25 Aug 2013, 12:40
މިނިސްޓަރު އޮފް ޕޮރިން އެފެއާޒް ޑރ. އަބްދުއްސަމަދު އަބްދުﷲ ސިންގަޕޫރުގައި ފަސްދާނުލައްވައިފި އެވެ.
ސިންގަޕޫރުގައި މިއަދު މެންދުރު ނަމާދަށް ފަހު ރާއްޖޭ ގަޑިން 11 ޖެހި އިރު ޑރ. ސަމަދު ފަސްދާނުވަޑުވާފައި ވަނީ އެ ގައުމުގެ ޗޮއާ ޗޫ ކަންގް ގަބުރުސްތާނުގަ އެވެ. ސިންގަޕޫރު ގަޑިން މެންދުރު ފަހު 2 ޖެހި އިރު ބޭއްވި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ވަހީދުއްދީން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
އޭގެ އިތުރުން ސަމަދުގެ އަނބިކަނބަލުން އަމީނާ އަލީ އާއި ބޭފުޅުންނާއި އާއިލާގެ ބައެއް މެންބަރުންނާއި ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހަލީލު މި ޒަނާޒާގައި ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ސިންގަޕޫރުގައި މިވަގުތު ތިއްބެވި ގިނަ އަދަދެއްގެ ދިވެހިން ވެސް އެ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޑރ. ސަމަދު ދެމި އޮތުމުގެ އާލަމަށް ދަތުރުކުރައްވާފައި ވާތީ އެކަމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑި އަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފަ އެވެ.
ސަމަދު ހަވަހާރަވީ ސިންގަޕޫރުގެ މައުންޓް އިލިޒަބަތު ހޮސްޕިޓަލްގައި ކިޑްނީ އާއި ހިތުގެ ހާލާސްކަންފުޅަކަށް ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް ރާއްޖޭ ގަޑިން ރޭ މެންދަމު 1.05 ގަ އެވެ.
ސަމަދުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުން މިއަދު އަސްރު ނަމާދަށް ފަހު، މަސްޖިދުއް ސުލްޠާން މުހައްމަދު ތަކުރުފާނުލް އަޢުޡަމްގައި ބާއްވަވާ ގޮތަށް ސަރުކާރުން ވަނީ މަޖައްސަވައިފަ އެވެ. ކަށު ނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުން ވަރަށް ބޮޑަށް އެދުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.