18 Nov 2010, 07:36
ސަން މީޑިޔާ ގްރޫޕްގެ ސޯޝަލް ކްލަބް (އެސްއެސްސީ) ގެ ނަމުގައި ކްލަބެއް އުފައްދައިފި އެވެ.
ސަން މީޑިޔާ ގްރޫޕްގެ ޕްރޮގްރާމް ކޮންސަލްޓަންޓް ފަރެސް މުހައްމަދު އާމިރު ވިދާޅުވީ ސަން ސޯޝަލް ކްލަބް އުފެއްދީ ސަން މީޑީޔާ ގްރޫޕްގެ ކުޑައިގެ ދަށުގައިވާ ސަންއެފްއެމް ރޭޑިއޯ އާއި ސަން އޮންލައިން އާއި ސަން މެގަޒިންގެ ސްޓާފުންގެ މެދުގައި އެކުވެރިކަން އާލާކޮށް މަސައްކަތުގެ ރޫހު އުފެއްދުމުގެ އިތުރުން މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގަ އާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި އެހީތެރިވެ ދިނުމަށް ކަމަށެވެ.
"މިފަދަ ކްލަބެއް އަޅުގަނޑުމެން އުފެއްދީ ސަން މީޑިޔާ ގްރޫޕް އުފެދި ބޮޑުވަމުން އަންނަ ސްޕީޑަށް ބަލާއިރު މުވައްޒަފުން އެކަމެއްގައި ޝާމިލުވާ އަދި މުވައްޒަފުންނަށް އެހީތެރިވެދޭ ކްލަބެއް ކޮންމެހެންވެސް އޮންނަންޖެހޭ ކަމަށް ފެނިގެން، މި ކްލަބް އުފެއްދުމުން މުވައްޒަފުންގެ ކަންކަން ހޮޔޮމަގަށް ގެންދިއުމަށް އެ މުވައްޒަފުންގެ ދައުރެއް އޮންނާނެ" އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ މި ކްލަބް މެދުވެރިކޮށް ސަން މީޑިޔާ ގްރޫޕްގެ ހުރިހާ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށާއި ފަންނާއި ހުނަރުގެ ގޮތުން މުވައްޒަފުން ކުރި އަރުވައިދީ ދުޅަހެޔޮކަން ގެނެސްދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދައިދިނުން. މުވައްޒަފުންނަށް އޮފީހުގަ އާއި އަމިއްލަ ދިރިއުޅުމުގައި ދިމާވާ ދަތިތަކަށް ލުއި ކަމެއް ހޯދައި ދިނުން،" އާމިރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އާންމުކޮށް އުފެދޭ ގިނަ ސޯޝަލް ކްލަބްތަކަކީ އުފެދުމަށް ފަހު މަރުވާ ކްލަބްތައް ކަމަށް ވިޔަސް އެސްއެސްސީ އަށް އެހެން ނުވާނެ ކަމަށާއި އެސްއެސްސީ ދިރުވައިދިނުމަށް ސަން މީޑިޔާ ގްރޫޕްގެ މެނޭޖްމަންޓާއި މުވައްޒަފުން ތައްޔާރަށް ތިބި ކަމަށެވެ.
އާމިރު ވިދާޅުވީ މިހަފުތާގެ ތެރޭގައި ކްލަބް ރަސްމީކޮށް އިފުތިތާހުކޮށް އެސްއެސްސީގެ އެކްޓިވިޓީ ކަލަންޑަރެއް ވެސް ކޮންމެ އަހަރަކު އެކުލަވައިލާނެ ކަމަށެވެ.
އެސްއެސްސީ އުފެދުމާ ގުޅިގެން ސަންގެ މުވައްޒަފުން އިއްޔެ ވަނީ އެކަން ފާހަގަ ކުރުމަށް މާލެ އަތޮޅު ފަޅުރަކަށް ދަތުރުގޮސްފަ އެވެ.