ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ ސ.ފޭދޫ މަދަރުސާދޮށުގޭ އަބްދުﷲ ރަޝީދު ހަސަން،49، އާއި ގ.ކޮނޮއްޓާ އަހްމަދު ފާރިޝް،27، އާއި ތ. ގާދިއްފުށީ ރޯޒް އިލްހާމް މުހައްމަދު،27،ގެ އިތުރުން ސ.ފޭދޫ އާގޭ އަހްމަދު ވަހީދު،30،ގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހުގެ ހެނދުނު 10:24 އެހައިކަންހާއިރު އިންޑިޔާގެ ޓްރެވިންޑްރަމް އިން އަހްމަދު ވަހީދު ރާއްޖެ އައިއިރު އޭނާގެ އެތެރެހަށީން މަސްތުވާތަކެތި އަޅާފައި ހުރި ބުލެޓްސައިޒުގެ ޕެކެޓްތަކެއް ފެނިފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

އަހްމަދު ވަހީދުގެ ހަށިގަނޑުތެރޭގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިޝަލުންނަށް ތުހުމަތުކުރެވިގެން އޭނާ ފުލުހުންނާ ހަވާލުކުރުމުން އަހްމަދު ވަހީދު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް، ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވައިގެން އޭނާ ބޮޑުކަމު ދިޔުމުން އެތަކެތި ނަގައި ތަޙުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ޑައިމޯފިން އަޅާފައި ހުރި 99 ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެތަކެތީގެ ބަރުދަނުގައި 413 ގްރާމް ހުރިކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވާ އަނެއް ތިން މީހުންގެ ތެރެއިން އަހްމަދު ފާރިޝް އަދި އިލްހާމް މުހައްމަދު އަކީ މި މައްސަލައާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަހްމަދު ވަހީދު ރާއްޖެ އަށް އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވުމަށް އައި މީހުން ކަމަށެވެ. އަދި އަބްދުﷲ ރަޝީދު ހަސަނަކީ އިންޑިޔާއިން އަހްމަދު ވަހީދު އަށް މަސްތުވާތަކެތި ހަވާލުކުރުމަށްފަހު މާލެ ފޮނުވިކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ހަތަރު މީހުންނަކީ ވެސް ވައްކަމާއި ފޭރުން އަދި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއްގެ ރެކޯޑް އޮންނަ މީހުން ކަމަށް ފުލުހުން ބުންޏެވެ.