އެޕަލްގެ އުފެއްދުންތައް ސެމްސަންގް އިން ކޮޕީ ކުރިކަމަށް ބުނެ މީގެ އަހަރެއް ކުރިން ކެލިފޯނިއާގެ ކޯޓަކުން އިއްވި ހުކުމުގައި ސެމްސަންގުން އެޕަލްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން ޖެހޭ 1.05 ބިލިއަން ޑޮލަރު، ވަކިލާރިން ދައްކައިފި ކަމަށްބުނެ މީޑިއާގައި ޖޯކު ހަބަރެއް ފަތުރަމުން އެބަ ގެންދެ އެވެ.

ސެމްސަންގުގެ މައްޗަށް އެޕަލްއިން ކުރިދައުވާ ކާމިޔާބު ކުރިތާ އަހަރު ހަމަވި ދުވަހާ ދިމާކޮށް މީޑިއާގައި ފަތުރާފައިވާ ހަބަރުގައި ބުނާގޮތުން ސެމްސަންގުން ޖޫރިމަނާގެ ގޮތުގައި އެއްބިލިޔަން ޑޮލަރަށްވާ ފައިސާ "ފަސް ސެންޓްގެ ވަކިލާރި ހިމެނޭ 30 ޓްރަކް" އެޕަލްގެ ހެޑްކުއާޓައަށް ފޮނުވާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު ކަމަށެވެ. އަދި އެޕަލްގެ ސީއީއޯ ޓިމް ކޫކްއަށް ގުޅުއްވާފައި ސެމްސަން އިން އެޕަލްއަށް ދޭންޖެހޭ ޖޫރިމަނާ ފައިސާ ދައްކާނީ އެގޮތަށް ކަމަށް ސެމްސަންގެ ސީއީއޯ ވިދާޅުވި ކަމަށެވެ.

އެޕަލްގެ އައިފޯނާއި އައިޕެޑް ކޮޕީކުރި ކަމަށް ސެމްސަންގުގެ މައްޗަށް ކުރި ދައުވާ ސާބިތުވެ އެ ކުންފުނިން އެޕަލް އަށް 1.05 ބިލިއަން ޑޮލަރު ދިނުމަށް އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކުން ހުކުމް ކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 24 ގަ އެވެ.

ކެލިފޯނިއާގެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުން ކޮރެއާގެ އިލެކްޓްރޯނިކް ކުންފުނިން ވަނީ އެޕަލް އިން ޕޭޓަންޓް ހޯދާފައިވާ ޑިޒައިންތަކާއި ޓެކްނޮލޮޖީތައް ކޮޕީ ކޮށްފައި ވަނީ ގަސްތުގައި ކަމަށާއި އޭގެ ސަބަބުން އެޕަލްއަށް ބޮޑު ގެއްލުމެއް ވެފައިވާ ކަމަށެވެ.

ޕޭޓަންޓް ގާނޫނުގެ ދަށުން އެޕަލްގެ ފިކުރީ އުފެއްދުންތަކާއި ފަރުމާތައް ކޮޕީކުރި ކަމަށް ބުނެ އެޕަލް އިން ދައުވާކުރުމާ އެކު ރައްދުގައި ސެމްސަންގުން ވެސް އެޕަލްގެ މައްޗަށް ދައުވާއެއް ކުރި އެވެ. އެހެން ނަމަވެސް ޖޫރީން ވަނީ އެ ދައުވާ ބަލައި ނުގެންފަ އެވެ.

ކޮޕީކުރިކަމަށް ބުނާ އެޕަލްގެ އާލާތްތަކުގައި އެކުލެވޭ ފަރުމާއާއި ސިފަތައް ހިމެނޭ ސެމްސަންގް އާލާތްތަކުގެ ތެރޭގައި ގެލެކްސީ ރޭންޖުގެ ފޯނުތަކާއި ގެލެކްސީ ބައެއް ޓެބްލެޓްތައް ވެސް ހިމެނެ އެވެ.