24 Aug 2013, 12:43
ކަންނެލީގެ މަސްވެރި ކަމަށް ނުކުމެ އުޅުނިކޮށް އިއްޔެ ހަވީރު އައި ކޮޅިގަނޑެއްގައި އަޑިއަށް ދިޔަ އއ. ރަސްދޫ ކަންނެލި ދޯންޏަށް އެހީތެރިވަމުންދިޔަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗެއް ރޭ އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އަޑިއަށް ގޮސްފައިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ 115 ނަމްބަރު ހާބަ ކްރާފްޓް ލޯންޗް ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ އެ ދޯންޏަށް އެހީތެރިވަމުގެ މަސައްކަތުގައި އުޅެނިކޮށް، މޫސުން ގޯސްވުމާއި ގުޅިގެން ރޭ ގާތްގަނޑަކަށް 11:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ހާބަ ކްރާފްޓް ލޯންޗް އަޑިއަށް ދިޔުމާއި ގުޅިގެން ރޭ ކުރެވުނު މަސައްކަތުން އެ ލޯންޗް ހޯދާ، ފެންމަތިކޮށް މިއަދު ހެނދު ވަނީ ކޯސްޓްގާޑްގެ އުޅަނދެއްގެ އެހީގައި މާލެ ގެނައުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ މާލެއާ އިރުއުތުރުން 14 ނޯޓިކަލް މޭލު ބޭރުގައި އޮތް ރަސްދޫގެ ކަންނެލި ދޯނި އަޑިއަށް ގޮސްފައި ވަނީ އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
އެ ދޯނި އަޑިއަށް ދިޔައިރު އެއިން ދަތުރު ކުރި 11 މީހުން ވެސް ތިބީ ސަލާމަތްކޮށްގެން ރޭ ދަންވަރުގެ ވަގުތެއްގައި އެ އެންމެން މާލެ ގެނެސްފަ އެވެ.
ސަންއާ ވާހަކަ ދައްކަމުން އެ ދޯނިން ދަތުރު ކުރި މީހަކު ބުނީ އެއީ 73 ފޫޓުގެ ކަންނެލި ދޯންޏެއް ކަމަށާއި އިއްޔެ ހަވީރު 5:50 ހާއިރު ދޯނީގެ ކޮޅުފަސްކޮޅު އަޑިއަށް ގޮސްފައި ވަނީ އިންޖީނުގެ ތެރެއަށް ރާޅެއް ވަދެގެން ކަމަށެވެ.×