ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ މައްސަލާއާ މެދު ގޮތެއް ނިންމާފައި ނޫނީ އެނޫން މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރަން ބޭނުން ނުވާ ކަމަށް އިދިކޮޅު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ތަސްމީން މިހެން ވިދާޅުވީ އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރުމަށް މިހާރު އެ ޕާޓީން މ. އަތޮޅާއި ލ. އަތޮޅަށް މިހާރު ކުރަމުން ގެންދަވާ ދަތުރުފުޅުގައި ލ. ދަނބިދޫގެ ރައްޔިތުންނާ މިއަދު މެންދުރު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.


ތަސްމީން ވިދާޅުވީ ކިތަންމެ ކުރާހިތްނުވި ކަމުގައި ވިޔަސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވިގެން ބައެއް ފަހަރު ޑީއާރުޕީން ވެސް ހުއްޓާލާފައިވާނެ ކަމަށެވެ.


"ޖަލްސާތައް ކުރިއަށް ގެންދިޔަ ނުދީ ހުއްޓާލަންޖެހެނީ ކަންތައްތައް ގޯސްވެގެން ގޮސް، މަޖިލީހުގެ ތެރެއިން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާނުކުރެވޭ ހިސާބަށް ދިޔައީމައި. އެނޫން ހުރިހާ މަގެއް ބަލައި އެ މަގުތަކުން ދަތުރު ކުރެވޭތޯ ބަލާ އެއްވެސް ކޮޅެއް ނުފެނުނީމާ ރައްޔިތުންގެ ހައްގުގައި އެކަންކުރަން ޖެހޭ،" ތަސްމީން ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަށް ގޮތެއް ނުނިންމި އޮތީ ކޮންމެހެން ވަޒީރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ތިބި ބޭފުޅުންނަށް ވުމުން އެމީހުންނާ މެދު ހިތްހަމަނުޖެހިގެން ނޫން ކަމަށެވެ.


"މަޖިލީހަށް އަޅުގަނޑުމެން އިންތިހާބްކޮށްފައި މިތިބެނީ، އަދި އަޅުގަނޑުމެންގެ ސިޔާސީ ނިޒާމް ބައްޓަންކޮށްފައި މިއޮތީ ދައުލަތުގެ އެކިއެކި ބާރުތަކުގެ ތެރޭގައި އެއްބަޔަކު ކުރާ ކަންތައްތައް އަނެއް ބަޔަކު ބަލާ ނިޒާމެއްގެ ދަށުން،" ތަސްމީން ވިދާޅުވި އެވެ.


ވަޒީރުނަށް ރުހުން ނުދީ ތިބުމުގެ ސަބަބުން އެ ވަޒީރުން މަޖިލީހަށް ހާޒިރުވެވަޑައި ނުގެންނަވާ ނަމަ އަދި އެ ވަޒީރުންގެ ދަށުގައި ތިއްބަވާ ސިޔާސީ މުވައްޒަފުންނާއި ސިވިލް ސާވިސްގެ މުވައްޒަފުން ވެސް ހާޒިރުވިޔަ ނުދޭ ކަމުގައިވާ ނަމަ ރައްޔިތުންގެ ހައްގުގައި ކުރަން ޖެހޭ މަސައްކަތްތައް ނުކުރެވޭނެ ކަމަށާއި އެހެންކަމުން އެކަންތައްތައް ކޮންމެވެސް ހިސާބަކުން ހުއްޓަން ޖެހޭ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


ތަސްމީން ވިދާޅުވީ ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކާ ސަރުކާރާ އެކު ވެސް ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރެއްވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ވަޒީރުން އައްޔަން ކުރި ފަހުން ތިން މަސް ދުވަސް ވެގެންދާއިރު ވެސް އެ ވަޒީރުން ޖަވާބު ދާރީކުރުވޭނެ ގޮތެއް ނެތް ކަމަށާއި އެވަޒީރުން ހިތުހުރިހާ ގޮތަކަށް އަމަލް ކުރީމާ އޭގެ ނަތީޖާއަކަށް ވެގެންދަނީ ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރަމުންދިއުން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.


"ތައުލީމީ ދާއިރާއާ ހަވާލުވެ ހުންނަވާ ވަޒީރު އަމަލް ކުރައްވަމުންދާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމުގައިވާ ނަމަ އެ ވަޒީރެއް ޖަވާބުދާރީ ކުރުވަން އެބެ ޖެހޭ. އޭނާގެ ސިޔާސަތުތައް ބަދަލުކުރުމަށްޓަކައި މަޖިލީހުން ދައުރެއް އަދާކުރަން ޖެހޭ. ތިން މަސް ދުވަސް ވެގެންދާއިރު ވެސް މަޖިލީހުގެ ރުހުން ނެތް ވަޒީރެއްގެ ސަބަބުން ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމުގައިވާ ނަމަ އެކަންތައް ހުއްޓުވަން އެބަޖެހޭ،" ތަސްމީން ވިދާޅުވި އެވެ.


މިއަދުގެ ސަރުކާރުން ބޮޑެތި ނިންމުންތައް ނިންމަމުން ގެންދާއިރު އެ ނިންމުންތަކުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހޭ ބުރައާއި ކޮށްފާނެ ފައިދާ އާއި ގެއްލުމަކާ ދޭތެރޭ ނުބަލައި ހަމައެކަނި އެ ބޭފުޅުންގެ އަމިއްލަ ސިޔާސީ ފައިދާއަށް އެކަނި ބައްލަވައިގެން ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމީ ހިތާމަ ކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެބޭފުޅުން އެކަންތައް ކުރައްވަނީ ޤާނޫނު އަސާސީގެ ރޫހާއި ހިލާފަށް ޤާނޫނީ ހުދޫދުން ބޭރުގައި ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ. އަދި މިސަރުކާރު ޖަވާބު ދާރީ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ޑީއާރުޕީން ސާބިތުވެ ތިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލާގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކާ މެދު ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އެގޮތުން މަޖިލީހުން ވަޒީރުންގެ މަޖިލީހަށް ރުހުން ދޭން ޖެހޭނީ ހުރިހާ ވަޒީރުންނަށް ގަނޑުކޮށް އެއްފަހަރާ ކަމަށް ސަރުކާރުން ބުނަމުންދާއިރު މަޖިލީހުގައި ހިމެނޭ އިދިކޮޅު ޑީއާރުޕީ ކޯލިޝަނުން ވަނީ އެކަމާ ހިޔާލު ތަފާތުވެފަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީއަށް ފަހު އަންނަ ހޯމަ ދުވަހު އެ މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ވަނީ ހަމަޖައްސާފަ އެވެ.