އަންނަ އަހަރު ފްރާންސްގެ ރީތީގެ ރާނީން ކަމަށް ދައުވާ ކުރާ ބައިވެރިން މިއަދު ހެނދުނު ރާއްޖެ އިން ފުރައިފި އެވެ.


އަންނަ އަހަރު ފްރާންސްގެ ރީތީގެ ރާނީން ކަމަށް ވާދަކުރާ 33 އަންހެން ކުދިން ރާއްޖެ އައިސްފައި ވަނީ އަންނަ މަހު 4 ގައި އޮންނަ މިސް ފްރާންސް ހޮވުމުގެ ރަސްމިއްޔާތަށް ބޭނުންވާ ބައެއް ފޮޓޯ އާއި މަންޒަރުތައް ނެގުމަށެވެ. އަދި އެ ފޮޓޯތަކާއި އެ މަންޒަރުތައް އެ ހަފުލާގައި ދައްކާނެ ކަމަށް އެ އިވެންޓް އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.


މިއަދު އެ ކުދިން ރާއްޖެ އިން ފުރުމުގެ ކުރިން، އެ ކުދިންނާއި އެ އިވެންޓް އިންތިޒާމް ކުރި ކޮމެޓީގެ މެންބަރުން ވަނީ "ނިއު ސެވަން ވޮންޑާސް އޮފް ނޭޗާ" ނުވަތަ ދުނިޔޭގެ ގުދުރަތީ އައު ހަތް އަޖައިބުގައި ދިވެހި ރާއްޖެ އަށް ތާއީދުކޮށް ވޯޓުލާފައި އެވެ. އަދި ވޯޓު ލުމަށް ފަހު އޯގަނައިޒިން ކޮމެޓީގެ މެންބަރުން ބުނެފައި ވަނީ އެ މީހުން ދެ ވަނަ ފަހަރަކަށް ވެސް ރާއްޖެ އަށް ވޯޓުލާން ބޭނުންވާ ކަމަށާއި ހުރިހާ މީހުން ވެސް ރާއްޖެއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އަދި އެމީހުން "ހީކުރި މިންވަރަށް ވުރެ އިތުރަށް" ރާއްޖެ އިން އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށެވެ.


ފްރާންސްގެ ރީތީގެ ރާނީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރާއްޖެ އައިސް ތިބީ ކޯކޯޕާމްގެ މާލެ އަތޮޅު ބޮޑުހިތި ރިސޯޓަށެވެ. ބޮޑުހިތި ރިސޯޓުގައި އެ މީހުން ތިބި ދުވަސްވަރު ރާއްޖޭގެ ސަގާފީ ބައެއް ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކަމަށް ކޮކޯޕާމުން ބުންޏެވެ.


މިސް ފްރާންސްގެ ބައިވެރިން، ކޮކޯޕާމުން ރާއްޖެ ގެނެސްފައި ވަނީ މިސް ފްރާންސްގެ ބިޑު ކާމިޔާބުކޮށްގެނެވެ. އެ ބިޑުގައި ދިވެހި ރާއްޖެ އާ ޓޫރިޒަމްގެ ގޮތުން އެންމެ ވާދަވެރި ގައުމުތައް ކަމުގައިވާ ސީޝެލް ފަދަ ގައުމުތަކުން ވެސް ބައިވެރިވެފައިވާ ކަމަށް ކޮކޯ ޕާމުން ބުންޏެވެ.


ކޮކޯޕާމުން ބުނި ގޮތުގައި މިސް ފްރާންސްގެ ބައިވެރިން ބޮޑުހިތި ރިސޯޓަށް ދިއުމުގެ ސަބަބުން އެ ރިސޯޓުގެ މަޝްހޫރުކަން އިތުރުވެފައިވެ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.


ޑިސެންބަރު މަހު 4 ގައި ފްރާންސްގައި ބާއްވާ މިސް ފްރާންސް 2011 ހޮވާ ރަސްމިއްޔާތު ފްރާންސްގެ ނުވަ މިލިއަނަށްވުރެ މީހުން ބަލާނެ ކަމަށް މިސް ފްރާންގެ އޯގަނައިޒިން ކޮމެޓީން ބުނެ އެވެ. ފްރާންސްއަކީ ދިވެހި ރާއްޖެ އަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ގައުމެ ކެވެ.