25 Aug 2013, 11:16
ލަންޑަން (އޮގަސްޓް 25): މެދުއިރުމަތީގައިވާ ޢަރަބި އަދި އިސްލާމީ ގައުމުތަކަށް ޖާސޫސު ކުރުމަށްޓަކައި އިންޓަނެޓުން ސިއްރިޔާތުގައި މަޢްލޫމާތު ހޯދުމުގެ ގާބިލްކަން ލިބިފައިވާ ސްޓޭޝަނެއްގެ ބޭނުން އިނގިރޭސިވިލާތުން ހިފާފައިވާ ކަމަށް އެގައުމުގެ މީޑިޔާ ބުނެފި އެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ "ދި އިންޑިޕެންޑެންޓް" ބުނާ ގޮތުން މެދުއިރުމަތީގެ ގައުމުތަކަށް ކަނޑުހުރަސްކޮށް އަޅާފައިވާ ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލްތަކުގެ ތެރޭއިން ދާ އިންޓަނެޓްގެ މަޢްލޫމާތު (އީ-މެއިލްތަކާއި ސޯޝަލްނެޓްވާކްތައް މެދުވެރިކޮށް ބަދަލުކުރެވޭ މަޢްލޫމާތު)ތަކުގެ އިތުރުން މޯބައިލް ފޯނުވެރިވެރިކޮށް ކުރެވޭ މުޢާމަލާތްތަކުގެ މަޢްލޫމާތު ވެސް ޖާސޫސީގޮތުން ދަމައިގަނެވޭ ފަދަ ވަސީލަތްތައް އިނގިރޭސީންގެ މިސްޓޭޝަންގައިވެ އެވެ. މިސްޓޭޝަން މެދުވެރިކޮށް ދަމައިގަންނަ މަޢްލޫމާތުތައް ސިއްރިޔާތުގައި ޖަމާކުރެވޭނީ އިނގިރޭސި ސަރުކާރުގެ ކޮމިއުނިކޭޝަން އޮފީސް (GCHQ) އަށާއި އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީ އަށް ކަމަށް ވެސް "ދި އިންޑިޕެންޑެންޓް" ބުނެ އެވެ.
މިނޫސް ބުނާގޮތުން މި ސްޓޭޝަންގެ ބޭނުންކޮށްގެން ފާއިތުވި އަހަރުތަކުގައި އިނގިރޭސިވިލާތުގެ GCHQ އިން ވަނީ ޢަރަބި ގައުމުތަކަށް ކަނޑުހުރަސްކޮށް އަޅާފައިވާ ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލްތަކުގެ ތެރެއިން ގޮސް އައިސްވާ އިންޓަނެޓްގެ މަޢްލޫމާތުގެ ވަރަށް ބޮޑުބައެއް ދަމައިގެންފަ އެވެ. އިނގިރޭސި ސަރުކާރުންވަނީ މިއީ ޓެރަރިޒަމާ އިދިކޮޅު ނަމުގައި ހުޅަނގުގެ ބާރުތަކުން ކުރާ ހަނގުރާމަ ފަތަހަ ކުރުމަށް ބޭނުންކުރާ ވަރަށް މުހިއްމު ސްޓޭޝަނެއް ކަމަށް ސިފަކޮށްފަ އެވެ. ނަމަވެސް މިސްޓޭޝަން ބިނާކޮށްފައިވާ ތަނެއް "ދި އިންޑިޕެންޑެންޓް" ނޫހުން ވެސް އަދި އިނގިރޭސި ސަރުކާރުންވެސް ހާމަކޮށްފައެއްނުވެ އެވެ. އިނގިރޭސިވިލާތުގެ މިޢަމަލަކީ އެމެރިކާ އެދުމުގެ މަތިން އެމެރިކާއަށް ކޮށްދީފައިވާ ކަމެއް ކަމަށާ މިކަމަށް ބޭނުންވާ ފަންނީ އެހީވެސް އެމެރިކާއިން އިނގިރޭސީންނަށް ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓެރަރިޒަމާ އިދިކޮޅު ނަމުގައި ހުޅަނގުގެ ބާރުތަކުން ކުރާ ހަނގުރާމައިގެ ޙަޤީޤީ މަޤްސަދުވަނީ ނޭންގުމެއްގެ ތެރޭގަ އެވެ. ޓެރަރިޒަމާ އިދިކޮޅު ނަމުގައި ހުޅަނގުގެ ބާރުތަކުން ކުރާ ހަނގުރާމަ އަމާޒުކުރާ މައިގަނޑު ޖަމާއަތް ކަމަށްވާ އަލްޤާއިދާ ޖަމާއަތުގެ ޓެރަރިސްޓް ހުރިހާ ޙަމަލާތަކެއް ހެން އަމާޒުވަމުން ދަނީ އިސްލާމީ ގައުމުތަކުގެ ރައްޔިތުންނަށެވެ. ހުޅަނގުގެ ގައުމުތަކަކަށްނޫނެވެ.
އަލްޤާޢިދާގެ ޙަމަލާތައް އެނެމް ބޮޑަށް އަމާޒުވާ ގައުމުތަކުގެ ތެރޭގައި ޢިރާޤާއި ޔަމަންއާއި ލުބްނާނާއި ސޫރިޔާ އަދި ޕާކިސްތާން ހިމެނޭ އިރު މި ޖާސޫސީ ސްޓޭޝަންތައް ބޭނުންކޮށްގެން އިސްލާމީ ގައުމުތަކަށް އަލްޤާޢިދާއިން ޙަމަލާތައް މަދުކުރެވުމުގެ ބަދަލުގައި މިޙަމަލާތައް އިތުރުވެ އިސްލާމީ ގައުމުތައް މިޙަމަލާތަކުގައި ފަނާވަމުންދާވަމުންދާ އިރު އަލްޤާޢިދާގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި ހުޅަނގުގެ ބާރުތައް ކުރަމުންމިގެންދާ ޖާސޫސީ ޙަރަކާތްތަކާމެދުވަނީ ސުވާލު އުފެދިފައެވެ.
ޢިރާޤަކީ އަލްޤާޢިދާ ކަމަށްބުނާ ޖަމާއަތުގެ ޙަމަލާތަކުގައި ކޮންމެ ދުވަހަކު އެތަށް ސަތޭކަ ބަޔަކު މަރުވަމުންދާ ގައުމެކެވެ. އެހެންކަމުން އަލްޤާއިދާގެ ނަމުގައި ޙަރަކާތްތެރިވާ ޖަމާއަތާ އިސްލާމީ ގައުމުތައް ހަލާކުކޮށް ތަޅައި ސުންނާފަތި ކުރުމަށް އެޖަމާއަތުން ހިންގަމުން ގެންދާ ޙަމަލާތަކާ ހުޅަނގުގެ ގައުމުތަކާ ދެމެދު ގުޅުންތަކެއް ވެދާނެ ކަމަށް ބެލެވޭނެ ޖާގައޮތް ކަމަށް ބައެއް މުޙައްލިލުން ދެކެވަޑައިގަންނަވަ އެވެ. (ނޫސްއެޖެންސީތަކާއި ރިޕޯޓްތައް)