މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލްގެ އިންގްލެންޑް ފޯވާޑް ޑެނިއެލް ސްޓަރިޖް ޖަހައިދިން ލަނޑުން 1-0 އިން އެސްޓަން ވިލާ އަތުން ލިވަޕޫލް މޮޅުވެއްޖެ އެވެ.

މި ސީޒަނަށް އިނގިރޭސި ލީގު ހުޅުވި މެޗުގައި ސްޓޯކް ސިޓީއަތުން 1-0 އިން ލިވަޕޫލް މޮޅުވި މެޗުގައި ވެސް އެޓީމަށް ލަނޑު ޖަހައިދިނީ ޗެލްސީގެ ކުރީގެ ފޯވަޑް އެވެ. އަދި އޭނާ ލިވަޕޫލަށް އެންމެ ފަހުން ކުޅުނު ހަތް ލީގު ގޭމްގައި އަށް ލަނޑު ކާމިޔާބުކޮށްދީފައިވާއިރު މިއީ، ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ލިވަޕޫލަށް ސީޒަނެއްގެ ފެށުން މިހާ ރަނގަޅުވެގެންދިޔަ ފުރަތަމަ އަހަރެވެ.

އެސްޓަން ވިލާގެ ވިލާ ޕާކުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެޓީމަށް އެހާ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ދެވަނަ ހާފުގައި އެ ޓީމުންވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ކުރިމަތި ކުރުވާފަ އެވެ. މި މެޗުން ލިވަޕޫލް މޮޅުވި ލަނޑު ސްޓަރިޖް ކާމިޔާބު ކުރީ މެޗުގެ 21 ވަނަ މިނިޓުގަ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ ދެމެޗު ލިވަޕޫލް އިން އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ، 2008ވަނަ އަހަރު އެވެ. ރޭގެ މޮޅާއެކު އެޓީމް ވަނީ އެންމެ ފަހުން ކުޅުނު 10 ލީގުމެޗުންވެސް ބަލިނުވެ ހިފަހައްޓާފަ އެވެ.

ލީގުގައި އެސްޓަންވިލާ މިހާތަނަށް ތިން މެޗު ކުޅެފައިވާ އިރު، ފުރަތަމަ މެޗުގައި އާސެނަލް އަތުން 3-1 އިން މޮޅުވި ނަމަވެސް ދެވަނައަށް ކުޅުނު މެޗުގައި ޗެލްސީ އަތުން އެޓީމް ވަނީ، 2-1 އިން ބަލިވެފަ އެވެ.

ލިވަޕޫލްގެ ކޯޗް ބްރެންޑަން ރޮޖާ ބުނީ، ހުސްވި ސީޒަންގައި ލިވަޕޫލްގެ ފެށުން ރަނގަޅު ނުވި ނަމަވެސް ލީގުގެ ވަކި ހިސާބަކުން ރަނގަޅުވަމުން އައިސް މިހާރު އޭނާގެ ޓީމް އޮތީ ޒުވާން ކުޅުންތެރިން ތަކަކާއެކު މޮޅުވުމުގެ ފާލެއްގައި ކަމަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗުތަކުގެ ނަތީޖާއާއަށް ބަލާއިރު ލިވަޕޫލް އޮތީ ކުޅުނު ދެމެޗުން މޮޅުވެގެން ތާވަލްގެ ދެވަނައިގަ އެވެ. ތިން ވަނައިގައި ހަތަރު ޕޮއިންޓާއެކު ވެސްޓްހޭމް އޮތް އިރު ތާވަލްގެ ކުރީގައި އޮތީ ޗެލްސީ އެވެ.