25 Aug 2013, 09:41
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމްއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު 3-1 އިން ފަސޭހަކަމާއެކު އާސެނަލް ކާމިޔާބުކޮށްފި އެވެ.
ފުލަމްގެ ކެރަވަން ކޮޓޭޖްގައި ރޭ ލަންޑަންގެ ވާދަވެރި ދެޓީމް ކުޅުނު ފޯރިގަދަ މެޗުގެ 14 ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބުކޮށް އާސެނަލްއަށް މެޗުގެ ކުރި ހޯދައިދިނީ، އެޓީމްގެ ފްރެންޗް ފޯވަޑް އޮލިވިއާ ޖިރޯޑް އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން 41 ވަނަ މިނިޓުގައި އާސެނަލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޖަރުމަން ފޯވަޑް ލޫކަސް ޕޮޑޮލްސްކީ އެވެ.
މި ހިނގާ ސަމާ ޓްރާންސްފާގައި، އިތުރު އަށް ކުޅުންތެރިން ސްކޮޑުގައި ހިމަނާފައިވާ ފުލަމްއިން ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އާސެނަލްއިން ވަނީ މެޗުގެ ގިނަވަގުތު ބޯޅަ ހިފަހައްޓައި މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. އެގޮތުން މެޗުގައި އާސެނަލް ކާމިޔާބު ކުރި ތިންވަނަ ލަނޑު މެޗުގެ 68 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީވެސް ޕޮޑޮލޮސްކީ އެވެ.
މެޗުގައި ފުލަމްއިން ކާމިޔާބުކުރި ހަމަ އެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް، އަދި ފުލަމްއަށް މި ޓްރާންފާގައި އަލަށް ގެނައި ޑެރެން ބެންޓް އެވެ. ފުލަމްއަށް އޭނާ އަލަށް ކުޅުނު މެޗުގެ 77 ވަނަ މިނިޓްގައި ބެންޓް ލަނޑެއް ކާމިޔާބު ކޮށް ޓީމަށް އުންމީދު އާކޮށް ދިންކަމުގައި ވީނަމަވެސް ބާކީ އޮތް 13 ވަރަކަށް މިނިޓުގައިވެސް އާސެނަލްއަތުން ފުލަމްއަށް މެޗުގެ ކޮންޓްރޯލް އަތުލެވޭގޮތެއް ނުވި އެވެ.
ލީގުގައި ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި 3-1 އިން އެސްޓަން ވިލާ އަތުން ބަލިވި ނަމަވެސް، ޗެމްޕިއަންސް ލީގު ކޮލިފައިންގައި ތުރުކީގެ ފެނަބާޗޭ އަތުން 3-0 އިން މޮޅުވެ އިތުބާރު ބޮޑުކޮށްފައިވާ އާސެނަލްގެ ކޯޗް އާސީން ވެންގާ ބުނީ، އޭނާގެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ހައިރާންވާހާ މޮޅު އަދި ރީތި ކުޅުމެއް ކަމަށެވެ.
"އަހަރެމެން ޓީމުން ފެނިގެންދިޔައީ ހައިރާންވާ ކަހަލަ މޮޅު ކުޅުމެއް. އަދި މިއީ އަހަރެމެންނަށް ހައްގު އަދި ފުރިހަމަ މޮޅެއް،" ވެންގާ ބުންޏެވެ. "އަހަރެމެން ބޭނުންވާ ގޮތަށް މެޗުގައި ކުޅެވުނު. މެޗު ކޮންޓްރޯލްކޮށްގެން ހަމަޖެހިގެން ކުޅެލެވުނު އިރު ގިނަ ފުރުސަތުތަކެއްވެސް އަހަރެމެން ތަނަވަސް ކުރިން."
ފުލަމްގެ ކޯޗް މާޓިން ޖޮލް ބުނީ އާސެނަލްއަކީ ރަނގަޅު ކުޅުމެއް ކުޅޭ ޓީމެއް ކަމަށާއި އަދި ފުރަތަމަ ހާފުގައި އެޓީމަށް ލަނޑު ޖަހާނޭ ފުރުސަތު ދެވުމުން ފަހުން މެޗުގައި އުނދަގޫ ތަކެއް ކުރިމަތިވީ ކަމަށެވެ.
"އަހަރެމެން ދެވަނަ ހާފްގައި ރަނގަޅަށް ކުޅުނިން. އަދި އެ ހާފްގެ ކުރީ ކޮޅުގައި ލަނޑެއް ކާމިޔާބުކުރެވުނު ނަމަ، މެޗުގެ ނަތީޖާ ތަފާތު ކޮށްލެވުނީސް،" ޖޮލް ބުންޏެވެ.
ފުލަމް ކޯޗު ބުނީ، ޓީމާ އަލަށް ގުޅުނު ސްކޮޓް ޕާކާއާއި ބެންޓްގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި އަދި ޓީމު ހަމައަކަށް އަޅުވަން ކުޑަ ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.