އެމެރިކާގެ ލޫޒިއާނާގައި ދިރިއުޅުނު އުމުރުން 87 އަހަރުގެ އަންހެނެއް ކަމަށްވާ މޭރީ ސްމޮދާސް އަށް ހަމަލާދީ މަރާލީ އެ ހާދިސާ ހިނގުމާ ހަމައަށް ވެސް އޭނާއާ ދުޝްމަން ކަމެއް ނެތް މީހެކެވެ. އެއީ އޭނާގެ ބެލުމުގެ ދަށުގައި ހުރި އުމުރުން އެންމެ އަށް އަހަރުގެ މާމަދަރިއެކެވެ.

މާމަ ޓީވީ ބަލަން އިންދައި ބޮލަށް ބަޑިޖަހައި މަރާލި ކުއްޖާގެ މައްޗަށް ދައުވާއެއް ނޫފުލާ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނޫހުން ބުންޏެވެ. އެއީ އޭނާގެ އުމުރުން ހަގުކަމުން ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެނޫސް ބުންޏެވެ.

މާމަގެ އަމިއްލަ ބަޑިން ހަމަލަދީ މާމަ މަރާލި ކުއްޖާ ތަހުގީގުގައި ބުނެފައި ވަނީ އޭނާ އަތުން މާމަ މަރުވީ ހަތިޔާރާ ކުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ. ނަމަވެސް އޭނާ އެކަން ކުރީ ގަސްދުގައި ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ނޫހުގައިވެ އެވެ.

ކުޑަކުއްޖާ އޭނާގެ މާމަ މަރާލި ހާދިސާ ތަހުގީގުކުރުމުން އެނގިފައިވާ ގޮތުގައި އޭނާ އެކަން ކުރީ ހަމަނުޖެހުންތައް ހިނގައި މީހުން މެރުމުގެ ހަރަކާތްތައް ދައްކުވައިދޭ ވީޑިއޯ ގޭމް "ދަ ގްރޭންޑް ތެފްޓް އޮޓޯ" ( ޖީޓީއޭ) ގޭމް ކުޅެން އިނދެފައި ގޮސް ކަމެވެ.

މާމަ މަރާލި ކުއްޖާގެ މައްޗަށް ދައުވާ އުފުލާފައި ނުވަނީ އުމުރުން 10 އަހަރު ނުވާ ކުއްޖެއްގެ މައްޗަށް ކުށެއްގެ ދައުވާ ނުކުރެވޭނެ ކަމަށް ލޫޒިއާނާ ސްޓޭޓްގެ ގާނޫނުގައި އޮންނާތީ އެވެ.