އއ. ރަސްދޫ "ރަބީޢު" ނަމަކަށް ކިޔާ ކަންނެލި ދޯނީގެ އިންޖީނު ރޫމަށް ރާޅު އެރައި އެދޯނި އިއްޔެ އަޑިއަށް ދިޔައީ މާލެއާ އިރުއުތުރުން 14 ނޯޓިކަލް މޭލު ބޭރުގައި އޮއްވައެވެ. އެވަގުތު ފުރާނަ ސަލާމަތް ވާނެ ކަމުގެ ކުޑަވެސް އުންމީދެއް ކުރީ އޭނާ އެކަނި ކަމަށް ދޯނީގެ ކެޕްޓަން އަހުމަދު ރަޝީދު ބުންޏެވެ. އޭނާ ބުނީ ދޯނީގައި ތިބި 10 ފަޅުވެރިން ވެސް ތިބީ އުއްމީދު ކަނޑާލައި، ހިތާމަ ކުރަން ކަމަށެވެ.

އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެގެން ، ހާދިސާ ހިނގިގޮތް ނޫސްވެރިންނަށް ކިޔައި ދެމުން ރަޝީދު ބުނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 4:45 އެހައިކަންހާއިރު ބޮޑު ތިން ރާޅު ނަގައި އިންޖީނު ރޫމަށް ރަޅު އެރި ކަމަށެވެ. ދޯނި އޭރު އޮތީ މާލެއާއި 18 ވަރަކަށް މޭލު ދުރުގައި ކަމަށް ވެސް އެނާ ބުންޏެވެ.

ރަޝީދު ބުނީ ރާޅު އެރުމުން އުއްމީދު ކެނޑި ، ހިތާމައިގައި ފަޅުވެރިން ތިބި ނަމަވެސް އިތުރު ހިތްވަރެއް ކޮށްލާފައި އޭނާ މަސައްކަތް ކުރީ ސިފައިންނަށް އެކަން އެންގުމަށް ކަމަށެވެ. އެގޮތުން ކުރިމަސައްކަތުން 30 އަކަށް މިނެޓުގެ ތެރޭގައި ސިފައިންނަށް އެކަން ރިޕޯޓު ކުރެވުނު ކަމަށާއި އެކަމުގައި ގިނަ ވަގުތުތަކެއް ހޭދަވީ ފޯނަށް ރޭންޖު ލިބުން ދަތިވެގެން ކަމަށް އޭނާ ބުންޏެވެ.

"ރޭންޖު މައްސަލަ ވަރަށް ބޮޑު. ފޯނު ކޮތަޅަކަށް ލާފައި އަޅުގަނޑު ސިފައިންނަށް ގުޅަން ފެށިން. 30 މިނެޓުގެ ތެރޭގައި އަޅުގަނޑަށް ސިފައިންނަށް މިކަން ރިޕޯޓު ކުރެވުނީ،" ރަޝީދު ބުންޏެވެ.

ފެތުނު ދިޔަ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަދިވެސް އަންނަނީ ކުރަމުންނެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކޯސްޓުގާޑު ބިލްޑިންގައި މިއަދު ހަވީރު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މޭޖާ މުހައްމަދު ސަލީމް ވިދާޅުވީ މެޓު އޮފީހުން ޔެލޯ އެލާޓު ނެރެފިނަމަ ދަތުރުފަތުރު ނުކުރުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށެވެ.

ވިއްސާރަވެ ކަނޑިގަދަ ދުވަސްވަރެއްގައި މޫސުމަށް ޚާއްސަ ސަމާލުކަން ދިނުމަކީ މުހިންމުކަމެއް ކަން އޭނާ ފާހަކުރެއްވި އެވެ. ދަތުރެއް ފެށުމުގެ ކުރިން އެދަތުރު ޕްލޭންކޮށްފައިވާ ގޮތް ގުޅުން ހުރި އެހެން މީހުންނަށް ކިޔައި ދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މިހާރުވެސް އެބަ އާދޭ ވޭތިވެދިޔަ ދެ ތިން ދުވަސްތެރޭ ވެސް ފުރިފަހުން ޚަބަރެއް ނުވެގެން އުޅޭ އުޅަނދު ފަހަރުގެ މައުލޫމާތު ވެސް އެބަ އާދޭ. އެހެންކަމުން ފުރައުގެން ތަނަކަށް ދާކަމަށް ވެއްޖެއްޔާ އެދަތުރު ޕްލޭން ކުރެވިފައި އޮންނަ ގޮތާއި އަދި ނުގުޅި ކަމެއް ދިމާވިޔަސް އެމީހުން ކަންކަން ކުރާނެ ގޮތް ކޮންމެވެސް ފަރާތަކަށް އެ މައުލޫމާތު ހިއްސާ ކޮށްފަ އޮތުމަކީ ވަރަށް މުހިންމު ކަމެއް،" ސަލީމް ވިދާޅުވި އެވެ.