25 Aug 2013, 11:46
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި ގާނޫނާއި ގަވައިދާ ހިލާފުވާ ނަމަ އެފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުތަކާ ބެހޭ ގާނޫނާއި ރިޔާސީ އިންތިހާބާ ބެހޭ ގަވައިދާ ހިލާފަށް ކެމްޕޭނު ކުރާ ފަރާތްތަކާ މެދު ކޮމިޝަނުން ފިޔަވަޅު އަޅާނެ ކަމަށެވެ.
"ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި ގާނޫނާއި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު މިކޮމިޝަނުން ފިޔަވަޅު އަޅާނެ ވާހަކަ ވެސް ދެންނެވީމެވެ،" ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ އިންތިހާބުތަކާ ބެހޭ ގާނޫނާއި ރިޔާސީ އިންތިހާބުގެ ގަވައިދާ ހިލާފަށް ކެމްޕޭން ކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ލިބިފައިވާ ޝަކުވާތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް އަޑުގަދަކޮށް ލަވަޖެހުން ހިމެނެ އެވެ. އަދި އަޑުގަދަކޮށްގެން ޓީވީ ބެލުން ވެސް އެފަދަ ކަންތައްތަކުގެ ތެރޭގައި ހިމެނެ އެވެ.
".. އަޑުގަދަކުރާ ބޭނުންކޮށްގެން އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ލަވަޖެހުމާއި ގޮވުންތައް ގޮވަމުންދާ ކަމުގެ ޝަކުވާ ވެސް މިކޮމިޝަނަށް ދަނީ ލިބެމުންނެވެ،" ބަޔާނުގައިވެ އެވެ.
އެފަދަ ޝަކުވާތައް ލިބެމުން އަންނަ އިރު، ގޯތިގެދޮރާއި އިމާރާތްތަކުގައި އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް ބާރަށް ލަވަޖަހައި، ނުވަތަ އަޑު ބާރުކޮށްގެން ޓީވީ ބަލައި ނުވަތަ އެނޫން ވެސް ގޮތަކުން އަޑުގަދަކޮށް ހަދައިފި ނަމަ އެކަން ކުރި މީހަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.
ރިޔާސީ އިންތިހާބަށް ޕާޓީތަކުން އަންނަނީ ވަރަށް ފޯރިއާ އެކު ކެމްޕޭން ކުރަމުންނެވެ. ނަމަވެސް އެވާދަވެރިކަމުގައި ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ކޮމިޝަނުން ބުންޏެވެ.
"ރިޔާސީ އިންތިހާބަކީ ކިތަންމެ ވާދަވެރި އިންތިހާބަކަށް ވިޔަސް، އެއްވެސް ފަރާތަކުން ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ." އެބަޔާނުގައިވެ އެވެ.