މިދިޔަ ޖުލައި މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 14.3 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖުލައި މަހު ރާއްޖެ އަށް 87,972 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ ޖުލައި މަހު އައިސްފައި ވަނީ 76,966 ޓޫރިސްޓުން އެވެ. އެހެންކަމުން އެއީ 14.3 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން 36,551 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 32.2 ޕަސެންޓް އިތުރުއަދަދެކެވެ. ހިސާބުތައް ދައްކާ ގޮތުން ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޖަރުމަނުންނެވެ. އެ ގައުމުން 5418 ޓޫރިސްޓުން އައިސްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ޓޫރިސްޓްއިން އައިސްފައިވާ ރަޝިއާ އިން ވަނީ 4612 ޓުރިސްޓްއިން ރާއްޖެ އައިސްފަ އެވެ.

ސަރަހައްދުތަކަށް ބަލާ އިރު މިދިޔަ މަހު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓް އިން އައިސްފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ. އެގޮތުން އެސަރަހައްދުން 51107 ޓުރިސްޓުން ރާއްޖެ އައިސްފައިވާ އިރު އެއީ މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާ އިރު 30 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިދިޔަ މަހު ޔޫރަޕް ސަރަހައްދުން ރާއްޖެ އަށް 32701 ޓުރިސްޓުން އައިސްފައިވާ އިރު އެމެރިކާ ބައްރުން ވަނީ 2486 ޓުރިސްޓްއިން ރާއްޖެ އައިސްފަ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ރާއްޖެ އަށް އައިސްފައި ވަނީ 627,639 ޓުރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެމުއްދަތާއި އަޅާބަލާ އިރު 17 ޕަސެންޓް އިތުރުވުމެކެވެ.