ލ. މާވަށު މީހަކު ހައްޔަރުކޮށްގެން ލ. ގަމަށް ގެންދަން އުޅުމުގެ ތެރޭގައި ފުލުހުންގެ ލޯންޗެއްގެ ބިއްލޫރިގަނޑު ތަޅާލައި ބައެއް ފުލުހުންނަށް އެކިވަރުގެ ހާނިއްކަވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޑުރަގުގެ މައްސަލައެއްގައި މާވަށުން ފުލުހުން ހައްޔަރުކޮށްފައި ހުރި މީހަކު ތަހުގީގު ކުރުމަށް ލ. ގަމު ޕޮލިސް ސްޓޭޝަނަށް ގެންދަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުންގެ ލޯންޗު އެ ރަށަށް ދިއުމުން އެ ރަށު ބަޔަކު ނުކުމެ ލޯންޗާ ދިމާލަށް ގާ އުކައި ލޯންޗުގެ ބިއްލޫރިގަނޑެއް ތަޅާލާފައިވާ ކަމަށެވެ.


އަދި އޭނާ ވިދާޅުވީ ގާ އުކުމުގެ ސަބަބުން ބައެއް ފުލުހުންނަށް އެކި ވަރުގެ ހާނިކަވެފައިވާ ކަމަށާއި އަދި ބައެއް ފުލުހުންނަށް ލ. ގަމު ހޮސްޕިޓަލުން ފަރުވާދީނުމަށް ފަހު މިހާރު ދޫކޮށްލާފައި ވާކަމަށެވެ.


އެހެނަސް އެއީ ކިތައް ފުލުހުންކަމެއް އަދި އެ މީހުންނަށް ލިބިފައި ވަނީ ކިހާވަރެއްގެ ހާނީއްކައެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.


އެ ހާދިސާ އާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ހައްޔަރުކުރި މިހާގެ އެއްވެސް މައުލޫމާތު ވެސް އާންމު ނުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.