ފޮރިން މިނިސްޓަރު ޑރ. އަބްދުއް ސަމަދު އަބްދުﷲ ރޭ އަވަހާރަވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވީ، ކިޑުނީއާއި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން ދަނިކޮށް ރާއްޖޭ ގަޑިން ރޭ މެންދަމު 1:05 ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގަ އެވެ. މިނިސްޓަރު ސަމަދު 67އ. އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސް މުހައްމަދު ވަހީދު ވަނީ ހަމަޖައްސަވައިފަ އެވެ. މިނިސްޓަރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ ނެރުނު ހާއްސަ ދެންނެވުމެއްގައި ވަނީ އެ ހަބަރު މި އިއުލާންކުރަނީ ވަރަށް ފުންހިތާމައާއެކުގައި ކަމަށެވެ. "ޑރ. ސަމަދު އަވަހާރަވުމާ ގުޅިގެން ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އެ މަނިކުފާނުގެ އަނބިކަނބަލުންނަށާއި ބޭފުޅުންނަށާއި އަދި އާއިލާގެ އެންމެހާ މެންބަރުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ފޮނުއްވަ އެވެ." އެ ދެންނެވުމުގައި ބުނެފައިވެ އެވެ. އެ ދެންނެވުމުގައި ވަނީ މިނިސްޓަރު ސަމަދަކީ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ގޮތެއްގައި ފާހަގަކުރައްވާ ކަމަށެވެ. އަދި މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ދިވެހިރާއްޖެއާއި ބޭރު ގައުމުތަކާ ދެމެދު ގުޅުން ރަނގަޅު ކުރައްވައި ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެ މަނިކުފާނުގެ ގައުމީ ޚިދުމަތްތަކުގެ ތެރެއިން ހާއްސަ ގޮތެއްގައި ފާހަގަކުރެވޭނެ ހިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށް ވެސް ބުނެފައިވެ އެވެ. ޑރ. ސަމަދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ އަނބިކަނބަލުންނަށް ރައީސް ވަނީ ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެފަ އެވެ. ރައީސް ވަހީދު ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅު، ޑރ. ސަމަދު އަވަހާރަވުމާ ގުޅިގެން މެދުކަނޑާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާ ގޮތަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މިދިޔަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ބަދަލުވުމާ ގުޅިގެން، ރާއްޖޭގެ ފަހުގެ ތާރީހެއްގައި އެންމެ ބޮޑަށް ބޭރުގެ ޕްރެޝަރު ކުރިމަތިވިއިރު، ފޮރިން މިނިސްޓަރަކަށް ހުންނެވި ޑރ. ސަމަދަށް ހާޓްއެޓޭކެއް ޖެހިވަޑައިގެން ސިންގަޕޫރުގައި އެޑްމިޓްކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރު ސަމަދު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ނަމާދަށްފަހު ސިންގަޕޫރުގައި ކަމަށެވެ. އެ ޖަނާޒާގައި މިވަގުތު ސިންގަޕޫރުގައި ހުންނެވި ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.