ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ ދާހިލީ ކަންކަމާ ބެހުމުގެ ޖާގަ ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކަށް ނުދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރޭ ލ. ފޮނަދޫގައި ޕީޕީއެމް އިން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ތިން އަހަރު ދުވަހުގެ ވެރިކަމުގައި މުއާމަލާތްތައް ކޮށްފައިވާ ގޮތުގެ ސަބަބުން، އެވެރިކަން ނިމިގެން ދިޔަ އިރު ރާއްޖެއަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ތެރޭގައި އަބުރުވެރި ގައުމެއްގެ ގޮތުގައި އޮތް އޮތުން ނިމިގެން ގޮސްފައިވާ ކަމަށެވެ.

"ރާއްޖެއަކީ މިދުނިޔޭގައި ހިމެނޭ ވަރަށް ކުޑަ ގައުމެއް. ކުޑަ ގައުމަކަށްވީ ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައުގެ ތެރޭގައި ހިމެނޭ އަބުރުވެރި ގައުމެއްގެ ގޮތުގައި އޮތް އޮތުން އަމުދުން ނިމިގެން ދިޔަ އެތިން އަހަރު (ރައީސް ނަޝީދުގެ ވެރިކަން)ގެ ތެރޭގައި. އަޅުގަނޑުމެންގެ ސަރުކާރުން ކަންކަމުގައި މުއާމަލާތްކޮށްފައި ހުރި ގޮތުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަންތައްތައް ކުރި ގޮތުގެ ސަބަބުން، އެވެރިކަން ބަދަލުވެގެން ދިއުމާ އެކު ބޭރުގެ ގައުމުތަކުގެ ފިއްތުތައް ކުރިމަތިވެގެން ދިޔަ ކަމަށާއި ވެރިކަން ބަދަލުވިވުމަކީ ސައްހަކޮށް ހިނގި ކަމެއްތޯ ސުވާލުކުރެވިގެންދިޔަ ކަމަށެވެ. އަދި އެސުވާލުތައް ކުރީ ދިވެހިންނެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ދިވެހިރާއްޖެ އަށް އެންމެ ރަނގަޅީ ކޮން ގޮތެއްތޯ، ދިވެހިން ނިންމުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް އެކި ފަރާތްތަކުން އައީ އެކި ކަހަލަ އުދަނގޫ. އެކި ކަހަލަ ޕްރެޝަރު. އެކި ކަހަލަ ފިއްތުންތައް. ރާއްޖޭގައި އެ ނިމި ދިޔަ ވެރިކަމަކީ ސައްހަ ގޮތެއްގައި ނިމިގެންދިޔަ ވެރިކަމެއްތޯ ސުވާލު އުފެއްދި. ސުވާލު އުފެއްދީކީ ދިވެހިންނެއް ނޫން. ސުވާލު އުފެއްދީ ދުނިޔޭގެ އެކި ކަންކޮޅުތަކުން. ދުނިޔޭގެ ގައުމުތަކުން އަދި ޖަމިއްޔާތަކުން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެފަދަ ކަންކަމަކީ އެއްވެސް ހަމަޖެހޭ ގައުމަކު އެގައުމެއްގައި ބޭރުގެ ބައެއްގެ ފިއްތުމުގެ ދަށުގައި ކުރަން ޖާގަ ދޭނެ ކަންކަމެއް ނޫން ކަމަށާއި ޗައިނާ ފަދަ ގައުމެއް ނަމަ އެސުވާލު ބޭރުގެ ބަޔަކު އެގޮތަށް ނުވެސް ކުރާނެ ކަމަށެވެ.

އަދި ބޭރުގެ ބަޔަކު ކުރި ސަވާލުތަކަށް ޖަވާބު ދޭން ކަނޑައެޅީ ވެސް ބޭރުގެ ބައެއް ހޮވި ކޮމިޝަނަކުން ކަމަށާއި އެކަން ކުރެވިގެންދިޔައީ ދިވެހިން ބޭނުންވާ ގޮތް އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށް ޔާމީން ވިދާޅުވި އެވެ.

އަދި މިވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ދިވެހި ރާއްޖޭގެ މިނިވަން ދުވަސް ބަދަލުކުރުމަށް ގޮވާލެވޭ ވަރަށް ދާހިލީ ކަންކަމާ ބެހުމުގެ ޖާގަ ބޭރުގެ ގައުމުތަކަށް ދެވިފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަވަސް އިންތިހާބެއް ބާއްވަން ގޮވާލެވޭ. އަޅުގަނޑުމެންގެ ޖުމްހޫރީ ދުވަސް ބަދަލުކުރަން ގޮވާލެވޭ. އަޅުގަނޑުމެންގެ ގައުމީ ދުވަސް ބަދަލުކުރަން ގޮވާލެވޭ. އަޅުގަނޑުމެންގެ މިނިވަން ދުވަސް ބަދަލުކުރަން ގޮވާލެވޭ. މިހާވަރަށް އަޅުގަނޑުމެން ބޭރުގެ ފަރާތްތަކަށް ޖާގަ ދީފިން،" ޔާމީން ވިދާޅުވި އެވެ.

ފޮނަދޫގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ބޭރުގެ ގައުމުތަކާ އެކު ޕީޕީއެމްގެ ވެރިކަމެއްގައި ގާތް ގުޅުމެއް ބާއްވާނެ ކަމަށާއި އެހެން ނަމަވެސް ދާހިލީ ކަންކަމާ ބެހުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ބޭރުގެ ފަރާތްތަކާ އެކު ވަރަށް އެކުވެރި ގުޅުމެއް އޮންނާނެ. އެކަމަކު މިކަހަލަ ބޮޑެތި ކަންކަމުގައި ބޭރުގެ ފަރާތްތަކަށް މިޖާގަ ދިނުމަކަށް އަޅުގަނޑަކަށް ޖާގައެއް ނުދެވޭނެ. އަޅުގަނޑަށް ޖާގަ ލިބެނީ ގާނޫނު އަސާސީއިންނާއި ދިވެހި ރައްޔިތުންގެ ހިތުގެ ޝުއޫރުތަކުން އަޅުގަނޑަށް އެއަށް އަމަލުކުރުމަށް ތިބޭފުޅުން ދެއްވާފައި އޮތް ޖާގަ." ޔާމީން ވިދާޅުވި އެވެ.