ލަންޑަން (އޮގަސްޓް 25): ސޫރިޔާގައި އާންމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައާ ގުޅިގެން ސޫރިޔާއާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކަކާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ކެނެޑާގެ ބޮޑުވަޒީރު ސްޓީވަން ހާބާ ފޯނުން މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އިނގިރޭސި ބޮޑުވަޒީރުގެ އޮފީހުގެ މަސްއޫލުވެރިއަކު ވިދާޅުވީ މިތިން ބޭފުޅުން ޓެލެކޮންފަރެންސެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށާ އެއަށް ފަހު ކެމެރޮން އާއި އޮބާމާ ފޯނުން 40 ވަރަކަށް މިނިއްޓުވަންދެން މިކަމާބެހޭ ގޮތުން އިތުރު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމުގަ އެވެ. މިމަޝްވަރާތަކުގައި ސޫރިޔާ ސަރުކާރަށް އަވަސް ވަރުގަދަ ރައްދެއް ދޭން ޖެހޭ ކަމަށް ވިދާޅުވެ އޮބާމާ ވާހަކަ ދައްކަވާފައިވާ ކަމަށް ޚަބަރުލިބެ އެވެ.

ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގާ ރައީސް ބައްޝާރުލްއަސަދަށް ވަފާތެރި ސިފައިން ދިމިޝްޤުގެ ޣޫތާ އައްޝަރްޤިއްޔާ ސަރަހައްދަށް ވިހަގޭހުން ޙަމަލާދީ 1300 އަށް ވުރެ ގިނަ އާންމުން މަރާލާފައިވާ ކަމަށް ބެލެވޭ މައްސަލާގައި ސޫރިޔާ އަށް ޙަމަލާދިނުމަށް އެމެރިކާ ސިފައިން އޮތީ ތައްޔާރީ ޙާލަތުގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.

އެމެރިކާގެ މަސްއޫލުވެރިއަކު ވަނީ ސޫރިޔާއާ މުޢަމަލާތް ކުރުމާބެހޭ ގޮތުން ރައީސް އޮބާމާ ވަރަށް ޚާއްސަ ނިންމުންތަކެއް ނިންމެވުމަކީ ވަރަށް ގާތްކަމެއް ކަމަށް ވިދާޅުވެފަ އެވެ. މެދު އިރުމަތީގައިވާ އެމެރިކާގެ އެޖެންޓް ކަމަށް ބެލެވޭ އިސްރާއީލުން ވަނީ އދ.ގެ ހުއްދައަކާނުލައި ވެސް އެމެރިކާ އިން ސޫރިޔާގެ ޢަސްކަރީ މައި މަރުކަޒުތަކަށް ކުރޫޒް މިސައިލުން ޙަމަލާތަކެއް ދިނުމަކީ ވަރަށް ގާތްކަމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް އެއްގަމު މަގުން އެމެރިކާ ސިފައިން ސޫރިޔާ އަށް އަރައިގަންނާނެ ކަމަށް ނުބެލެވޭ ކަމަށާ އެމެރިކާ ސޫރިޔާ އަށް ދޭނީ ވައިގެ ޙަމަލާތަކާއި މިސައިލް ޙަމަލާތަކެއް ކަމަށާ މިޙަމަލާތައް ރައީސް ބައްޝާރުލް އަސަދުގެ ރިޔާސީ ގަނޑުވަރުތަކަށް އަމާޒުކޮށްފާނެ ކަމަށް ތަޖްރިބާކާރުން ލަފާކުރައްވަ އެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހޭގްލް ވަނީ ސޫރިޔާ އަށް އަސްކަރީގޮތުން ވަދެގަތުމުގެ ޕްލޭނެއް އެމެރިކާ ސިފައިން ތައްޔާރުކޮށް ނިމިފައިވާ ކަމަށާ ރައީސް ބަރަކް އޮބާމާގެ ހުއްދަ ލިބުމާ އެކު އެމެރިކާ ސިފައިން ސޫރިޔާ އަށް ޙަމަލާދޭނެ ކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އީރާނުން ވަނީ ސޫރިޔާދެކޮޅަށް އުދުވާން ނުހިންގުމަށް އެމެރިކާ އަށް އިންޒާރު ކުރައްވާފަ އެވެ. ސޫރިޔާ އަށް ޙަމަލާދޭ ނަމަ އެމެރިކާ އިން ޙަމަލާދޭނީ ސޫރިޔާ ރައްޔިތުންގެ ޙިމާޔަތުގައި ނޫންކަމަށާ އިސްރާއީލުގެ ޙިމާޔަތުގައި ކަމަށް ވެސް އީރާނުން ބުނެ އެވެ. ސޫރިޔާގެ އިންފޮމޭޝަން މިނިސްޓަރު އިމްރާނުއްޒަޢަބީ ވަނީ އޭނާގެ ގައުމަށް އަރައިގަނެގެން އެމެރިކާ އަށް އިސްތިޢްމާރީ މަޤްސަދުތައް ޙާސިލް ނުކުރެވޭނެ ކަމަށް ވިދާޅުވެ ލިބިފައިވާ ހުރިހާ ވަސީލަތްތަކަކުން ގައުމު ދިފާޢު ކުރައްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
އެމެރިކާއަކީ ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ އިތުބާރު ގެއްލިފައިވާ އަދި ޢިރާޤާއި އަފްޣާނިސްތާން ފަނާކޮށްލާފައިވާ ނުރައްކާތެރި ގައުމަކަށްވާތީ އެމެރިކާ ސޫރިޔާއާ ދެކޮޅަށް އަޅާ ކޮންމެ ފިޔަވަޅަކުން ކުރެޑިޓް ލިބޭނީ ބައްޝާރަށް ކަމަށް ވަނީ ބެލިފަ އެވެ. (އަލްޖަޒީރާ)