24 Aug 2013, 12:01
ވޭތުވެ ދިޔަ 60 ވަރަކަށް އަކަށް އަހަރު ދުވަހުގެ ތެރޭގައި ލިބުނުހާ ތައުލީމަކާއި ތަޖުރިބާއެއް ލިބުނީ "މިވަގުތަށް ޓަކައި" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް ބ. އޭދަފުށީގައި ބޭއްވި ޖަލްސާއެއްގަ އެވެ.
މިވަގުތަށް ޓަކައޭ ވިދާޅުވި، ވަގުތަކީ ރައީސް ކަމުގެ މަގާމުގައި ހުންނެވި ވަގުތުކަން ދޭހަވާ ފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވެސް އެގޮތަށް އިހުސާސް ކުރެއްވުނު ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިވޭތުވެ ދިޔަ 60 ވަރަކަށް އަހަރު އަޅުގަނޑަށް ލިބުނުހާ ތައުލީމެއް މިލިބުނީ، އަޅުގަނޑަށް ލިބުނުހާ ތަޖުރިބާއެއް މިލިބުނީ މިވަގުތަށް ޓަކައި، ދިވެހިރާއްޖޭގެ ކުރިމަގުގައި ރާއްޖެ އަށް ހިދުމަތް ކުރުމަށް ޓަކައި. އަޅުގަނޑަށް އެގޮތަށް އިހުސާސް ކުރެވުނީ ފެބްރުއަރީ ހަތް ވަނަ ދުވަހު ވެސް މިދިޔަ އަހަރުގެ، އަޅުގަނޑު ހިތަށް އެރީ އަޅުގަނޑަށް ހަމަ ލިބުނުހާ ވެސް ތަޖުރިބާއަކާ ތައުލީމެއް މިލިބުނީ އެވަގުތަށް ޓަކައޭ،"
ރައީސް ވަހީދު ވިދާޅުވީ ލިބިވަޑައިގެން ހުންނެވި ތައުލީމާއި ތަޖުރިބާގެ ބޭނުން ފުރިހަމައަށް ހިއްޕަވަން ޖެހިވަޑައިގަންނަވާ ކަމަށާއި ޝުކުރުވެރިވުމަކީ އެއީ ކަމަށެވެ.
އަދި ވިދާޅުވީ އެނގިފައިވާ އެއްޗެއްގެ ބޭނުން ހިއްޕަވައިގެން، ސަލާމަތުގެ އައްސޭރިއަކަށް ގައުމު ގެންދެވުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. ރަނގަޅު ކުރަން ޖެހޭ ކިތަންމެ ކަމެއް ރާއްޖޭގައި އެބަހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ އެކަކު އެކަންޏަށް ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
".. އަޅުގަނޑަށް އެނގި ހުރި އެއްޗެއްގެ ބޭނުން ހިފައިގެން، މިގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ޓަކައި އަޅުގަނޑު މިއަންނަނީ މަސައްކަތް ކުރަމުން. މިރާއްޖޭގައި ރަނގަޅު ކުރަން ޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި، އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ ވަރަށް އުނދަގޫ ކަންކަން، އެއަކީ ސަރުކާރުން އެކަނި ކުރެވޭނެ ކަންތައްތަކެއް ވެސް ނޫން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެފަދަ ކަންތައްތައް ހައްލުކުރެވޭނީ ބައެއް ފަހަރު މުޅި ގައުމު އެއްބައިވެގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ ބޭރުގެ އަސްކަރީ ބާރަކުން ރާއްޖެ އަށް ހަމަލާ ދީފި ނަމަ އެންމެން އެއްބައިވާނެ ކަމަށެވެ. އެފަދަ ހާލަތުގައި އެންމެން އެއްބައި ވެގެން އެބަޔަކާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަށާއި އެފަދަ ހަނގުރާމަ ދޭތެރެ ދޭތެރެއިން ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަންގެ ނަމުގައި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާއި ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީން ހަދާފައިވާ ކޯލިޝަނުން އޭދަފުށީގެ އިތުރުން ބ. އަތޮޅުގެ އެހެން ބައެއް ރަށްރަށަށް ޒިޔާރަތްކުރި އެވެ.