އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗެލެންޖް ކަޕްގެ ތާރީހް ފަސް ކުރަން އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން ނިންމައިފި ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމްގެ ޑިރެކްޓާ އޮފް ނެޝަނަލް ޓީމު އަލީ ސުޒޭން ސަންއާ ވާހަކަ ދައްކަމުން ވިދާޅުވީ، އަންނަ އަހަރުގެ މާޗް މަހުގެ 8 އިން 22 އަށް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާ ޗެލެންޖް ކަޕްގެ ތާރީހް ފަސް ކުރަން އޭއެފްސީ އިން ނިންމާފައިވާ ކަމަށާއި މުބާރާތް ދެން ފަށަން ހަމަޖެހިފައިވާ ތާރީހް އެފްއޭއެމްއަށް އަދި ޔަގީންވެފައި ނުވާ ކަމަށެވެ.

"ކުރިން މުބާރާތް ފަށަން އޮތް ތާރީހް ވަނީ ފަސްކޮށްފަ. އެކަމަކު މުބާރާތް ބާއްވާނެ ތާރީހެއް އަދި އެފްއޭއެމްއަށް އެނގިފައެއް ނެތް." ސުޒޭން ބުންޏެވެ.

ރާއްޖެއާ އެކު ދެން މުބާރާތުގައި ވާދަކުރާ އަނެއް ގައުމުތަކަކީ މުބާރަތުގެ ކޮލިފައިން ބުރުގައި ގްރޫޕް އޭ ފަޅިން ހަތް ޕޮއިންޓާއެކު އެއްވަނަ މަގާމް ހޯދި މިޔަންމާ އާއި ގްރޫޕް ބީ ފަޅިން ނުވަ ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި ކިރްގިސްތާނާއި ގްރޫޕް ސީ ފަޅިން ހަތް ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި އަފްގާނިސްތާނާއި ގްރޫޕް ޑީ ފަޅިން ހަތް ޕޮއިންޓާ އެކު އެއް ވަނަ މަގާމް ހޯދި ޕަލަސްތީނާއި ގްރޫޕް އީ ފަޅިން ނުވަ ޕޮއިންޓާއެކު އެއްވަނަ ހޯދި ޕިލިޕީންސެވެ. ދެން ކޮލިފައި ވެފައި ވަނީ ކޮލިފައިންގައި ވާދަކުރި ފަސް ގްރޫޕުން ދެ ވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ ގައުމުގެ ގޮތުގައި ހަ ޕޮއިންޓާ އެކު ގްރޫޕް އީގަ ވާދަކުރި ތުރްކުމަނިސްތާނާއި ހަ ޕޮއިންޓާއެކު ގްރޫޕް ޑީ ފަޅިން ވާދަކުރި ބަގްލްދޭޝް އެވެ. ރާއްޖެ މުބާރާތަށް ކޮލިފައިވެފައި ވަނީ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުންނެވެ.

ޗެލެންޖް ކަޕް ކުޅެން އެފްއޭއެމުން ނިންމާފައި ވަނީ ގަލޮޅު ރަސްމީ ދަނޑާއީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. މި މުބާތުގެ ޗެމްޕިއަންޓީމަށް އޭޝިއަން ކަޕުން ޖާގަ ލިބޭނެ އެވެ.

މި މުބާރާތަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތަކަށް ވާތީ ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އެފްއޭއެމް ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ އޭއެފްސީގެ ރެކޮމެންޑޭޝަންތަކަށް އެ ދެ ސްޓޭޑިއަމް ފެއްތުމަށެވެ. އެގޮތުން ގަޅޮޅު ރަސްމީ ދަނޑުގައި މީޑިޔާއަށާއި މެޗް ކޮމިޝަނަރަށް ހާއްސަ ރޫމުތަކެއް ހެދުމާއި، ހިތަދޫ ޒޯން ސްޓޭޑިއަމްގައި ދެ ޗޭންޖިން ރޫމް ހެދުމަށް ވެސް މިނިސްޓްރީން ނިންމާފައިވެ އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.