24 Aug 2013, 21:05
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ފަސް އަހަރު ދުވަހުގެ ތެރޭގައި 20،000 ފްލެޓް އަޅާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މައި މެނިފެސްޓޯ އިފްތިތާހު ކުރުމަށް ލޮނުޒިޔާރަތްކޮޅު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯއަކީ 20،000 ފްލެޓް އެކުލެވޭ މެނިފެސްޓޯއެއް ކަމަށެވެ.
" ..މި މެނިފެސްޓޯއަކީ ފްލެޓް ދޮންބެގެ 20،000 ފްލެޓް އެކުލެވޭ މެނިފެސްޓޯއެއް،" އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުވިދާޅުވި އެވެ.
މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކުގެ ގޮތުގައި ނަޝީދު މިއަދު ފާހަގަ ކުރެއްވި އެހެން ކަންތައްތަކުގެ ތެރޭގައި 51،000 ވަޒީފާގެ ފުރުސަތާއި މަތީ ތައުލީމަށް ހަރަދުކުރާނެ 120 މިލިޔަން ރުފިޔާގެ ސޭވިން ސްކީމަކާއި 118 މިލިޔަން ރުފިޔާގެ ސްޓޫޑެންޓް ލޯން ސްކީމެއް ހިމެނެ އެވެ. އެ ކަންތައްތަކާ އެކު ރާއްޖޭގެ ތަރައްގީއަށް 137 ޕްރޮގްރާމް ތަންފީޒު ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރާއްޖޭގެ ތަރައްގީއަށް ޖުމްލަ 137 ޕްރޮގްރާމް ހިންގާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަމެއްގައި ފަސް އަހަރުގެ ތެރޭގައި ޓެކްސްގެ ނިޒާމާއި ހިންގާ އެކި އެކި އިންވެސްޓްމެންޓްތަކުގެ ތެރެއިން ދައުލަތުގެ އާމްދަނީގެ ގޮތުގައި 72 ބިލިޔަން ރުފިޔާ ހޯއްދަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އަޑު އައްސަވާ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ޓެކްސްގެ ނިޒާމުގެ ތެރެއިންނާއި އަޅުގަނޑުމެން ހިންގާ ޕްރޮގްރާމްތަކާއި ކުރާނޭ އިންވެސްޓްމެންޓްތަކުގެ ސަބަބުން ދައުލަތަށް އާމްދަނީގެ ގޮތުން 72 ބިލިޔަން ރުފިޔާ ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަކީ ހިސާބު ކުރެވި ބަޖެޓްކުރެވިފައިވާ ކަންތައްތަކެއް ކަމަށާއި ވައުދު ތަކަކީ ހުސް ވައުދު ތަކެއް ނޫން ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ވިދާޅުވީ އެހެން ޕާޓީތަކުން ވައުދުތައް ވަނީ ރަށްރަށަށް ވަޑައިގެން ބައްދަލުވާ މީހުން ބުނާ ކަންތައްތަކާ ގުޅުވައިގެން ވަގުތުން ވަގުތަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ވާދަވެރިން ވައުދުވަނީ، އެނގިވަޑައިގަންނަވާނެ، ރަށަށް ފައިބައިގެން އަންނަ އިރުގައި ފުރަތަމަ ދިމާވާ ބޭފުޅާ އަޅުގަނޑަށް މަސް އޮޑިއެކޭ ބުނީމައި، އާ ބޭފުޅުންނަށް މަސްއޮޑިއެކޭ، ދެން ދިމާވާ ޓީޗަރު އަޅުގަނޑަށް އައިޕެޑެކޭ ބުނީމާ ހުރިހާ ޓީޗަރުންނަށް އައިޕެޑް،" ވާދަވެރި ރިޔާސީ އެހެން ކެންޑިޑޭޓުންނަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.
ބޮޑުވެފައިވާ ދައުލަތުގެ ދަރަނީގެ ވާހަކަ ވެސް ރައީސް ނަޝީދު ދެއްކެވި އެވެ. ވިދާޅުވީ ދައުލަތުގެ ދަރަނި ކަންބޮޑުވާ ވަރަށް މިންވަރަކަށް ގޮސްފައިވާ ކަމަށެވެ.
"ދައުލަތުގެ ދަރަނި މިއަދު ހުރީ ކަންބޮޑުވާ މިންވަރުގައި، އިގުތިސާދީ ތަޖުރިބާ ލިބި މަސައްކަތް ކުރައްވައި، މިކަން ދަންނަ މީހުންނާ އަޅުގަނޑުމެން މިދަނީ ދިރާސާކޮށް ވާހަކަ ދައްކަމުން، ވިސްނާ ނުލާ އެންމެ ފިޔަވަޅެއް އަޅާނޭ ޖާގައެއް ވެސް ދެނެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ މައި މެނިފެސްޓޯ މިއަދު އިފްތިތާހު ކުރީ ސޯޝަލް ސެންޓަރު ކައިރިން ފަށައިގެން ރާޅުގަނޑު ސަރަހައްދާ ހަމައަށް ކުރިއަށް ގެންދިޔަ ހިނގާލުމެއް ނިންމާލުމަށް ފަހު އެތަނުގައި ބޭއްވި އެއްވުމެއްގައެވެ. އެ އެއްވުމުގައި އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ މީހުންނާއި އެޕާޓީގެ އިސް ވެރިން ބައިވެރިވި އެވެ.