25 Aug 2013, 11:06
ވައްގަށް ނަގާފައިވާ ސައިކަލެއް ދުއްވަމުން ދިޔަ މީހަކު މަޑުކުރަން އެނގުމުން ވެސް މަޑުނުކޮށް ގޮސް ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖެއްސުމަށް ފަހު ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ ބޮޑުތަކުރުފާނުމަގުން ދުއްވާފައި ދިޔަ ސައިކަލެއް މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ގޮސް ފުލުހެއްގެ ގައިގައި ޖެއްސުމާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 22 އަހަރުގެ މީހެއް ކަމަށެވެ. އެ ހާދިސާގައި ފުލުސް މީހާގެ އަތަށާއި ފަޔަށް ލިބުނު އަނިޔާތަކަށް ވަނީ އައިޖީއެމްއެޗްގައި ފަރުވާދީފައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އުމުރުން 22 އަހަރުގެ މީހާ ހައްޔަރުކުރި އިރު ވެސް ހުރީ މަސްތުގެ ހާލުގައި ކަމަށެވެ. އަދި އޭނާ ދުއްވަމުން ދިޔަ ސައިކަލަކީ ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާ ސައިކަލެއް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާއަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލައެއްގެ އިތުރުން ޓްރެފިކް މައްސަލަތަކުގެ ރެކޯޑް އޮތް މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާއަކީ އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ އިރު، މި އަހަރުގެ ޖޫން މަހުގެ ތެރޭ ވަނީ ބޮޑުތަކުރުފާނުމަގުގައި ޑިއުޓީ ކުރަމުން ދިޔަ ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމާއި ގުޅިގެން ފުލުސް މީހާ އަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދެނިކޮށް މަރުވެފަ އެވެ. މިދިޔަ އަހަރު އޯގަސްޓް މަހުގެތެރޭ ފޯނެއް ފޭރިގަނެގެން ފުލުހުންނަށް ފިލަން ދުއްވި މީހެއްގެ ސައިކަލުން ޖެހިގެން ވެސް މީހަކު ވަނީ މަރުވެފަ އެވެ.