25 Aug 2013, 08:31
(21 އޯގަސްޓްގެ އަދަދާއި ގުޅޭ)
ވިދުވަރުގެ އަލީން ދުނިޔެ މަތި އަލި ކޮށްލައިފައި ދެން އައީ ގުގުރީގެ އަޑެވެ. ކަޅު ވިލާތަކުން އުދަރެސް ވަށާލައި ވާރޭ ވެހެން ތައްޔާރު ކުރަނީ އެވެ. ބެލްކަނީގައި ހައްދާފައިވާ ގަސްތަކަށް ވައިގެ ތޫނު ހަމަލާތައް އަމާޒު ވަމުން ދިޔައީ އެއްވެސް ހުރަހެއް ނެތިއެވެ. ފައިތިލަ އާއި ހަމައަށް ދެމިފައިވާ ހުދު ހެދުމުގެ ފަސްބައިގައި ހިފާ ކުޑަކޮށް ކޮށި ކޮށްލައިގެން މިއާ ކޮޓަރިއަށް ވަނެވެ. ބެލްކަންޏަށް ނިކުމެވޭ ގޮތަށް ހުޅުވާފައިވާ ދޮރުން ވަންނަމުން ދިޔަ ބާރު ވައިރޯޅި ތަކާއި އެކު ފޮތިތައް އެގޮތް މިގޮތަށް އުދުހެމުން ދިޔަ ގޮތުން އޭނާ ނުތަނަވަސްވާ ގޮތް ވެއްޖެއެވެ. ކައިވެނި ޕާޓީ ނިމޭންދެން އެހާ މޫސުމް ރީތިކޮށް އޮވެފައި ކުއްލި އަކަށް މިވީ ކިހިނެއް ހެއްޔެވެ؟
މިއާ ގޮސް ދޮރު ލައްޕާ ބަންދު ކޮށްފައި ފޮތިތައް ވެސް ދަމައިލި އެވެ. ނުހަނު ހިތްގައިމު ގޮތަކަށް ޑެކަރޭޓް ކުރެވިފައިވާ ކޮޓަރިއަށް އެކަނި ނަޒަރު ހިންގާލިއަސް ހިތްތަކަށް ލިބިދޭނެ އެއީ ބޮޑު ހިތްހަމަ ޖެހުމަކަށް ވާނެއެވެ. އަދި އަމުދުން ލޯބިވާ ފަރާތާއި ކައިވެނި ކުރުމުގެ ނަސީބު މިންވަރު ކުރައްވަނީ ދުނިޔޭން ކިތައް މީހުނަށް ހެއްޔެވެ؟ ޔަޤީނުން ވެސް މިއާގެ ނަން އެލިސްޓުގައި މިރޭ ލިޔެވިގެން ހިނގައްޖެއެވެ. އެކަމަކު.... ހަމައެކަނި ނަމެއްގައެވެ. އެކައިވެނީގެ ހަޤީޤީ އުފަލަކީ އޭނާއަށް ލިބެން ނެތް އެއްޗެކެވެ. އިޔަންގެ ލޯއްބަކީ އެހެން އަންހެން ކުއްޖެއްގެ ހައްޤެކެވެ.
އެނދުގައި ކިރިޔާ ފޫ ޖައްސައިލި ގޮތަށް މިއާ ބަލައިލީ އަތަށެވެ. ކަށި އިނގިލީގައި އެކައިވެނީގެ އެއް ރަމްޒު، އިޔަން އަޅުވައިދިން އަލިމަހުގެ އަނގޮޓި އޮތެވެ. ހަމައެކަނި އެކުވެރިންނާއި ގާތްތިމާގެ މަދު ބަޔަކު މެދުގައި ބޭއްވުނު ކުޑަ ހަފްލާއަކީ އޭނާގެ ކައިވެނި ޕާޓީ ކަމުގައި ޤަބޫލު ކުރަން ދަތި ވަނީއެވެ. ފުރާވަރަށް އެރީއްސުރެ، އިޔަންގެ ލޯބި އެހިތުގައި އަށަގަތީއްސުރެ އޭނާ މިރޭގެ ހުވަފެންތައް ދެކުނެވެ. މުޅި މާލެ ސިއްސުވާލާނެ ފަދަ ވަރުގަދަ ޕާޓީ އަކާއި އެކު އޭނާގެ އިޔަންގެ ހަޔާތާއި ގުޅޭނެ ގޮތް އޮތީ މާކުރިން ތަސްވީރު ކުރެވިފައެވެ. ޕާޓީގެ އުފާވެރި މާހައުލަށްފަހު ހަމައެކަނި އެދެމަފިރީންގެ ކޮޓަރިއަށް ވަންނަ ހިސާބުން ދެން ކަންތައް ވާނެ ގޮތެވެ. އެކޮޓަރިއަށް ވަނުމަށްޓަކައި އޭނާ އަޅާ ފުރަތަމަ ފިޔަވަޅާއެކު އިޔަންގެ ނިމުމެއް ނެތް ލޯބި ސަމާސަ ކުރުންތަކުން އޭނާ ރަކި ކުރުވާނެ ގޮތެވެ. އެއަތު ތެރޭގައި އޭނާ ރޭގެ ދެން އޮތްބައި ހޭދަ ކުރާނެ ގޮތެވެ. އެހެނަސް... އެއީ ހަމައެކަނި ހުވަފެނެކެވެ. ހަޤީޤީ ކުލަ ޖެއްސުމުގެ ކުރީން ގެއްލި ހަލާކުވެގެން ދިޔަ ބިލާހެކެވެ. އެކަމަކު އޭނާ ނުރޯނެއެވެ. މިންވަރަށް ޝުކުރު ކޮށްލައިގެން ކެތް ކުރާނީއެވެ. އިޔަން މިހާރުވެސް ފުދޭ ވަރަށްވުރެ ބޮޑަށް އޭނާއަށް އެހީވެއްޖެއެވެ.
ކުޑަ އިރުކޮޅެއް ފަހުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް މިއާ ސިހުނެވެ. ފުންމައިގެން ތެދުވެފައި ބަލައިލި އިރު އިޔަން ވަންނަނީ އެވެ. އެވަގުތު އެކޮޓަރީގެ ޑެކަރޭޝަން ފެނިގެން އިޔަންގެ ހިތަށްވެސް އުދަނގޫވިއެވެ. މިއާ ވަގުތުން އަނެއްފަރާތަށް އެނބުރިފައި އިޔަން އެއްޗެއް ނުބުނަނީސް ވަނީ ފާޚާނާ އަށެވެ. ދޮރު ލައްޕައިލެވުމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހީވީ ބަންދު ތަނެއްގައި ހުރެފައި ތާޒާ ވައިކޮޅެއް ލިބުނު ހެންނެވެ. ހަޤީޤަތުގައިވެސް އިޔަން ފެނިގެން އޭނާއަށް ދެންމެ ހާދަ އުދަނގޫވެއްޖެއެވެ. އަދި އޭނާ އެއީ އަންބެއްގެ ސިފައިގައި ފެނިގެން އިޔަންއަށް ކިހާ ވަރެއް ވާނެ ހެއްޔެވެ؟
މިއާ ހިތާއި ހިތުން ވާހަކަ ދައްކަމުން ހެދުން ބަދަލު ކޮށްލައިގެން ނިކުތެވެ. އެކަނި ކޮޓަރީގައި ނިދިއިރު ލާން ގެންގުޅުނު ޕިޖާމާ ކޮޅު ކުރުވެ މިރޭ އޭނާ ލައިގެން ނިކުތީ ދެކޮނޑާއެކު ދެފައިވެސް ނިވާވާ ވަރުގެ ޕިޖާމާއެކެވެ. އިސްތަށިގަނޑު ނިއުޅާލައިފައި އޮތުމުން އިތުރަށް ކަރާއި ކަނދުރާވެސް އޮތީ ފޮރުވިފައެވެ. އިޔަން ކޯޓު ބާލައިގެން އިށީންދެ އިނީ އެނދުގައެވެ. "މިއާ ނިދާ އެނދުގައި. އަހަރެން ސޯފާގައި ނިދާނަން." މިއާ ފެނިގެން އިޔަން ތެދުވެފައި ވާހަކަ ދެއްކިއެވެ. މިއާއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ޓައީ ދޫކުރަމުން ގޮސް އިޔަން ހުއްޓިލީ އަލަމާރި ކައިރި އަށެވެ. އިޔަން ގަމީސް ކޮނޑުގައި އަޅުވާފައި ބަލައިލި އިރު މިއާ ގޮސް އެނދުގައި އިށީންދެލައިފި އެވެ. "ގުޑް ނައިޓް." އިޔަން ބަލައިވެސް ނުލައި ގޮސް ވަނީ ފާޚާނާ އަށެވެ. އޮށޯތް ނަމަވެސް މިއާއަށް އޮންނާނެ ގޮތެއް ނޭނގުނެވެ. އަރި އަށާއި އުއްޑުން ބަދަލު ކޮށް ކޮށްފައި ރަޖާގަނޑު ތެރޭގައި ފޮރުވިގެންފިއެވެ.
ފެންބުރަ ކައިފައިވާ ވިލާތައްވެސް ދުނިޔެ މައްޗަށް އޮހެން ފެށީ އެހިސާބުންނެވެ. ގަދަ ވަޔާއެކު އައި ފެންތިކިތައް ފުރާޅުގައި ބީހޭ އަޑާއިއެކުގައިމެ ދޭތެރެއަކުން ވިދުވަރުގެ އައްޔާއި ގުގުރީގެ އަޑުވެސް އަންނަމުން ދިޔައެވެ. މިއާ ނުނިދިފައި އަނދިރީގެ ތެރެއަށް ލޯ ހުޅުވައިގެން އޮތްވާ އިޔަން ދޮރު ހުޅުވި އަޑު އިވުނެވެ. ވެހޭ ވާރޭގެ އަޑާއެކުވެސް އެއަޑު އޭނާއަށް ފާހަގަވި އެވެ.
ސަބަބެއް ނެތިވެސް ހިތް ތެޅެން ފެށީ އަމަށަކު ވަރަކަށް ނޫނެވެ. އިޔަން ގެ ދެފައި އޭނާ އޮތް އެނދާއި ހަމައަށް ނުފޯރާނެ ކަން ޔަޤީންވި ނަމަވެސް މިއާ ފިނިވެއްޖެއެވެ. "ނިދީތަ؟" އަޑު އައީ ނުހަނު ކައިރިންނެވެ. މިއާ ސިހިފައި ރަޖާގަނޑު ތިރިކޮށްލެވުނީ ކުއްލިއަކަށެވެ. "ނުނިދިގެން." މިއާއަށް ބުނެވުނެވެ. "އަދި ނިދޭނެ. ވާރޭ ވެހޭ އަޑު އިވެންޏާ ނިދަން ފަސޭހަ ވާނެ." އިޔަން އައީ ބޮކީގެ އަލި ފަނޑު ކޮށްލަން ވެގެންނެވެ. "އަހަރެން ވާހަކައެއް އަހައިލަންތަ؟" އެ ޖުމްލަ ނިކުތީ މިއާގެ އިޚުތިޔާރަކު ނޫނެވެ. އެވަގުތު އިޔަން އެނބުރި ބަލައިލުމުން ދެން ހަދާނެ ގޮތެއް ނޭނގިގެން އަނގައަށް ލެވުނީ ކުޑަ އިނގިއްޔެވެ. "އޮފްކޯސް." އިޔަންގެ މޫނުމަތީން ވަކި ތަފާތު ކަމެއް ނުފެނުނެވެ. "ޖަސްޓް ކިއުރިއަސް...." މިއާ ތެދުވެފައި ސުވާލު ކުރަން ތައްޔާރު ވި ނަމަވެސް ފަށާނެ ގޮތެއް ނޭނގިފައި އިނދެވުނެވެ.
"ދެން އަހާބަލަ!" އިޔަން ގޮސް ސޯފާގައި ކުޝަންއެއް ބޯ ދަށަށް ލައްވާލައިގެން ދިގު ދެމިލިއެވެ. "އިޔަން ބުނީމެއްނު އަބަދުވެސް ދެކުނީ އަހަރެން މީ ކޮއްކޮއެއް ގޮތުގައޭ... އަހަރެން ހަމައެކަނި އޮޅުން ފިލުވައިލަން ބޭނުމީ އެއަންހެންކުއްޖާ އާއި ދިމާ ވުމުގެ ކުރީން... ފަޅި ސިކުންތަކަށް ވިއަސް އިޔަން އަހަރެން ދެކެ....." މިއާއަށް ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. "ނޫން. އެކަހަލަ ހިޔާލެއްވެސް ނާދޭ. ޓު ބީ އޮނެސްޓް، އަހަރެން ވަރަށް ހައިރާންވެސް ވި މިއާ އަހަރެންނާއި ދޭތެރޭ ލޯބީގެ ނަޒަރުން ދެކުނުކަން އެނގުނީމަ..." އިޔަން ޖަވާބު ދިންއިރު ޖުމްލަ ތަކުގައި ދުރުކަމެއް ހުއްޓެވެ. "ދެން ކީއްވެ މަންމަ އެވަރުގެ ދޮގެއް ހަދަންވީ؟" މަންމައޭ ބުނީ އަހަރުމެންގެ ކައިވެނި ހަމަޖެހިފަ އޮތް ވާހަކަ އާއި އިޔަން އަހަރެން ދެކެ ލޯބިވާ ވާހަކަ." މިއާ އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެއެވެ. "މިއާ އަހަރެންނަށް އިތުބާރު ކުރަންތަ؟" އިޔަން ކުއްލި އަކަށް އަހައިލި އެވެ. މިއާ ޖަވާބު ދިނުމުގެ ގޮތުން ހަމައެކަނި ބޯ ޖަހައިލި އެވެ. "މިއާގެ މަންމަ ބޭނުން ވަނީ މިއާއިލާގެ ހުރިހާ މުދަލަކާއި ތަނަވަސްކަމެއް އަމިއްލަ އެއްޗަކަށް ހަދަން." އިޔަންވެސް ސިއްރު ކުރާކަށް ގަސްތެއް ނުކުރިއެވެ.
"ނުވާނެ އެހެނެއް." މިއާ ދެލޯ ބޮޑު ކޮށްފައި ފުންމައިގެން ތެދުވިއެވެ. "ހަޤީޤަތް މީ. އޭނަ ކުޑަކޮށްވެސް ނުވިސްނާ މިއާއަށް ލިބިދާނެ ހިތާމަ އަކަށް. ހަމައެކަނި ބޭނުންވަނީ ފައިސާ. އަހަރެން ބުނީމެއްނު ރަނގަޅު ވަގުތު ޖެހުނީމަ ވާހަކައެއް ކިޔައިދޭނެ ވާހަކަ. އަހަރެން ކައިރީ ބުނީ ދެމީހުން ކައިވެނި ކޮށްފަ ބައްޕަގެ މުދާތައް އޭނާގެ ނަމަށް ބަދަލު ކުރާ ހިސާބުން މިއާ ވަރިކޮށްލާފަ އަހަރެން ބޭނުން ދިމާއަކަށް ދާން." އިޔަން ތެދުވެ އިށީންދެފައި އިތުރަށް ކިޔައިދިނެވެ. "އޯ ގޯޑް...." މިއާއަށް އިތުރަށް ވާހަކަ ނުދެއްކިގެން އަނގަމަތީ އަތް އަޅައިލި އެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަންނަން ނެގީ ސިކުންތު ކޮޅެކެވެ. "ނޫން. ނޫން..." މިއާ ދެފަރާތަށް ބޯ ހޫރުވައިލީ އެވާހަކަ ޤަބޫލު ނުކުރަންވެގެންނެވެ.
މިއާގެ ކަރުނަތަކުން ހިތަށް އުދަނގޫ ވެގެން އިޔަން ދުރު ބަލަން ފެށިއެވެ. ޒޯހާގެ ވާހަކަ ބުނަން އުޅެފައިވެސް މިއާގެ ހިތްދަތިކަން އިތުރު ވެދާނެ ކަމަށް ވިސްނިގެން ހިޔާލު ބަދަލުވިއެވެ. މިހާރުވެސް މިއާއަށް ލިބިފައިވާ ހިތާމަތައް މަދެއް ނޫނެވެ. ފުރަތަމަ މިއާއަށް ލޯބިވެވުނީ އޭނާ ދެކެއެވެ. ފަހަރެއްގައިވެސް މިއާ އާއި ދޭތެރޭ ލޯބީގެ ނަޒަރުން ވިސްނާފައި ނުވާ ފަރާތެއް ދެކެއެވެ. މީހުން ބުނެއެވެ. ލޯބީގެ އެތައް ކުލައެއްގެ ތެރެއިންވެސް އެންމެ ވޭން ގަދައީ އެއްފަރާތުން ވެވޭ ލޯބީގައެވެ. އަނެއް ހިތާމައަކީ ކައިވެންޏަކާއި ނުލައި ބޮލުގައި އެޅުނު ޒިންމާއެވެ. އަދި މިހާރު މަންމަގެ ނުބައި ހަޤީޤަތްވެސް މިއާގެ ހިތް ކުދި ކުދި ކުރަމުން ދަނީއެވެ.
މިއާގެ ކަރުނަތައް ގިނަވެ އިރުކޮޅަކުން ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިއުމުން އިޔަންއަށް ހަދާނެ ގޮތް ހުސްވިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ގެނެސް މޭގައި ޖައްސައިލާނީ ވެސް ކިހިނެއް ހެއްޔެވެ؟ ދުވަހަކު ހާސިލް ވާން ނެތް ލޯބިވެރިޔާގެ ކޮނޑު ކަރުނަ އޮއްސަން ލިބިގެން މިއާގެ ހިތާމަތަކަށް ލިބޭނީ ލުއެއް ނޫނެވެ. ބަދަލުގައި ވާނީ އިތުރަށް ހިތްދައްޗެވެ. އިޔަން ދަތް ކުނޑި ވިކާލައިފައި ބޮނޑި ބޭލީ ސޯފާ އަށެވެ. ގޮށްމުށުގެ ދެތިން އެތިފަހަރު ދޫކޮށްލައިފައި ތެދުވެގެން ގޮސް ކޮޓަރިން ނިކުތެވެ.
ލައިގެން ހުރި ހަމައެކަނި ހަރުވާޅާއެކު މާހައުލުގައި ހިފާފައިވާ ފިނިކަން އެހަށިގަނޑަށް އުދަނގޫ ކުރުވިއެވެ. އަލި ފަނޑު ކޮށްލާފައިވާ ސިޓިން ރޫމް ހުރަސްކޮށް އިޔަން ގޮސް ބަދިގެއަށް ވަދެފައި ހޫނު ކޮފީއެއް ހަދާލައިފި އެވެ. ނިކުންނަން އުޅެފައި ކުއްލިއަކަށް ހިތަށް އަރައިގެން އިތުރަށް ހޮޓް ޗޮކްލެޓްއެއް ހެދިއެވެ. އިޔަން ގޮސް ކޮޓަރިއަށް ވަންއިރު މިއާ ރުއިން ހުއްޓާލައިގެން ގޮސް ހުރީ ފޮތިގަނޑު ކަހާލައިގެން ބޭރު ބަލާށެވެ. ބެލްކަނީގައި އަލިކަން ހުރުމުން ވެހެމުން ދިޔަ ވާރޭ ތިކިތައް ޕޮޓްތަކުގައިވާ ގަސްތައް ތެންމަމުން ދިޔަ މަންޒަރު ފެނެއެވެ.
"ހޮޓް ޗޮކްލެޓް!" އިޔަން ކައިރިއަށް ހުއްޓިފައި ބުނެލި އެވެ. މިއާ މޫނު އަނބުރައިލާފައި ފުރަތަމަ ހުރީ ނުހިފަން ކަހަލައެވެ. "ބޯލަބަލަ. ސިކުނޑިއަށް ލުއި ވާނެ." އިޔަންގެ ވާހަކަ އަހާފައި މިއާ ޖޯޑުގައި ހިފިއެވެ. އިޔަން ދެތިން ކޯވަރު ބޯލި އިރު މިއާ އަދި ހުރީ ޖޯޑުގައި ދެއަތުން ހިފަހައްޓައިލި ގޮތަށް އަނެއްކާވެސް ބޭރު ބަލާށެވެ. "މަންމަގެ މަޤްސަދު އެނގޭއިރުވެސް ކީއްވެ ކައިވެންޏަށް އެއްބަސްވީ؟" މިއާ ފުރަތަމަ ކޯވަރު ރަހަ ބަލާލައިފައި ސުވާލު ކުރިއެވެ. އެހިސާބުން އިޔަން މަޑު ޖައްސައިލި ވާހަކަވެސް ޖެހުނީ ކިޔައިދޭށެވެ. ޒޯހާގެ ވާހަކަ ކިޔައިދިން ހިސާބުން މިއާއަށް ޤަބޫލު ކުރެވުނީ އޭނާއަށްވުރެ އިޔަންއަށް ލިބިފައިވާ ހިތާމަ ބޮޑު ކަމުގައެވެ. ވީއިރު އިޔަން ނުއޮހޮރުވާ ކަރުނައެއް އޭނާއަށް އޮހޮރުވޭނެ އެއްވެސް ހައްޤެއް ނެތެވެ. އޭނާވެސް ޖެހޭނީ އިޔަން ފަދައިން ހިތްވަރުގަދަ މީހަކަށް ވާށެވެ. އިޔަންއަށް ބަލައިލައިފައި މީހަކަށް ނޭނގޭނެއެވެ. އެކަމަކު އޭނާ އެހުންނަނީ ލޯބިވެރިޔާ ވީތަނެއް ނޭނގި ގެއްލުނުތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވީ އިރުވެސް އާދައިގެ އެހެން މީހުން ފަދައިން ހަމަޖެހޭ ގޮތް ދައްކައިގެންނެވެ. ކޮންފަދަ ހިތްވަރު ގަދަ ޒުވާނެއް ހެއްޔެވެ؟
"ފަސްޓް ޑޭ ގަ ހޮސްޕިޓަލަށް ވަންނަނިކޮށް ލިބުނީ ކޮން ޚަބަރެއް؟" މިއާ ކުއްލިއަކަށް ހަނދާންވެގެން އަހައިލިއެވެ. "މައިކަލް ގުޅާފަ ބުނީ ޒޯހާ ނުފެނުނު ވާހަކަ." އިޔަން ޖަވާބު ދިނެވެ. "އިޔަން އައެމް ސޮރީ." މިއާ އިރުކޮޅެއް ފަހުން މަޢާފަށް އެދުނެވެ. "މީގަ މިއާގެ އެއްވެސް ކުށެއް ނެތް." އިޔަން ބުނެލިއެވެ. "އިރާދަ ކުރެއްވިއްޔާ އަދި ޒޯހާ ފެންނާނެ. ހުއްޓާ ނުލާ އަދިވެސް މަސައްކަތް ކުރޭ." މިއާ އެ ޖުމްލަ އިއްވާލައިފައި އަނެއް ފަރާތަށް އެނބުރި ހިނގައިގެންފިއެވެ. އިޔަން އިރުކޮޅަކުން ބަލައިލި އިރު މިއާ ޖޯޑު ބަހައްޓާފައި ނިދަން އޮށޯވެއްޖެއެވެ. އެހިސާބުން އިޔަންވެސް ފަހު ކޯވަރު ބޯލައިފައި ގޮސް އޮށޯތެވެ.
**********
ހެނދުނު ފުރަތަމަ ލޯ ހުޅުވައިލީ މިއާ އެވެ. ދޮރުފޮތިތައް ދަމާފައި ހުރުމުން އަދިވެސް ހީވަނީ ފަތިސް ހެންނެވެ. މިއާ ގަޑި ބަލައިލާފައި ނުވައެއް ޖެހިތަން ފެނިގެން އަވަހަށް އެނދުން ފޭބިއެވެ. ފާޚާނާއަށް ވަންނަން ވެގެން ކުރިއަށް އެޅި ފިޔަވަޅާއެކު ސޯފާގައި ނިދިފައި އޮތް އިޔަން ފެނިގެން ހުއްޓެވިއްޖެއެވެ. މިއާ ލަސް ފިޔަވަޅު ތަކެއްގައި ގޮސް ސޯފާ އާއި ކައިރިވެލިއެވެ. ކުޑަ މޭޒުމަތީ ދެމީހުން ހުސްކުރި ކޮފީ އަދި ހޮޓް ޗޮކްލެޓް ޖޯޑުތައް ހުއްޓެވެ. ވިރި ހުސްވެފައިވާ އުއްބައްތިތައްވެސް އެމޭޒު މަތީގަ އާއި ކޮޓަރީގެ އެތަން މިތާ ހުއްޓެވެ. މިއާ އެސްފިޔަ ޖަހައިލަން ނޭނގިފައި ހުއްޓާ އިޔަން ލޯ ހުޅުވައިލުމުން މެއަށް ހީވީ ފިނި ފެން އެއްޗެއް އޮއްސައިލި ހެންނެވެ. ބިރުން މުޅި ކުއްޖާ ތުރު ތުރު އަޅައިގަތް އިރު މުޅި ހަށިގަނޑުން ހީބިހި ނަގައިގަތެވެ.
"އަހަރެން މިދަނީ ހޮސްޕިޓަލަށް ދާން ތައްޔާރު ވާން." މިއާ އަވަހަށް ފާޚާނާ އާއި ދިމާއަށް ދުއްވައިގެންފިއެވެ. "މިއަދު މީ ހުކުރެއްނު." ފަސްދިން ފަހުން އިޔަން ބުނެލި އަޑު އިވުނެވެ. މިއާ ފާޚާނާއަށް ވަދެ ދޮރު ލައްޕާފައި މޫނު ދޮންނަ ތަށީގައި ދެއަތުން ބާރަށް ހިފެހެއްޓިއެވެ. ހިތް ތެޅޭލެއް ބާރު ކަމުން މޭ ފަޅާފައި ނިކުމެދާނެ ކަހަލައެވެ. މިއާ ފުން ނޭވައެއް ލައިފައި އިސް ކުރު ދޫކޮށްލި ގޮތަށް ފެން ގޮށިތައް މޫނަށް ވިއްސަން ފެށިއެވެ. ފިނި ފިނި ފެންތިކިތައް އެމޫނުގައި ބޮސްދީފައި ތިރިއަށް ފިރުކެން ފެށީ ނުހަނު ހަލުވި މިނުގައެވެ. މިއާ ހިތްހަމަޖެހޭވަރު ވުމުން އަތް އުނގުޅައިލާފައި ބުރުސް ނަގައި ބޭސް ޖަހައިގެން ދަތް އުނގުޅަން ދިމާކޮށްލިއެވެ. ބުރުސް އަނގައަށް ލައިފައި ނެގީ ސިކުންތު ކޮޅެކެވެ. އޯކަށް ދެމިގަނެވުމުން އަވަހަށް ގުދުވެލީ ފާޚާނާ ތަށްޓާއި ދިމާއަށެވެ. ކަރުގައިވާ ހުރިހާ ނާރުތަކެއް ބުރިވިހެން މިއާއަށް ހީވިއެވެ. ހޮޑު އަންނަން ފެށުމުން އަނގައިގައި ލީ ހިތި ރަހައެއްގެ ވާހަކަ އަދި ރަނގަޅީ ނުދެއްކިއްޔާއެވެ. ހައްތަހާ ބޮޑަށް ހޮޑު ލަވަން ފެށީ ދެނެވެ. މިއާއަށް ބޯ ހިއްލައިލެވުނީވެސް އިރުގަނޑަކުންނެވެ. އޭރު ކޮޅަށް ހުރުން ދަތިވެއްޖެއެވެ.
"އިޔަން....." މިއާގެ އަނގައިން ނިކުތެވެ. މޫނު މައްޗަށް އަނދިރިވާ ކަހަލަ ގޮތެއް ވެގެން އަވަހަށް ބެލީ ފާޚާނާގެ ދޮރު ހުޅުވޭތޯއެވެ. އިޔަން ކޮޓަރި ތެރޭގައި ފޯނު ކަންފަތުގައި ޖަހައިގެން ހުރެފައި ބަލައިލީ ދޮރު ހުޅުވުނު އަޑަށެވެ. އެވަގުތު މިއާގެ މޫނު މަތީގައިވާ ކުލަވަރު ފެނިގެން ކަމެއް ގޯސްވެއްޖެކަން އިޔަން ނަގައިގެންފިއެވެ. އަވަސް އަވަހަށް ފޯނު ސޯފާއަށް އެއްލާފައި އިޔަން އެދިމާއަށް އައެވެ. "ކިހިނެއްވީ؟" އިޔަންއަށް އައިސް އަތުގައި ހިފަހައްޓައިލެވުނު ކަމެވެ. ވަގުތުން މިއާ އަރި އަޅާލައިފިއެވެ. އެކަމަކު ވެއްޓުމުގެ ކުރީން އިޔަން ހުޝިޔާރު ކަމާއެކު އެހަށިގަނޑު ހިފެހެއްޓިއެވެ.
އިޔަން ހާސްކަމާއެކު މިއާގެ މޫނުގައި ދެފަހަރަކު މަޑު މަޑުން ޖަހާލައިފައި ޖަވާބެއް ނައުމުން އުފުލާލައިގެން ގެންގޮސް ބޭއްވީ އެނދުގައެވެ. މިއާ ހޭވެރިކަން ވީ އިޔަން ފެން ތައްޓެއް ހިފައިގެން ގޮސް ކައިރީގައި އިނދެ އެމޫނުގައި ފެން އުނގުޅަމުން ދަނިކޮށެވެ. ލޯ ހުޅުވައިލާފައި ފުރަތަމަވެސް ރޯން ފަށައިފި އެވެ. އެވަގުތު މިއާގެ ދެލޮލުން އައި ކަރުނަތައް ފެނި އިޔަންގެ ހިތަށްވެސް އަސަރު ކޮށްލިއެވެ. "ކަމްއޯން މިއާ. ވަރަށް ހިތްވަރު ކުރަން ޖެހޭނެ. ހިތްވަރު ކޮށްގެން މިކަހަލަ ކަންތައް ވާނީ. އަދި އެހާ އަވަހަށް މީހަކަށް އެނގިއްޖެއްޔާވެސް ވަރަށް ގޯސްވާނެ. ސިއްރު ކުރަން ބޭނުމިއްޔާ ތިއަށްވުރެ ކެތްތެރިވާން ޖެހޭ." އިޔަން މިއާގެ ކޮނޑުގައި ހިފައި ބާރު ކޮށްލައިފައި ހިތްވަރު ލައިދިނެވެ. މިއާ އަނގަމަތީ އަތް އަޅާލައިގެން ރުއިން ކޮންޓްރޯލް ކުރަމުން އެވާހަކަ އާއި އެއްބަސް ވުމުގެ ގޮތުން ބޯ ޖަހައިލި އެވެ.
"އަހަރެން އަދި ލީވް ނުނެގިއަސް މިއާ މިދުވަސްކޮޅު ލީވް ނަގަން މަށަށް ފެންނަނީ. ތިހެން މޯނިން ސިކްނެސް ޖެހެންޏާ ވޯކް ކުރަން އުދަނގޫ ވާނެ." އިޔަން ފެންވަރާލައިގެން ނިކުމެފައި ބުނެލި އެވެ. މިއާ އޭރުވެސް އިނީ ބާލީސް ތަކުގައި ބުރަކަށި ޖައްސާލައިގެން އެނދުގައެވެ. އެއްލި ކަޅިއަކުން މިއާއަށް އިޔަން ފެނުނީ ލޯގަނޑުންނެވެ. އުނުގައި އޮޅާލެވިފައިވާ ތުވާއްޔާއެކު ހާމަވެފައިވާ އެހަށިގަނޑު ފެނިގައި އެވަގުތުވެސް ވިންދު އަވަސް ވެލިއެވެ. މިއާ ނުބަލަން ހުއްޓައިވެސް ހަމަ ބެލެނީއެވެ. ހިސާބަކަށް ފެނުގެ އަސަރު ހުރި ފަން އިސްތަށިގަނޑުން ކޮނޑު މައްޗަށް ފައިބަމުން ދިޔަ ފެންތިކިތައް އެރީތި ހަށިގަނޑުގައި ބޮސްދެމުން ތިރިއަށް ފިރުކެމުން ދިޔައެވެ. އެފެންތިކިތައް ދެކެވެސް މިއާ ހަސަދަވެރި ވިއެވެ. އޭނާއަށް ނުލިބުނު ނަސީބެއް އެކުދި ކުދި ފެންތިކިތަކަށް މިންވަރު ކުރެއްވީ ކޮން ހައިސިއްޔަތެއް އޮވެގެން ހެއްޔެވެ؟
"ކޯއްޗެއް ތި ވިސްނަނީ؟" އިޔަންއަށް މިއާ އެއްދިމާއަކަށް ގެއްލިފައި އިންދާ ފެނިގެން ސުވާލު ކޮށްލުމުން ސިއްސައިގެން ދިޔައެވެ. ހާސްވި ވަރުން އެވަގުތު މިއާގެ އަޑުވެސް ގެނބުނެވެ. "ނުވިސްނަން." މިއާ އަވަހަށް އިސްޖެހިއެވެ.
(ނުނިމޭ)