24 Aug 2013, 12:11
ހުޅުމާލެ އިން މި އަހަރު ވިއްކި 1000 ފްލެޓުގެ އެއްބަސްވުމާ ހިލާފަށް ކުއްޔަށްދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.
ހުޅުމާލެ ތަރައްގީކޮށް ބަލަހައްޓާ ކުންފުނިން ބުނީ ފްލެޓުގެ އަގު އެއްކޮށް އަދާކޮށް ނިމުމުގެ ކުރިން ފްލެޓު އެހެން ފަރާތަކަށް ކުއްޔަށް ދޭކަން އެ ކޯޕަރޭޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކުންފުނިން އަލަށް ދޫކުރި ބައެއް ފްލެޓްތައް ދޫކުރުމާ އެކު ބައެއް ފަރާތްތަކުން ދަނީ އިންޓަނެޓް މެދުވެރިކޮށް ކުއްޔަށް ދިނުމަށް އިޝްތިހާރުކުރަމުންނެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެ އިން ފްލެޓު ވިއްކުމުގެ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ )ޅ( ގައި ގަންނަ ފަރާތުން ނުކުރުމަށް އެއްބަސްވެފައިވާ ކަންކަމުގެ ތެރޭގައި "ފްލެޓުގެ އަގު އަދާކޮށް ނިމުމުގެ ކުރިން ފްލެޓު އެހެން ފަރާތަކަށް ކުއްޔަށް ދިނުން ނުވަތަ ފުލެޓު އެހެން ފަރާތަކަށް ވިއްކުން ނުވަތަ މިފަދަ ކަމެއް ކުރުމަށްޓަކައި އެހެން ފަރާތަކާ އެކު އެއެއްބަސްވުން،" ހިމެނޭ ކަމަށެވެ.
ނަމަވެސް، ފްލެޓު ވިއްކުމުގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގެ )ނ( ގައި "ގަންނަ ފަރާތަށް ފްލެޓު ބޭނުންކުރުމުގެ ޙައްޤު ދެވުނު ކަމުގައި ވިޔަސް، މި އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ފްލެޓުގެ އަގު އެއްކޮށް އަދާކުރުމުގެ ކުރިން، އެއްވެސް ސިފައެއްގައި ފްލެޓުން މަންފާ ލިބިގަތުމުގެ ހައްގު ފުލެޓަށް ތަސައްރުފު ކުރުމުގެ ހައްގު ގަންނަ ފަރާތަށް ލިބިގެން ނުވެ އެވެ" މި ގޮތަށް ބަޔާންކޮށްފައިވާނެ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ވީމާ، ބަޔާންވެދިޔަ އުސޫލާ ހިލާފަށް ފުލެޓު ކުއްޔަށް ދެމުން ގެންދާ ފަރާތްތަކާމެދު، އެއްބަސްވުމުގައި ވާގޮތުގެ މަތިން، މި ކޯޕަރޭޝަނުން ފިޔަވަޅު އަޅާނަން. އަދި މި ކޯޕަރޭޝަނުން އަޅާ ފިޔަވަޅެއްގެ ސަބަބުން ކުއްޔަށްދޭ ފަރާތަށް ނުވަތަ ކުއްޔަށް ހިފާ ފަރާތަށް ލިބޭ ގެއްލުމެއްގައި މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ،" އެޗްޑީސީން ބުނެފައިވެ އެވެ.