ހދ. ނޮޅިވަރަމް ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބު ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން މިވަގުތު ނޮޅިވަރަމްގައި ހުންނެވި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހްމަދު މަހުލޫފް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް މަރިޔަމް ހަބީބް އަށް ލިބިވަޑައިގަތީ ޖުމްލަ 434 ވޯޓު ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އިސްމާއީލް ނަސީރު އަށް ލިބިވަޑައިގަތީ 379 ވޯޓު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް ބޭއްވި 21 ބައި އިލެކްޝަންތަކުގެ ތެރެއިން 18 ބައި އިލެކްޝަނެއް އެކި ޕާޓީތަކާ ވާދަކޮށް ޕީޕީއެމް އަށް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ބުނަމުންގެންދާ އެމްޑީޕީން މި ބައި އިލެކްޝަންގައި ވާދަނުކުރުމަކީ، އެއްބުރުން އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދުގެ ނަތީޖާއިން އެނގިގެން ދިޔައީ ރިޔާސީ އިންތިޚާބު ޕީޕީއެމް އަށް ކާމިޔާބު ކުރެވޭނެކަން ކަމަށެވެ.