ރައްޔިތުންގެ މަޖިލީހާމެދު އޮތް އިތުބާރު ގެއްލޭގޮތަށް، ވަކި މަޤްޞަދެއް ހާސިލްކުރެއްވުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވާހަކަފުޅު ދެއްކެވި ކަމަށް ރައްޔިތުންގެ މަޖިލީހުން ތުހުމަތުކޮށްފި އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ ފެހި ގާނޫނު އަސާސީ ތަންފީޒު ކުރުމަށްޓަކައި މަޖިލީހުން ހަދަން ޖެހޭ 100 އެތައް ގާނޫނެއް އަދިވެސް ނުހެދިވާ ކަމަށެވެ. އަދި ރައްޔިތުން ކުރަމުން އައި އުއްމީދު ހަގީގަތަކަށްވޭތޯ ސުވާލު އުފެދިފައިވާ ކަމަށް ރައީސް ވަހީދު ގައުމީ އިނާމް ދިނުމުގެ ޖަލްސާގައި ވިދާޅުވި އެވެ.
~
"ޤާނޫނުއަސާސީ އެކުލަވާލައި ނިމުނުއިރު، ކިތަންމެ މައްސަލަތަކެއް ހުރިކަން ފާހަގަ ކުރެވިގެންދިޔަ. ޤާނޫނުއަސާސީ ތަންފީޒު ކުރުމަށްޓަކައި، އެކުލަވާލަންޖެހޭ 100 އެތައް ޤާނޫނެއް އަދިވެސް ވަނީ އެކުލަވާނުލެވި. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މުއައްސަސާތަކުގެ އިތުރުން ކޮންމެ ކަމަކަށް ވަކި މުއައްސަސާއެއް ދަނީ އުފައްދަމުން. އެ މުއައްސަސާތަކުން ދަނީ މިނިވަންކަމާއެކު ވަޒީފާދީ މުސާރަތައް ކަނޑައަޅަމުން. ރައްޔިތުންގެ މަޖިލީހާ މެދު ރައްޔިތުން ކުރަމުން އައި އުންމީދު ޙަޤީޤަތަކަށްވޭތޯ ވަނީ ސުވާލު އުފެދިފައި،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވަހީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ރައްޔިތުންގެ މަޖިލީހުން ރޭ އިރާކޮޅު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކުލަވާލަންޖެހޭ ޤާނޫނުތަކުގެ އަދަދު ކަމުގައި ސަރުކާރުން ފާހަގަކުރައްވާފައި ވަނީ ޖުމްލަ 43 ގާނޫނު ކަމަށެވެ. އެ 43 ން ގާނޫނަށް ބޭނުންވާ ބިލުތަކުގެ ތެރެއިން، ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ތާރީޚުން ފެށިގެން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ޖުމްލަ 24 ބިލު ކަމަށެވެ. ސަރުކާރުން ހުށަހެޅި 24 ބިލުގެ ތެރެއިން، 18 ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި އެ 24 ބިލުގެ ތެރެއިން، މަސައްކަތް ނުނިމި، ކޮމިޓީ މަރުޙަލާގައި ވަނީ ހަމައެކަނި ހަ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ބަޔާނުގައި ބުނެފައިވެއެވެ. މަޖިލީހުގެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ފާހަގަކޮށްފައި 43 ބިލުގެ ތެރެއިން، 19 ބިލެއް މިއަދާ ހަމަޔަށް ވެސް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

"ވީމާ ކަންމިހެން އޮތްއިރު، ރައްޔިތުންގެ މެދުގައި ރައްޔިތުންގެ މަޖިލީހާމެދު އޮތް އިތުބާރު ގެއްލޭގޮތަށް އަދި ވަކި މަގްސަދެއް ހާސިލްކުރެއްވުމުގެ ބޭނުމުގައި ރައީސުލްޖުމްހޫރިއްޔާ ދައްކަވާފައިވާ ހަގީގަތާ ހިލާފު ވާހަކަފުޅުތަކާމެދު ހިތާމަކުރާ ވާހަކަ ދަންނަވަމެވެ" މަޖިލީހުން ނެރުނު ބަޔާނުގައި ބުނެ އެވެ.

އާ ގާނޫނު އަސާސީގެ ދަށުން ސަރުކާރުން މަޖިލީހަށް ހުށަހަޅަންޖެހޭ ބިލްތަކާއި ގާނޫނު އަސާސީ ތަންފީޒު ކުރުމަށް މަޖިލީހުން މިހާތަނަށް ފާސްކޮށްފައިވާ ބިލްތަކުގެ ތަފްސީލާއި ކޮމެޓީ މަރުހަލާފައިވާ ބިލްތަކުގެ ތަފްސީލު މަޖިލީހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ސަރުކާރުން މިހާތަނަށް މަޖިލީހަށް ހުށަނާޅައި ހުރި ބިލްތަކަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓާ ބެހޭ ބިލާއި ހިޔުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި ސީއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އޮޑިޓް ގާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި ޕާލިމަންޓަރީ އޮމްބަޑްސްމަންގެ ބިލާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ބިލާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ބިލާއި ދައުލަތުގެ ސިއްރުތަކާ ބެހޭ ބިލާއި އަބުރާ ބެހުން މަނާ ކުރުމުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލާއި އަސާސީހިދުމަތްތަކާ ބެހޭ ބިލާއި ޓްރޭޑް ޔޫނިއަންއާ ބެހޭބިލާއި ގާނޫނީ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ބިލާއި މަދަނީ އިޖުރާއަތުގެ ބިލާއި އޮފިޝަލް ކަންތައްތަކާބެހޭ ބިލާއި ގައުމީ ސަލާމަތާބެހޭ ބިލުގެ އިތުރުން ދައުލަތުގެ މިލްކުގައިވާތަކެއްޗާއި ދައުލަތަށް ހޯދާތަކެއްޗާއި ދައުލަތުގެ މުދަލާގުޅޭ ގޮތުން ހިންގާ މުޢާމަލާތްތަކާބެހޭ ބިލެވެ.