މާލެއާ އިރުއުތުރުން 14 ނޯޓިކަލް މޭލު ބޭރުގައި އޮތް އއ. ރަސްދޫގެ ކަންނެލި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ.

ސަންއާ ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ހުސައިން އަލީ ވިދާޅުވީ "ރަބީޢު" ދޯނި އަޑިއަށް ގޮސްފައި ވަނީ އެ ދޯނި ފުންކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ ދޯނި އަޑިއަށް ދިޔައިރު އެއިން ދަތުރު ކުރި 11 މީހުން ވެސް ތިބީ ސަލާމަތުން ކަމަށާއި ރޭ ދަންވަރުގެ ވަގުތެއްގައި އެ އެންމެން މާލެ ގެނެސްފައިވާ ކަމަށް ވިދާޅުވި އެވެ.

ސަންއާ ވާހަކަ ދައްކަމުން އެ ދޯނިން ދަތުރު ކުރި މީހަކު ބުނީ އެއީ 73 ފޫޓުގެ ކަންނެލި ދޯންޏެއް ކަމަށާއި އިއްޔެ ހަވީރު 5:50 ހާއިރު ދޯނީގެ ކޮޅުފަސްކޮޅު އަޑިއަށް ގޮސްފައި ވަނީ އިންޖީނުގެ ތެރެއަށް ރާޅެއް ވަދެގެން ކަމަށެވެ.

އޭނާ ބުނީ އެ ހާދިސާ ހިނގި އިރު ދޯނީގައި ކަންނެލީގެ މަސްވެރިކަމަށް ބޭނުންކުރާ އަގުބޮޑެތި ސާމާނުތަކެއް ހުރި ކަމަށާއި އެއިން އެއްވެސް އެއްޗެއް ސަލާމަތް ކުރެވިފައިނުވާ ކަމަށެވެ.

އަޑިއަށް ގޮސްފައިވާ އެ ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށާއި އެ މައްސައްކަތް ކާމިޔާބު ކުރެވޭނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ވެސް އޭނާ ބުންޏެވެ.

މިދުވަސް ވަރަކީ ރާއްޖެ އަށް މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދީ، މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ކަނޑުދަތުރުފަތުރުތައް ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރޭގަނޑު ދަތުރު ކުރާ ނަމަ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި މުދާ އުފުލާ އުޅަނދުފަހަރުތަކުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެން ބޮޑަށް ބަރުނުކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.

ދަތުރު ކުރާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމަށާއި ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ބެހެއްޓުމުގެ އިތުރުން ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމްއެންޑީއެފް އިން ވަނީ އިލްމާސް ކޮށްފަ އެވެ.