25 Aug 2013, 10:51
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ހަތެއް ފެބްރުއަރީ 2012ގައި ބަދަލުވެގެން ގޮސްފައިވާ ގޮތާ ބެހޭ ގޮތުން އެކިއިރު ލިބިވަޑައިގެންފައި ވަނީ އެކި މައުލޫމާތު ކަމަށާއި ވެރިކަން ބަދަލު ކުރުމަށް "ބަޣާވާތް" ކުރުމުގެ އަޑީގައި ތިބި ބަޔަކު ސީދާ އެނގިވަޑައިގަންނަވާނީ އެކަމުގެ ތަހުގީގު ރަނގަޅަށްކޮށްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް "ބަޣާވާތް" ކުރި ކަމަށް ނަޝީދު ދައްކަވާ ވާހަކަފުޅުގައި އެކަން ކުރުމުގެ މުގުލުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހުންނެވި ކަމަށް ގދ. ތިނަދޫގައި 2012 ވަނަ އަހަރުގެ އެޕްރީލް މަހު ނަޝީދު ވިދާޅުވި އެވެ. ރައީސް ވަހީދު ބަޣާވާތުގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ނަޝީދު އޭރު ވިދާޅުވެފައި ނުވި ނަމަވެސް ރޭ އެމްއެންބީސީ އިން ގެނެސްދިން ސިޔާސަތު ޕްރޮގްރާމްގައި ނަޝީދު ވިދާޅުވީ "ބަޣާބާތުގެ" އަޑީގައި ރައީސް ވަހީދު ހުންނެވި ކަމަށެވެ.
ވެރިކަން ބަދަލުވީ "ބަޣާވަތަކުން" ކަމަށް ނަޝީދު ދައްކަވާ ވާހަކަފުޅުގައި އެކި ފަހަރު އެކި ގޮތަށް އެ ވާހަކަ ވިދާޅުވަމުން ގެންދަވަނީ "ބަޣާވާތް" ކުރި ބަޔަކު އެހާ ބޮޑަށް ސާފުވެވަޑައިނުގެންނަވާތީތޯ ރޭގެ ޕްރޮގްރާމްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ "ބަޣާވާތް" ކުރި ބަޔަކު ރަނގަޅަށް އެނގޭނީ ކުށެއްގެ ތުހުމަތުކުރެވި އެކަމުގެ ތަހުގީގެއް ހިންގި އެކަމާ ގުޅޭ ޝަރީއަތެއް ރަނގަޅަށް ކުރެވިގެން ކަމަށެވެ.
"އެކިއިރު އެކި މައުލޫމާތު އަޅުގަނޑުމެންނަށް މިލިބެނީ. އެންމެ ފަހުން އަޅުގަނޑުމެންނަށް ލިބުނު މައުލޫމާތަކީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ކޮމިޓީ އަށް ސިފައިންނާއި ފުލުހުންގެ އެކި ބޭފުޅުން ދެއްވި ބަޔާންތައް. ގިނަ ބައިވަރު ބަޔާންތައް، އަދި ކޯނީގެ ބަޔާންތައް އެތިބީ އދ. އިން ވެސް ހިފަހައްޓައިގެން، ކޮމަންވެލްތުން ވެސް. އަޅުގަނޑުމެންނަށް މިއޮންނަނީ ތުހުމަތެއް ކުރެވިފައި. އަޅުގަނޑަކީ އެތަނުގައި އެ ދުވަހު ހުރި މީހެއް. އަދި މިގައުމުގެ ކުރީގެ ރައީސް ކަމުގައިވެފައި ބައެއް މައުލޫމާތު ހުންނާނެތީއާ، ނަމަވެސް ކުށެއްގެ ތުހުމަތު އަޅުގަނޑުމެންނަށް ކުރެވިގެން އެކަމާ ގުޅޭ ތަހުގީގު ކުރެވިގެން އެކަމާ ގުޅޭ ޝަރީއަތް ކުރެވިގެން އަޅުގަނޑުމެންނަށް ބުނަން އެނގޭނީ މިވެނި ބޭފުޅަކީ ބާޣީއެކޭ ނުވަތަ ނޫނެކޭ،" ނަޝީދު ވިދާޅުވި އެވެ.
ތުހުމަތެއްގެ މައްޗަށް ބިނާކޮށް މިސަރުކާރަކީ ބާޣާވަތެކޭ ބުނެވިދާނެތޯ ޕްރޮގްރާމްގައި ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އޭރުން އެބުނެ ވެނީ އެމީހަކު ދެކޭ ގޮތް ކަމަށާއި އެއީ ޝަރުއީ ބުނުމެއް ނޫން ކަމަށެވެ.
"އޭރުން އަޅުގަނޑުމެންގެ ވިއުޕޮއިންޓް ދެން އޮންނާނީ ދެއްތޯ. ދެން ޝަރުއީ ބުނުމެއް ނޫން އޭރުން އެ ބުނެވެނީއެކީ، އެއީ ޕަބްލިކް އޮޕީނިއަންއެއްގެ ގޮތުގައި، މިސާލަކަށް ޖާނަލިސްޓިކް ވިއުއެއް ނޫނީ އަޅުގަނޑު ދެކޭ ގޮތެއް އެ ބުނެވެނީ،" ނަޝީދު ވިދާޅުވި އެވެ.
ރޭގެ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާގެ މާގާމާއި ރައީސް ވަހީދު ހަވާލުވެވަޑައިގެން ހުންނެވީ ގާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަމަށް ގަބޫލު ކުރައްވަންތޯ ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ ވަހީދު ވެރިކަމަށް ވަޑައިގެން ހުންނެވީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ދެކެވަޑައި ނުގެންނަވާ ކަމަށެވެ.
ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން ލީލްވެފައިވާ އޯޑިއޯއެއްގައި ރައީސް ކަމުގެ މަގާމުން ނަޝީދު އިސްތިއުފާދެއްވާނެ ކަމަށާއި އެކަން ކުރައްވާނީ ރައީސް އޮފީހުގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ނައިބް ރައީސް ޑރ. ވަހީދު ގާނޫނީ ހަމަތަކުގެ މަތިން އެ މަގާމާއި ހަވާލުވެވަޑައިގެންނަވާނެ ކަމަށް އެ އޯޑިއޯގައި ވިދާޅުވެފައި ވަނީ ކީއްވެތޯ އެ ޕްރޮގްރާމްގައި ދެންނެވުމުން ނަޝީދު ވިދާޅުވީ އެގޮތަށް ވިދާޅުވީ "ދައުލަތް ހިފަހައްޓަން" ކަމަށެވެ.
ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ ފުލުހުންނާއި ސިފައިން މަޖުބޫރުކޮށްގެން ކަމަށާއި އިސްތިއުފާ ނުދެއްވައިފި ނަމަ ހަތިޔާރުގެ ބޭނުންކުރަން ޖެހިދާނެ ކަމަށް އަދި ބަޑި ނުޖެހީ ބަޑިގުދަން ހުޅުވައި ނުދީގެން ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ސިފައިން އެފަދަ އިންޒާރެއް ނުދެއްވާ ކަމަށް އޭރު މާލޭގައި ހިނގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އިސްކޮށް ހުންނެވި މާލޭގެ ފައުޖުގެ ކޮމާންޑަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވެފައިވާ ކަމަށް ދެންނެވުމުން ނަޝީދު ވިދާޅުވީ އިބްރާހިމް ދީދީ ވެސް ސިފައިންގެ އެހެން އޮފިސަރުން ވެސް ބަޑިގުދަން ހުޅުވައިދިނުމަށާއި ބަޑިޖަހައިގެން އެކަން ހައްލުކުރެވޭނެ ކަމަށް ތަކުރާރުކޮށްގެން ވިދާޅުވަމުން ގެންދެވި ކަމަށެވެ.
"އަޅުގަނޑު އެއްވެސް ގޮތަކަށް ބޭނުންނުވީ ބަނޑިޖަހައިގެން މީހުން މަރައިގެން ވެރިކަން ދަމަހައްޓަން. ހަތިޔާރު ބޭނުން ކުރީމާ ލިބިދާނެ ގެއްލުމަކަށްޓަކައި އަޅުގަނޑު އިސްތިއުފާދިނީ،" ނަޝީދު ވިދާޅުވި އެވެ.
ފެބްރުއަރީ ހަތް ވަނަ ދުވަހު ވެރިކަމުން އިސްތިއުފާދެއްވަމުން އިސްތިއުފާ ދެއްވީ މަޖުބޫރުން ކަމަށް ވިދާޅުނުވެފައި ޖެހިގެން އައި ދުވަހު އެގޮތަށް ވިދާޅުވީ ކީއްވެގެންތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެގޮތަށް ވިދާޅުވާން ޖެހިވަޑައިގެންނެވީ އެދުވަހު ކަންތައްތައް އޮތް ހާލަތަށް ބައްލަވާ ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނު އާސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައިވާނެތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ ގާނޫނީ އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައިވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކޮށްފައި ވަނީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ގަބޫލް ނުކުރައްވާ ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވި ނަމަވެސް ސުޕްރީމް ކޯޓާއި ހައިކޯޓު އަދި ޕްރޮސެކިއުޓާ ޖެނެރަލް ވެސް ބުނެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި ތަކުރާރުކޮށް އދ. އާއި ކޮމަންވެލްތާއި އެ ނޫން ވެސް ބޭރުގެ ޖަމާއަތްތަކުން އަބްދުﷲ ގާޒީ މިނިވަން ކުރުމަށް ގޮވާލި ގޮވާލުންތައް ނަޝީދު ވަނީ ބަލައިނުގެންފަ އެވެ.
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ނަޝީދާ ވާދަކުރެއްވޭނެ ވަރުގެ ވާދަވެރި ކެންޑިޑޭޓަކު ހުރިތޯ ރޭގެ ޕްރޮގްރާމްގައި ދެންނެވުމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާ އެކު ވާދަކުރައްވަނީ ކުރީގެ ރައީސް މައުމޫންގެ ސަރުކާރުގައި އޮތް ސަގާފަތުގެ ތެރެއިން ސިޔާސީ މައިދާނަށް ވެންނެވި ބޭފުޅުން ކަމުގައިވާތީ ނަޝީދާ އެކު ވާދަކުރެއްވޭނެ ވަރުގެ ވާދަވެރި ކެންޑިޑޭޓަކު ހުރި ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ.
މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ، 7، 2012 ވަނަ ދުވަހު ބަދަލުވީ، ގާނޫނީ ހަމަތަކުގެ މަތީން ކަމަށް އެކަން ބެލުމަށް، އުފެއްދި ކޯނީ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.