. އަދި އެކަމަށް ވިލާއިން އެއްބަސްވެ، އުނޅަދުވެސް އެތަނުން ގެންދިޔަ އެވެ.