ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި މީރާގެ އާ އޮފީސްތަކެއް ގާއިމު ކުރައްވަން މަސައްކަތް ކުރައްވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މީރާ އަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔަޒީދު ވިދާޅުވީ މީރާގެ އާ އޮފީސްތައް ގާއިމުނުކުރެވޭ ސަރަހައްދުތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކުގައި މީރާގެ މުއައްޒިފުން ބައިތިއްބައިގެން ހިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ.

"ޓެކްސް ދައްކާ ފާރާތްތަކާ ވީހާ ވެސް ގާތުން ހިދުމަތް ދިނުމުގެ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި މީރާގެ އިތުރު އޮފީސްތައް ހުޅުވުމަށް ހަމަޖެހިފައިވޭ. އަދި އެހެނިހެން ސަރަހައްދުތަކުގެ ކައުންސިލްތަކާ ގުޅުގެން ކައުންސިލްތަކުގެ އޮފީސްތަކުގައި މީރާގެ މުއައްޒަފުން ތިބެގެން ހިދުމަތް ދެވޭނެ އިންތިޒާމް ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރެވޭ،" ޔަޒީދް ވިދާޅުވި އެވެ.

ރޭގެ އެ ހަފްލާގައި އިފްތިތާހު ކުރެވިގެން ދިޔަ ތިން ޕްރޮގްރާމްގެ ތެރެއިން "މީރާ ކަނެކްޓް އޮންލައިން" ބޭނުން ކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ޓެކްސް ޕޭޔަރުން ނަށް އޮންލައިން ކޮށް ޓެކްސް ބަޔާން ބަލައިގަނެވި، ޓެކްސް ދެއްކުމުގެ ނިޒާމު މި އަހަރު ނިމުނުގެ ކުރިން ހަމަޖެހިގެން ދާނޭ ކަމަށް ޔަޒީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓެކްސް ޕޭޔަރުންނަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ގޮތުން ޒުވާން ޓީމެއް ރެކްރޫޓްކޮށް އެ މުއައްޒަފުންނަށް ބޭނުންވާ ފަންނީ ތަޖުރުބާ އާއި ތަމަރީންތައް ރާއްޖެ އާއި ރާއްޖެ އިން ބޭރުން ހޯދައި ދެވިފައިވާނެ ކަމަށެވެ. ހަމައެއާ އެކު މެލޭޝިއާގެ ޓެކްސް އެކަޑަމީން ހިންގާ ކޯސްތަކުގަ މީރާގެ މުއައްޒަފުން ހިލޭ ބައިވެރިވެވޭ ފަދަ ފުރުސަތުތަކެއް މެލެޝިޔާގެ އިންލެޑް ރެވެނިއު ބޯޑް އިން ހަމަޖެހިފައިވާ ކަމަށް ވެސް ޔަޒީދު ވިދާޅުވި އެވެ.