އދ. ކުނބުރުދުއާ 200 ވަރަކަށް ފޫޓް ދުރުގައި އޮންނަ "ފޮފޮޅާ" ނަމަކަށް ކިޔާ ފަޅަކަށް ލެއްގި ބޮޑު މަހެއް އެތަނުގައި އޮވެ ކުނިވާން ފަށައިފި އެވެ.

ކުނބުރުދޫ ކައުންސިލް މެމްބަރު މުހައްމަދު އާދަމް މިއަދު "ސަން" އަށް ވިދާޅުވީ އެބޮޑު މަހަކީ ގާތްގަނޑަކަށް 30 ނުވަތަ 40 ވަރަކަށް ފޫޓްގެ ބޮޑު މަހެއް ކަމަށެވެ. އަދި އެ ބޮޑު މަސް އެފަޅުގައި އޮންނަތާ މިހާރު ހައެއްކަ ދުވަސް ވެފައިވާ ކަމަށާއި އެ މަސް ކުނި ވުމުގެ ސަބަބުން އެސަރަހައްދުން ވަރަށް ކުނިވަސް ދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރަށާ ވަރަށް ކައިރީގައި އެ އޮތީ ނަމަވެސް އަދި މިރަށާ ހަމައަށް ކުނިވަހެއް ނެތް. އެކަމަކު އޭތީގެ ކައިރިއަށް ދިޔައިމާ ވަރަށް ކުނިވަސް ދުވާ. މިރަށުން ބަލާ އިރު ވެސް ފެނޭ ވަރަށް ބޮޑުކޮށް އުސްކޮށް އޭތި އޮންނަނީ،" އާދަމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ބައެއް ފަރާތްތަކުން އެ މަހުގެ ބަނޑު ފަޅައި މާވަހަރު ހޯދުމަށް މަސައްކަތް ކުރި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށާއި ނަމަވެސް އެއިގެން އެއްވެސް އެއްޗެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ ބޮޑު މަސް ކުނިވާ ވާހަކަ އަންގަން ޖެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް އާދަމް ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާއެއްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.