ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މިދިޔަ އަހަރު މާލޭގާއި ކުރި މުޒާހަރާގައި ފުލުހުންނާ މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ބ. ތުޅާދޫ ކައުންސިލަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ތުޅާދޫ ކައުންސިލްގެ އެމްޑީޕީ މެމްބަރު އެރަށު ޗާންދަނީގޭ ޒިޔާއު ރަޝީދު އިބްރާހީމް،30،ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ފުރަތަމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވިޔަ ނުދޭނެ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް މާލެތެރެއަށް އެއްވެ ހަމަނުޖެހުން އުފެއްދުމަށް ޓަކައި މުޒާހަރާކޮށް ފުލުހުންގެ ސަފުތައް ރުޅާލައި ފުލުހުންނާ މެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.

ޒިޔާއު އަކީ މީގެ ކުރިން ވެސް މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ރަށުތެރެއަށް އެއްވެ ހަމަނުޖެހުން ހިންގައި، އަމަން ބަލަހައްޓަން ތިބޭ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންނަށް ހަމަލަދީ މާރާމާރީ ހިންގާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.