25 Aug 2013, 09:50
"ތައްރައްގީ ގައިމު" ކަމަށް އެއްބަޔަކު އެބަ ބުނެ އެވެ. އަނެއް ބަޔަކު ބުނަނީ "ގައުމައިގެން ކުރިއަށް" ދާނެ ކަމަށެވެ. "ޔަގީން" ކަން އެބަ އޮތް ކަމަށް ބުނާ ބަޔަކާއި "އެއްބުރުން" ނިންމާނެ ކަމަށް ބުނާ ބަޔަކު ވެސް އެބަ ތިއްބެވެ. މިހުރިހާ ކަމެއްގެ ތެރެއިން ވެސް ގައުމަށް ބޭނުންވާނީ އެއް ކަމެކެވެ. އެއީ ކަންތައްތައް އިސްލާހުކޮށް އިހްލާސްތެރިކަމާ އެކު ދުރު މުސްތަގުބަލަކަށް ގައުމުގެ ކަންތައްތައް ރާވައި ހިންގާނެ ވެރިއެކެވެ.
މިއަދު ގައުމަށް ނަޒަރު ހިންގާލާއިރު ކޮންމެ ދިމާއަކުން ވެސް ފެންނަނީ ފޫގޮސްފައިވާ ތަނެވެ. އިގްތިސާދީ، އިޖްތިމާއީ، ސިއްހީ އަދި ނަޒާހަތްތެރިކަމުގެ ދާއިރާއަށް ބެލި ނަމަވެސް ބޮޑެތި އިހުމާލްތަކާ އެކު ގިނަގުނަ ގެއްލުންތައް ވަނީ ލިބިފަ އެވެ. ހުރިހާ ދާއިރާތަކެއްގައި އުފެދިފައިވާ ބާގަނޑުތަކުގެ ސަބަބުން މިގައުމު މިވަނީ ނުރައްކާތެރި ދިމާއަކަށް މިސްރާބް ޖަހާފަ އެވެ.
ފާގަތި މުސްތަގުބަލެއް ބޭނުން ނަމަ އެކަންކަން ރޭވުންތެރިކަމާ އެކު ހައްލުކުރަންޖެހެ އެވެ. އެރޭވުންތެރިކަން ވާންޖެހޭނީ ސިޔާސީ ވަގުތީ ފައިދާއާއި އަމިއްލަ މަސްލަހަތަށް ނުބަލައި، ގައުމީ މަސްލަހަތުގައި ނިންމާ ނިންމުމަކަށެވެ.
ގައުމުގެ ނާޒުކު އިގްތިސާދަށް ހަގީގީ ބޮޑެތި މައްސަލަތައް ދިމާވެފައި ވަނީ އެއްވެސް ރޭވުމެއް ނެތި ކޮށްފައިވާ ނުކިއްސަރު ގިނަ ކަންތައްތަކެއްގެ ސަބަބުންނެވެ. އިންތިހާބުތަކާ ދިމާކޮށް ރައްޔިތުން ހިތް ރުއްސުމަށް އެއްވެސް ރޭވުމެއްނެތި ކޮށްފައިވާކަންކަމީ މިއަދު މިރާއްޖޭގެ އިގްތިސާދު އަޑިއަޅާލުމުގެ އެއް އަސްލެވެ.
މިއަދު ގައުމުގެ އިގްތިސާދީ ހާލަތަކީ އަނގަޔާއި އަތާ ދިމާނުވާ ހާލަތެކެވެ. ލިބޭ އާމުދަނީއަށް ވުރެ ބޮޑު ހަރަދެއް ކޮންމެ މަހަކު ކުރަންޖެހެ އެވެ. މިއަހަރުގެ ދައުލަތުގެ ޖުމްލަ ހަރަދާއި ނެޓް ލެންޑިންގެ ގޮތުގައި 13973.0 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރާ އިރު ބަޖެޓް ޑެފިސިޓް ވާނޭ ކަމަށް ލަފާކޮށްފައި ވަނީ 1364.1 މިލިއަން ރުފިޔާ އެވެ. ކޮންމެ އަހަރަކު ޑެފިސިޓް ބަޖެޓްތަކަކާ ކުރުމަތިލާން ޖެހުމަކީ ގައުމުގެ ތަރައްގީ އަށް އެޅޭ ބޮޑު ހުރަހަކަށްވާ އިރު ބަޖެޓް ޑެފެސިޓް ވާން ޖެހޭ ސަބަބަބަކީ ދައުލަތުގެ ހަރަދު ބޮޑުވުމެވެ. ބޭކާރު އެތައް މުއައްސަސާތަކަކާއި ބޭނުންވާ ވަރަށްވުރެ އިތުރަށް ދެވޭ ވަޒީފާތަކާއި މުސާރަތަކެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބު ވިދާޅުވި ގޮތުގައި އިގްތިސާދީ ގިލަންވެރިކަމުން ރާއްޖެ ސަލާމަތް ކުރެވޭނީ ދައުލަތުގެ ހަރަދު ކުޑަކޮށްގެނެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް ރާއްޖެ އަށް "އިކޮނަމިކް ސްޓެބިލިޓީ ޕްލޭނެއް (އިގުތިސާދީ ހަމަޖެހުމުގެ ޕްލޭނެއް)" ބޭނުންވާ ކަމަށް ގަވަރުނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދް ހަމަޔަކަށް އަޅުވަން ބޭނުން ނަމަ ދެން އިންތިހާބުވާ ރައީސްއެއްގެ ދައުރުގައި އެކަށީގެންވާ ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. އެ ގޮތުން މިނިވަން މުއައްސަސާތައް އެކަށީގެންވާ ވަރަށް މަދުކޮށް އެތަންތަނުގެ އިސްވެރިންނަށްދޭ މުސާރަތައް ވެސް މިހާރަށްވުރެ ކުޑަކުރަންޖެހެ އެވެ. އަދި ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލިސް ފަދަ ތަންތަނުގެ މުސާރަތަކާއި އިނާއަތްތައް ކުޑަކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހެ އެވެ. ދައުލަތުގެ ހަރަދު ކުޑަކޮށް ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރު ކުރުމާއި ބިދޭސީއިން މަދުކުރުން ފަދަ ބޮޑެތި ކަންކަމީ އިގްތިސާދު ހަމަމަގަށް އަޅުވަން ކުރަން ޖެހޭ މަސައްކަތްތަކެވެ.
ދެން އޮތް އަނެއް ވާހަކައަކީ ސިއްހީ ހާލަތުގެ ވާހަކަ އެވެ. އަޑުއިވެނީ އިންތިހާބާއި ދިމާކޮށް މޮޅެތި ވައުދުތައްވާ އަޑެވެ. ކުޑަ މުއްދަތެއްގައި ސިއްހީ ދާއިރާ އަށް ބޮޑު ބަދަލެއް ގެންނާނެ ކަމުގެ ވާހަކަ އެވެ. ނަމަވެސް އަދުގެ ހަގީގަތަކީ ކޮބާތޯ އެވެ. އަންހެންވެރިން ވިހަމުން ދަނީ "ހަރުވާޅު" ތެރެއަށް ކަމެވެ. ގިނަ ރަށްރަށުގައި އައިވީއެއް ނެތް އިރު ގިނަ ރަށްރަށުން ރަނގަޅު ސިއްހީ ހިދުމަތެއް ނުދެވެ އެވެ. މަރުކަޒީ ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ޑޮކްޓަރުންގެ ދަތިކަން އޮތީ އިންތިހާ ދަރަޖާގަ އެވެ.
އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވަން ބޭނުންވާ ނަމަ ކުރިއަށް އޮތް 10 އަހަރަށް ޕްލޭން ކޮށްގެން ދިވެހިން ތަމްރީނުކުރަން ޖެހޭ ކަމަށެވެ. އެހެން ނުކުރެވިއްޖެ ނަމަ މީގެ 10 އަހަރު ފަހުން ސިއްހީ ދާއިރާ މުއަށް ވުރެ ދަށަށް ދާނެ ކަމަށާއި ނަމަވެސް އެވާހަކަދައްކާ ސިޔާސީ ޕާޓީއެއް ނެތް ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ އިޖްތިމާއީ މައްސަލަތަކާ މެދު ވިސްނާ މީހަކު ކަރުނަ އަޅާ ރޯނެ އެވެ. މާދަމާ ގައުމާއި ހަވާލުވަންތިބި ޒުވާނުންތިބީ ކުށުގެ ވެށީގައި ބަނދެވިފަ އެވެ. ޖިނާއީ މައްސަލަތަކަށް ބަލާ އިރު، ކްރިމިނަލް ކޯޓަށް މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް 537 މައްސަލަ ހުށައަޅާފައިވާ އިރު މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ކުޑަ ކުދިންނާ ގުޅުން ހުރި 321 މައްސަލައެއް ޖެންޑާ މިނިސްޓްރީ އަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި މިދިޔަ އަހަރު ގަސްދުގައި މީހުން މެރުމުގެ 10 ހާދިސާއެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. މަސްތުވާތަކެތީގެ އެތައް މައްސަލައަކާއި ބަދުއަހުލާގީ އެތައް މައްސަލައެއް ފުލުހުން މިހާރު ވެސް އަންނަނީ ތަހުގީގް ކުރަމުންނެވެ. އެހުރިހާ ކުށްތަކުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާ އިރު އެއީ ގައުމުގެ މުސްތަގުބަލަށް އެޅޭ ބޮޑު އަނދިރިކަމެކެވެ.
އިޖްތިމާއީ މައްސަލަތައް ގިނަވެ ކުށްކުރުން އިތުރުވާއިރު އެފަދަ ކަންކަން ދިމާވަން މެދުވެރިވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެގޮތުން ބޯހިޔާވަހިކަމުގެ ދަތިތަކާއި ކުށްވެރިންނަށް އަދަބް ނުލިބުން ފަދަ ބޮޑެތި މައްސަލަތައް އެބަހުއްޓެވެ. އެހެންކަމުން ގައުމާއި ހަވާލުވާ ވެރިޔަކީ އެފަދަ ކަންކަމާއި ހިތްވަރާ އެކު ކުރިމަތިލެވޭ އެކަންކަން އިސްލާހުކުރެވޭ ވެރިޔަކަށް ވާންޖެހެ އެވެ. ނުވެއްޖެ ނަމަ މިގައުމު ކޮންޓްރޯލް ގޭންގްތަކުގެ އަތަށް ދިއުން ދުރެއް ނޫނެވެ.
ގައުމުގައި ފެތުރިފައިވާ އަނެއް ވަބާއަކީ ކޮރަޕްޝަންގެ ހުތުރު އަމަލުތަކެވެ. ފާއިތުވި ދެ ސަރުކާރަށް ބަލާލަމާ ތޯއެވެ. އެގޮތުން ޕީޕީއެމްގެ ރައީސް މައުމޫންގެ ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކަށް ބެލުމުން ފެންނަނީ ދިވެހި ދައުލަތުގެ ފައިސާއިންނާއި މުދަލުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާތަނެވެ. ރައްޔިތުންނަށް ވުރެ އަރިސް ބޭފުޅުންނާއި އާއިލީ ބޭފުޅުންގެ ކަންތައްތައް އިސްކޮށްފައިވާ ތަނެވެ. އަދި ހަމަ އެހެންމެ ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި އިންތިހާ ދަރަޖައަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާކަން އެ ސަރުކާރުގެ އޮޑިޓް ރިޕޯޓްތަކުން ހާމަވެ އެވެ. ރައީސް ވަހީދުގެ ސަރުކާ ގުޅޭ ގޮތުން މިހާތަނަށް ނުކުމެފައިވާ ހަމައެކަނި އޮޑިޓް ރިޕޯޓް ވެސް އޮތީ ރަނގަޅަކަށް ނޫނެވެ. އަދި ގާސިމް އިބްރާހިމަށް ބަލާ އިރު މާމިގިލީ އެއާޕޯޓް 99 އަހަރަށް ގާސިމަށް ދޭން ޚުދު އޭނާގެ ޕާޓީ އަށް ނިސްބަތްވާ މިނިސްޓަރަކު ނިންމެވިކަން ފާހަގަ ކުރެވެ އެވެ.
ގައުމުގެ މުސްތަގުބަލަށް ވިސްނާ ނަމަ އަދި ތަރައްގީކުރަން ބޭނުން ނަމަ ކޮރަޕްޝަން ނައްތާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ކޮރަޕްޝަން އޮތް ތަނެއް ކުރިނާރާނެތީ އެވެ. އަދި ގައުމަށް ލިބޭ މަދު ފައިސާ ކޮޅަކީ ސިޔާސީ ވެރިންގެ އެއް އަތުން އަނެއް އަތައް ބަދަލު ކުރަން އޮތް އެއްޗަކަށް ވެއްޖެ ނަމަ ނިކަމެތި ރައްޔިތުން ވާނީ އިންތިހާ ނިކަމެއްޗެވެ. ގައުމު ވެއްޓޭނީ އަނދަވަޅަކަށެވެ. ކޮންމެ މީހަކު ވެސް ހަމަ ހިހޫތަނުން ކާލާނީއެވެ.
މި ގައުމުގެ މުހިންމު ދާއިރާތައް ވަނީ ބޮޑެތި އިހުމާލްތަކާއެކު ދަށަން ދާން ފަށާފަ އެވެ. އެދާއިރާތައް އަޑިއަޅާލުމަކީ ގައުމު ހަލާކުގެ ތެރެއަށް ދާކަމުގެ ހެއްކެކެވެ. އެހެން ކަމުން މިގައުމު ހަމަމަގަށް އަޅުވަން ބޭނުން ނަމަ މިގައުމުގެ ނަވާ ހަވާލުވާ ފަރާތަކުން އިހުލާސްތެރިކަމާ އެކު ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ. އަމިއްލަ އެދުންތައް ދޫކޮށް ގައުމަށްޓަކައި އިހުލާސްތެރި ގުރުބާނީ ތަކެއް ވާންޖެހެ އެވެ. މިގައުމު އެދެނީ އެފަދަ ވެރިއަކަށެވެ.