25 Aug 2013, 13:07
ވޮޝިންޓަން (އޮގަސްޓް 25) : އަފްޣާނިސްތާނުގެ ކަންދަހާރުގެ ރަށްފުށުގެ ހިސާބެއްގައިވާ ފަގީރުންގެ ޖިފުޓި ތަކަށް ބަޑިޖަހައި 16 މީހަކު މަރާލި ޤަތްލު އާންމު ހިންގި އެމެރިކާ ސިފައިންގެ މީހާ، ރޮބަޓް ބޭލްޒް، އުމުރަށް ޖަލަށްލުމަށް އެމެރިކާގެ ޢަސްކަރީ ކޯޓަކުން ޙުކުމް ކުރުމުން މަރާލެވުނު މީހުންގެ ޢައިލާތަކުން އެމެރިކާގެ ޢަދްލު އިންސާފުގެ ނިޒާމަށް ފާޑުކިޔައިފި އެވެ.
މިޤަތްލު އާންމުން ސަލާމަތްވި އަފްޣާން ރަށްފުށުގެ ބައެއްމީހުންވަނީ ވޮޝިންޓަންގެ ލުއިސް މޮކޯޑް ޢަސްކަރީ ބޭހުގައި ޖޫރީން ކުރިޔަށްދިޔަ އަސްކަރީ ކޯޓުގެ ޝަރީޢަތަށް ޙާޒިރުވެފައެވެ. ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުވި މީހުންގެ ތެރޭގައި މި ޤަތްލު އާންމުގައި ޢާއިލާގެ 11 މީހަކު މަރުވި ހައްޖީ މުހައްމަދު ވަޒީރު ހިމެނެއެވެ. ރޮބަޓް ބޭލްޒް ހިންގި މިޤަތްލު އާންމުގައި ހައްޖީ މުހައްމަދު ވަޒީރުގެ މަންމައާއި އަންހެނުންނާއި އޭނާގެ 6 ދަރިން މަރާލާފައެވެ.ޙައްޖީ ބުނިގޮތުގައި އޭނާ އުންމީދުކޮށްގެންހުރީ އެމެރިކާގެ ޓެރަރިސްޓް (ރޮބަޓް ބޭލްޒް) އަފްޣާން 16 މީހުން މަރާލުމުން ބޭލްޒް އަށް މަރުގެ އަދަބު ދެވޭނެ އިންސާފެއް އެމެރިކާގެ އަސްކަރީ ކޯޓުން ލިބޭނެ ކަމަށް އުންމީދުކޮށްގެން ކަމަށާ ނަމަވެސް އެމެރިކާއަކީ ނިކަމެތިންނަށް އިންސާފު ލިބޭނެ ގައުމެއް ނޫންކަން ޖޫރީންގެ ޙުކުމުން ސާބިތުވެފައިވާ ކަމުގައެވެ.އެމެރިކާއަކީ މަރަށް މަރުހިފުމުގެ ޤާނޫނެއް އޮންނަ ގައުމަކަށްވާއިރު 16 މީހުން ގަސްދުގައި މަރާލި މުޖްރިމަކަށް މަރުގެ އަދަބު ނުދިން ސަބަބާމެދު ހައްޖީ ވަނީ ސުވާލު އުފައްދާފައެވެ.
އަފްޣާނިސްތާނަށް އަރައިތިބި އެމެރިކާގެ އިސްތިޢްމާރީ ބާރުތަކުގައި ހިމެނޭ ސްޓާފް ސާޖަންޓެއް ކަމަށްވާ އުމުރުން 39 އަހަރުގެ ރޮބަޓް ބޭލްޒް ކަންދަހާރުގެ ރަށްފުށުގެ ހިސާބެއްގައިވާ ފަގީރުންގެ ޖިފުޓި ތަކަށް ބަޑިޖަހައި 16 މީހަކު މަރާލި ޤަތްލު އާންމު ހިންގާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ. މި ޖަރީމާ ހިންގި ކަމަށް ބީލްޒް އިޢްތިރާފްވީ މަރުގެ ހުކުމުން ސަލާމަތް ވުމުގެ ބޭނުމުގައި މިދިޔަ ޖޫންމަހުގައެވެ. މިޖަރީމާ ހިންގީ އަފްޣާން ޢާންމުން މެރުމުގެ ނިޔަތުގައި ގަސްދުގައި ކަމަށްވެސް ބޭލްޒް އިޢްތިރާފް ވެފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ވޮޝިންޓަންގެ ލުއިސް މޮކޯޑް ޢަސްކަރީ ބޭހުގައި ކުރިޔަށްދިޔަ ޝަރީޢަތުގެ މަޖިލީހުގައި ބޭލްޒް ވަނީ މި މިޖަރީމާއަށް އިޢްތިރާފްވެ އޭނާއަށް މަޢާފްދިނުމަށް ޖޫރީންގެ ކިބައިން އެދިފައެވެ. ޖޫރީންވަނީ އޭނާއަށް މަޢާފް ދިނުމަށް ދެކޮޅުހަދާފައެވެ. ނަމަވެސް ޖޫރީން ޙުކުމްކުރީ20 އަހަރު ޖަލުގައި ހޭދަކުރުމުން މަޢާފަށް އެދުމުގެ ފުރްސަތު ބޭލްޒްއަށް ލިބެގޮތަށެވެ. ބޭލްޒްއަށް ޙުކުމް އިއްވި ވަގުތު އޭނާއަށް މާބޮޑު އަސަރެއް ކުރިކަމަށް ނުފެނުނު ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި ހުރި އޭނާގެ މަންމަވަނީ ޙުކުމާމެދު ހިތާމަކޮށް އަޑުންއަޑުނަގައި ރޮއިފައެވެ.
އެމެރިކާ ސިފައިންގެ އެތަށް ބަޔަކު ޢިރާޤާއި އަފްޣާނިސްތާނުގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް މިބާވަތުގެ އެތަށް ޤަތްލު އާންމެއް ހިންގާފައިވާއިރު މިއީ މިޤަތްލު އާންމުތައް ހިންގި އެމެރިކާ ސިފައިންގެ މީހުންގެ ތެރެއިން މިފެންވަރުގެ އަދަބެއް ދިނުމަށްވެސް އެމެރިކާއިން ޙުކުމްކުރި ފުރަތަމަ ފަހަރެވެ. ޢިރާޤުގެ ގެއަކަށްވަދެ އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 11 މީހުން މަރައި އެމީހުންގެ ހަށިތައް އަންދާލި ބިރުވެރި ޤަތްލު އާންމު ހިންގި އެމެރިކާ ސިފައިންގެ މީހާގެ މައްޗަށްވެސް އެމެރިކާގެ ޢަސްކަރީ ކޯޓުން ކުރި ޙުކުމަކީ އެމީހާގެ މަޤާމު ދަށްކޮށްލުމާއި ދެއަހަރުގެ މުއްދަތަށް ވަޒީފާއިން ސަސްޕެންޑް ކުރުމެވެ. (ނޫސްއެޖެންސީތައް)