ރޭ ސިންގަޕޫރުގައި އަވަހާރަވެފައިވާ ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބުދުއް ސަމަދު އަބުދުﷲގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު މިއަދުގެ އަސުރު ނަމާދަށް ފަހު އޮންނާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ޑރ. ސަމަދުގެ މައްޗަށް ޣައިބަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދުގެ އަސުރު ނަމާދަށް ފަހު، މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)ގައި ކަމަށެވެ.

ކަށު ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން ވަރަށް ބޮޑަށް އެދުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަމަދު ހަވަހާރަވީ ސިންގަޕޫރުގެ މައުންޓް އިލިޒަބަތު ހޮސްޕިޓަލްގައި ކިޑްނީ އާއި ހިތުގެ ހާލާސްކަންފުޅަކަށް ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް ރާއްޖޭ ގަޑިން ރޭ މެންދަމު 1.05 ގަ އެވެ.

ޑރ. ސަމަދު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާފައި ވާތީ އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފަ އެވެ.