ބައިރޫތު (އޮގަސްޓް 23): ލުބާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ތަރާބްލްސް ގައި އިއްޔެ ގޮއްވާލި ބާރުގަދަ ބޮމުގެ ދެޙަމަލާގައި މަރުވި މީހުންގެ ޢަދަދު 45 އަށްވުރެ މައްޗަށް އަރައިފި އެވެ.

ލުބްނާނުގެ މަސްއޫލުވެރިން ހާމަކުރެއްވި ގޮތުގައި ބޮމުގެ މިދެޙަމަލާ އަމާޒުކޮށްފައި ވަނީ ތަރާބްލްސްގެ ދެމިސްކިތެއް ކަމަށްވާ މަސްޖިދުއްތަޤްވާ އާއި ޖާމިޢުއް ސަލާމް އަށެވެ. މީގެތެރެއިން އެއްބޮންގޮއްވާލާފައި ވަނީ މަސްޖިދުއްތަޤްވާގެ ކުރިމަތީގައެވެ. އަނެއް ބޮން ގޮއްވާލާފައި ވަނީ ޖާމިއުއްސަލާމްގެ މައި ގޭޓްގަ އެވެ. މިދެ ޙަމަލާގައި 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެ އެވެ.

މީގެ ހަފްތާއެއްހާ ދުވަސްކުރިން ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނުގައިވާ ހިޒްބުﷲ ޖަމާއަތުގެ އެންމެ ބާރުގަދަ ސަރަހައްދަށް ވެސް މީހަކު އަމިއްލަ އަށް މަރުވެގެން ޙަމަލާދީ 20 މީހަކު މަރާލާފައިވެ އެވެ. އެޙަމަލާގެ ޒިންމާ އުފުލާފައި ވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ "ކަތާއިބު ޢާއިޝާ" ނަމަކަށްކިޔާ ހަނގުރާމަވެރި ޖަމާއަތަކުންނެވެ. އަލްޤާޢިދާ އާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭ އެޖަމާއަތުން ބުނެފައިވަނީއެއީ ހިޒްބުﷲ ޖަމާއަތުން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ކޮޅަށް ޖެހި ބައްޝާރުގެ އަނިޔާވެރި ނިޒާމަށް ޢަސްކަރީގޮތުން އެހީވާތީ ހިޒްބުﷲ އަށް އަމާޒުކޮށްދިން ޙަމަލާއެއް ކަމަށާ މިފަދަ އެތައް ޙަމަލާއެއް މުސްތަޤްބަލްގައި ވެސް ހިޒްބުﷲ އަށް އަމާޒުކޮށް ލުބްނާނުގައި ދޭނެ ކަމުގަ އެވެ.

އެޙަމަލާ ދިނުމަށް ފަހު އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ ވީޑިޔޯއެއްގައި މޫނު ނިވައިކޮށްގެން ހަތިޔާރު އަޅައިގެން ހުރި ހަނގުރާމަވެރިއަކު ބުނެފައި ވަނީ މީގެ އެތައް ޙަމަލާއެއް މުސްތަޤްބަލްގައި ލުބްނާނުން ފެނިގެންދާނެ ކަމުގަ އެވެ. މިދެ ޙަމަލާގެ ކުރިން މިދިޔަ މަހު ވެސް މީހަކު އަމިއްލަ އަށް މަރުވެގެން ލުބްނާނުގެ ވެރިރަށް ބައިރޫތަށް ބޮމުގެ ޙަމަލާއެއްދީ އެތައްބަޔަކު މަރާލައި 50 އެއްހާ މީހުން ޒަޚަމްކޮށްލާފައިވެ އެވެ. އެހަމަލާގެ ޒިންމާ އުފުލާފައި ވަނީ "ބްރިގޭޑް 313" ނަމަކަށްކިޔާ ގޮތްނޭންގޭ ޖަމާއަތަކުންނެވެ. އެއީވެސް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ހިމެނެ ހަރުކަށި ޖަމާއަތެއް ކަމަށްވަނީ ޝައްކުކުރެވިފަ އެވެ.

ތަރާބްލްސްއަށް އިއްޔެ ދިން ޙަމަލާ، ލުބްނާނުގެ ސަރުކާރާއި އެގައުމުގެ ސުންނީ، ޝިޔަޢީ، ދުރްޒީ އަދި ނަސާރާ ލީޑަރުން ވެސް ވަނީ ކުށްވެރިކުރައްވާފައެވެ. މިޙަމަލާ ކުށްވެރިކުރެއްވި ލުބްނާނުގެ ލީޑަރުންގެ ތެރޭގައި ރައީސް މިޝައިލް ސުލައިމާން އާއި ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ފުއާދު ސެނިޔޯރާ އާއި ސަޢްދުލްޙަރީރީގެ އިތުރުން ހިޒްބުﷲގެ ލީޑަރުންނާއި ނަސާރާ ލީޑަރުން ކަމަށްވާ އަމީން ޖުމައިލް އާއި ސަމީރު ޖަޢްޖަޢް އާއި ދުރުޒީ ލީޑަރު ވަލީދު ޖުންބުލާތް ހިމެނިވަޑައިގަންނަވައެވެ.
މިހުރިހާ ލީޑަރުންވެސް ވަނީ މިއީ ލުބްނާނުގައި ފިތްނަ އުފައްދައި ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގެ ހުޅުގަނޑުގެ ތެރެއަށް ލުބްނާން ވައްޓާލުމުގެ ޣަދަރުވެރި ޓެރަރިސްޓް ޙަމަލާއެއް ކަމަށް ސިފަކުރައްވާފައެވެ. މީގެއިތުރުން އދ. ގެ ސަލާމަތީ މަޖިލީހުން ވެސް ވަނީ ތަރާބްލްސް އަށް އިއްޔެ ދިން ޙަމަލާ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. (ނޫސްއެޖެންސީތައް)