24 Aug 2013, 09:59
ރާއްޖޭގެ އިގްތިސާދީ މައްސަލަތަކުގެ އަސްލަކީ ދައުލަތުގެ ހަރަދު އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑުވުން ކަމަށާއި އިގްތިސާދީ "ގިލަންވެރިކަމުން" ރާއްޖެ ސަލާމަތް ކުރެވޭނީ ދައުލަތުގެ ހަރަދު ކުޑަކޮށްގެން ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިންލެޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ފަޒީލް ނަޖީބު ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރު ދުވަހަށް ރާއްޖެ އަށް "އިކޮނަމިކް ސްޓެބިލިޓީ ޕްލޭނެއް" ބޭނުންވާ ކަމަށެވެ. އަދި އެ ޕްލޭންގައި ރާއްޖޭގައި އަލަށް ފަށާ ފޮރިން އިންވެސްޓްމަންޓް ހިމެނޭ ގޮތަށް "ދަރާ ނެގުމުގެ ރޭޓް" ދައްވާގޮތަށާއި ފައިސާ ޗާޕު ކުރުން މަދުކުރަމުން ގޮސް، އެއްކޮށް އެކަން ހުއްޓާލަންޖެހޭ ކަމަށެވެ.
"އެ ޕްލޭނުގައި އަލަށް ފަށާ ފޮރިން އިންވެސްޓްމަންޓު ހިމެނޭ ގޮތަށް ދަރާ ނެގުމުގެ ރޭޓު ދަށްވާ ގޮތަށް، ފައިސާ ޗާޕު ކުރުން މަދުކުރަމުން ގޮސް، އެއްކޮށް އެކަން ހުއްޓާލެވޭ ގޮތަށް. އަދި އެއާ ގުޅިގެން ރުފިޔާގެ އަގަށް އޮތް ފިއްތުން ލުއިވެ، ތަކެތީގެ އަގުތައް މައިތިރި ކުރެވޭ ގޮތަށް،" ފަޒީލް ނަޖީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދިވެހި ރުފިޔާގެ އަގު ވެއްޓެން ދިމާވާ ސަބަބަކީ ދައުލަތުގެ އެކަންޓުތަކުގައި ފައިސާ ނެތި ބޮޑެތި އަދަދުތަކުން ފައިސާ ޗާޕް ކުރަން މަޖުބޫރުވުން ކަމަށެވެ. އަދި މާ ގިނައިން ޓެކްސް ނަގައި ހަރަދުތައް ބޮޑުވެ، ތަކެތީގެ އަގުތައް އުފުލުލީމައި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަދި ސިޔާސީ ގޮތުން ވެސް ގައުމު ހަމަނުޖެހުމަކާ ދިމާލަށްދާ ކަމަށް ގަވަރުނާ ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަމިއްލަ ދާއިރާގެ ކުރިއެރުމަށް ކޮންމެވެސް ވަރެއްހެ ބުރައްކެއް މިވަނީ ޖެހިފައި. ބޭންކުތަކުގެ އިންވެސްޓްމަންޓުތައް މިހާރު މިވަނީ ސަރުކާރުގެ ޓްރެޝަރީ ބިލްތަކާ ދިމާލަށް. ރުފިޔާގެ އަގު ވެއްޓެން ދިމާވަނީ ދައުލަތުގެ އެކައުންޓްގައި ފައިސާ ނެތިގެން. ބޮޑެތި އަދަދުތަކުން ފައިސާ ޗާޕްކުރަން މަޖުބޫރުވެފައި ވާތީ،" ފަޒީލް ނަޖީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުން ބޮޑެތި ހަރަދު ކުރަންޖެހޭތީ ބޮޑެތި އަދަދު ތަކުން ދަރަނި ނަގަން ޖެހިފައިވާ ކަމަށާއި ބޮޑެތި އަދަދުތަކުން ފައިސާ ޗާޕް ކުރަން ވެސް ޖެހިފައިވާ ކަމަށެވެ. ހަމައެއާ އެކު ދަރަނި އަދާ ކުރަން ވެސް ދަރަނި ނަގަން ޖެހޭ ކަމަށް ފަޒީލް ވިދާޅުވި އެވެ.
"އަޅުގަނޑުދެކޭ ގޮތިގައި އަޅުގަނޑުމެންގެ އިގްތިސާދީ މައްސަލަ ތަކުގެ އަސްލަކީ ދައުލަތުގެ ހަރަދު އެކަށީގެންވާ ވަރަށް ވުރެއް މާ ބޮޑުވުން،" އޭނާ ވިދާޅުވި އެވެ.