އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)އިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނެގި އެސިސްޓެންޓް ރެފްރީންގެ ތެރޭގައި ރާއްޖޭގެ ފީފާ އެސިސްޓަންޓް ރެފްރީ އަހްމަދު އަމީޒު ހަމަޖައްސައިފި އެވެ.

އޭއެފްސީ އިން މިފަހަރުގެ ސާފްޗެމްޕިއަންޝިޕަށް ނެގި ރެފްރީންގެ ތެރޭގައި 15 ރެފްރީ އަކު ހިމެނޭއިރު އޭގެ ތެރެއިން ނުވަ ރެފްރީން ހަމަޖައްސާފައި ވަނީ ބަދަލު ރެފްރީންގެ ގޮތުގަ އެވެ. އެ މުބާރާތުގައި ރެފްރީކަން ކުރުމަށް ހަމަޖައްސާފައިވާ ރެފްރީންގެ ތެރޭގައި މުބާރާތް ބާއްވާ ނޭޕާލްގެ ތަޖްރިބާކާރު ދެ ރެފްރީން ކަމަށްވާ ސުދޭޝް ކުމާރު ޕާންޑޭއާއި ނަނިރަމް ތާޕާ މަގަރުވެސް ހިމެނެ އެވެ.

އަމީޒު ވަނީ މީގެ ކުރިން އޭފްސީ ކަޕާއި، އޭއެފްސީ ޕްރެޒިޑެންޓް ކަޕްގެ އިތުރުން އޭއެފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައިވެސް ރެފްރީގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި އަންނަ މަހު 21ގައި ފެށުމަށް ހަމަޖެހިފައިވާ އޭފްސީ 16 އަހަރުން ދަށުގެ ޗެމްޕިއަންޝިޕާއި، އޮކްޓޫބަރުމަހު ފެށުމަށް ހަމަޖެހިފައިވާ އޭފްސީ 19 އަހަރުން ދަށުގެ ޗެމްޕިއަންޝިޕުން ވެސް އަމީޒަށް ވަނީ ފުރުސަތު ލިބިފަ އެވެ.

ސާކު ސަރަހައްދުގެ 8 ގައުމު ބައިވެރިވެގެން މި މަހުގެ 31ގައި ކަތުމަންޑޫގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރާ ގްރޫޕް ބީ ގައި ހިމެނެނީ ސްރީލަންކާ، އަފްޣާނިސްތާން އަދި ބޫޓާން އެވެ.