ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲގެ ޒިކުރާ އާކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ނަންފުޅުގައި ހާއްސަ ސްކޮލާޝިޕެއް އިއުލާނު ކުރެއްވުމަށް ސަރުކާރުން ނިންމައިފި އެވެ.

މިއަދު ބޭއްވި ކެބިނެޓް މީޓިންގައި ނިންމާފައި ވަނީ ޑރ. ސަމަދު ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބޭއްވެވުމަށާއި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދުގެ އަސުރު ނަމާދަށްފަހު އެމަނިކުފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެއްވުމަށެވެ.

ޑރ. ސަމަދު ކޮށްދެއްވާފައިވާ ގައުމީ ހިދުމަތްތަކުގެ މައްޗަށް މިއަދުގެ ބައްދަލުވުމުގައި މަޖިލީހުގެ މެންބަރުން ވާހަކަފުޅު ދައްކަވަމުން ވަނީ އެ މަނިކުފާނަކީ ވަރަށް އިހުލާސްތެރި ވަރަށް ހިތްވަރުފުޅުގަދަ ބޭފުޅެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި، އެ މަނިކުފާނަކީ ރައީސް މުހަންމަދު ވަހީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި އެންމެ އުނދަގޫ ދުވަސްވަރު، ރާއްޖޭގެ ހާރިޖީ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެން، ބޭރު ގައުމުތަކާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ހީނަރުކަމެއް އަޔަނުދެއްވައި، ވަރަށް ސާބިތުކަމާއެކު މަސައްކަތްޕުޅު ކޮށްދެއްވި ބޭފުޅެއްކަންވެސް މަޖިލީހުގެ މެންބަރުން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖެއާއި، ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި، ހާއްސަކޮށް އޭޝިޔާ ބައްރުގެ ސިއްހީ ކަންތައްތައް ތަރައްގީ ކުރައްވައި ކުރިއެރުވުމަށް އެމަނިކުފާނު ކޮށްދެއްވި މިންނެތް މަސައްކަތްޕުޅުތަކުގެ އަގުވަޒަން ކުރައްވައި، މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވާހަކަފުޅު ދެއްކެވި އެވެ.