25 Aug 2013, 12:50
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ އަވަހާރަވުމުން އެމަނިކުފާނުގެ އާއިލާއަށް ރިޔާސީ ހަތަރު ކެންޑިޑޭޓުން ވެސް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ޕީޕީއެމްގެ ރިޔާސީ ކެންޑޭޓް އަބުދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޑރ. ސަމަދުގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވެފަ އެވެ.
ތައުޒިޔާ ވިދާޅުވުމަށް ފަހު ރައީސް ވަހީދު ވިދާޅުވީ ޑރ. ސަމަދަކީ ގައުމަށް ވަރަށް ބޮޑެތި ކަންތައްތަކެއް ކޮށްދެއްވާފައިވާ ވަރަށް ގިނަ ބޭފުޅުންގެ ލޯތްބާއި އިހުތިރާމު ލިބިވަޑައިގަތްފައިވާ ބޭފުޅެއް ކަމަށެވެ. އަދި ވިދާޅުވީ ޑރ. ސަމަދު މަސައްކަތްކޮށް ދެއްވާފައި ވަނީ ވަރަށް ބޭނުންތެރި ވަގުތެއްގައި ކަމަށެވެ. ގެއްލިގެން އެދިޔައީ ގައުމު އުފެއްދި އެންމެ އަގުހުރި އެއް ދަރި ކަމަށާއި ޑރ. ސަމަދު އަވަހާރަވުމުން ގައުމަށް ވަރަށް ބޮޑު ހިތާމައެއް ކުރިމަތި ވިކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
"އަޅުނގަޑަށް ވަރަށް ބޭނުންތެރި ވަގުތެއްގައި، ދިވެހި ދައުލަތަށް ވަރަށް ބޭނުންވި ވަގުތެއްގައި، ވަޒީރުލް ހާރިޖިއްޔާގެ މަގާމު ގަބޫލުކުރައްވާ ވަރަށް އިހުލާސްތެރިކަމާ އެކު ވޭތުވެ ދިޔަ ދުވަސްތަކުގައި މަސައްކަތް ކޮށްދެއްވާފައި ވަނީ،" އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅު މެދުކަނޑާލުމަށް ފަހު މާލެ ވަޑައިގަތް ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވަހީދު ވިދާޅުވި އެވެ.
ޑރ. ސަމަދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. ވަހީދުގެ ކެމްޕޭން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ވަނީ މާލެވަޑައިގެންފަ އެވެ.
ޑރ. ސަމަދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވުމުގެ ގޮތުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމުގައި ދެމިހުންނަވަނިކޮށް ޑރ. ސަމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމަ އާއި ހިތްދަތިކަމާ އެކުގައި ކަމަށެވެ.
ޑރ. ސަމަދަކީ އެމަނިކުފާނުގެ އިލްމާއި ގާބިލްކަމާ ތަޖުރިބާ އަށް ބަލާ އިރު މި ގައުމަށް ނުހަނު އަގުހުރި ދަރިއެއް ކަމަށާއި ގެއްލިގެން އެ ދިޔައީ ތޫނުފިލި ވިސްނުންތެރިއެއް ކަމަށް ވެސް ގާސިމު ވިދާޅުވެފައިވެ އެވެ.
ޑރ. ސަމަދުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ފަހު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނު ވިދާޅުވެފައި ވަނީ ޑރ. ސަމަދު އަވަހާރަވީ ހަބަރު އެއްސެވީ ކުއްލި ސިހުމާއި ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ޑރ. ސަމަދުގެ އާއިލާ އަށް ކެތްތެރިކަން ދެއްވައި، މަރުހޫމަށް ސުވަރުގޭގެ ނިއުމަތް ދެއްވުން އެދި ﷲ އަށް ދުއާ ކުރާ ކަމަށެވެ.
ޑރ. ސަމަދަށް ތައުޒިއްޔާ ވިދާޅުވެ ނަޝީދުގެ ވެބްސައިޓްގައި ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ސަމަދަކީ ޕަބްލިކް ހެލްތްގެ ދާއިރާއިން ރާއްޖެއަށް އަގު ނުކުރެވޭވަރުގެ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ހިތާމަވެރި މި ދަނޑިވަޅުގައި ސަމަދުގެ އާއިލާއަށާއި އެމަނިކުފާނުގެ ގާތްތިމާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުވާކުރައްވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ޑރ. ސަމަދު އަވަހާރަވީ، ކިޑުނީ އާއި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން ދަނިކޮށް ރާއްޖޭ ގަޑިން ރޭ މެންދަމު 1:05ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގަ އެވެ. އަވަހާރަވި އިރު އުމުރު ފުޅަކީ 67 އަހަރެވެ.