ވޮޝިންޓަން (އޮގަސްޓް 23): ސޫރިޔާ އަށް އަސްކަރީގޮތުން ވަދެގަތުމުގެ ހުރިހާ ޕްލޭނެއް ތައްޔާރުކޮށް ނިމިފައިވާކަމަށާ ރައީސް ބަރަކް އޮބާމާގެ ހުއްދަ ލިބުމާ އެކު އެމެރިކާ ސިފައިން ސޫރިޔާ އަށް އަރައިގަންނާނެ ކަމަށް އިޝާރާތް ކުރައްވައި އެމެރިކާގެ ދިފާޢީ ވަޒީރު ޗަކް ހޭގްލް ވާހަކަ ދައްކަވައިފި އެވެ.

މެލޭޝިޔާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ކުއާލަލަންޕޫރުގައި ވާހަކަ ދައްކަވަމުން ހޭގްލް ވިދާޅުވީ ސޫރިޔާ އަށް ޢަސްކަރީ ގޮތުން ވަދެގަތުމުގެ ވިސްނުން އެމެރިކާ ގެންގުޅޭކަމަށާ މިކަމަށް ޚާއްސަ ޕްލޭންތަކެއް އެމެރިކާގެ ޖެނެރަލުން އެކުލަވާލާފައިވާ ކަމުގަ އެވެ. ސޫރިޔާ އަށް ވަދެގަތުމަށް ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް ބަރަކް އޮބާމާގެ އަތްޕުޅުގައި ކަމަށާ މިކަމަށް ނިންމަވައިފި ނަމަ އޮބާމާއަށް ޖެހިވަޑައިގަންނަ ވާނީ އެމެރިކާގެ ޖެނެރަލުން އެކުލަވާލައްވާފައިވާ ޕްލޭންތަކުގެ ތެރެއިން ކޮންމެވެސް އެއްޕްލޭނެއް އިޚްތިޔާރު ކުރެއްވުމަށް ކަމަށް ވެސް ހޭގްލް ވިދާޅުވި އެވެ.

އެމެރިކާ ސޫރިޔާ އަށް އަރައިގެންފާނެ ކަމަށް އިޝާރާތް ކުރައްވައި ހޭގްލް ވާހަކަ ދައްކަވާފައި މިވަނީ ސޫރިޔާގައި ކެމިކަލް ހަތިޔާރުބޭނުންކޮށްގެން 1300 އަށް ވުރެ ގިނަ ކުޑަކުދިންނާއި އަންހެނުން މަރާފައިވާ ކަމުގެ ޚަބަރުތަކަކާއި ވީޑިޔޯއާއި ފޮޓޯތަކެއް އެގައުމުގެ އދިކޮޅު ހަނގުރާމަވެރިން މިދިޔަ ހަފްތާގައި ހާމަކޮށްފައިވަނިކޮށެވެ. ނަމަވެސް ފާއިތުވެދިޔަ ހަފްތާގައި ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ނުވަތަނޫންކަން މުސްތަޤިއްލު އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ނަމަވެސް މިދިޔަ ހަފްތާގައި ސޫރިޔާގައި ކެމިކަލް ހަތިޔާރު ބޭނުންކުރިކަމާއި އަދި ބޭނުންކޮށްފައި ވަނީ ކޮންފަރާތަކުންކަން ކަށަވަރުނުވާ ކަމަށް އެމެރިކާ އާއި އދ. ވެސް ބުނެ އެވެ. އެމެރިކާ ސިފައިން ސޫރިޔާއަށް އަރައިގެންފިނަމަ އެމެރިކާ ސިފައިން ޢިރާޤަށް އަރައިގަތުމުން ޢިރާޤުގެ އެތަށް ލައްކަ ބަޔަކު މަރުވެ ދާއިމީ ހަމަނުޖެހުމެއްގެ ތެރެއަށް ޢިރާޤު ވެއްޓިގެން ދިޔަގޮތަށް ސޫރިޔާގައި ވެސް އެތައް ލައްކަބަޔަކު މަރުވެގެންދާނެ ކަމަށާ އަދި ސޫރިޔާގެ މައްސަލައަށް ވެސް އެމެރިކާ އަށް އެއްވެސް ވަރެއްގެ ޙައްލެއް ނުގެނެވޭނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ.

އެމެރިކާ ސިފައިން ސޫރިޔާއަށް އަރައިގެންފި ނަމަ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަމުގެ ނިޒާމު ވެއްޓިގެންދިޔަ ނަމަވެސް ބޮންގޮއްވާ ހަނގުރާމަވެރި ޖަމާއަތްތަކާއި ސުންނީ ޝިޔަޢީންގެ މަޛްހަބީ ތަޅާފޮޅުންތަކުގެ ޝިކާރައަކަށް ޢިރާޤެކޭ ވެސް އެއްގޮތަށް ސޫރިޔާ ވެސް ވެގެންދާނެ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ. އަދި ސޫރިޔާ އަށް އެމެރިކާ ސިފައިން އަރައިގެންފާނެ ކަމުގެ އިޝާރާތްތައް އެމެރިކާގެ ދިފާޢީ ވަޒީރު ދެއްވި ނަމަވެސް އެމެރިކާ ސޫރިޔާ އަށް އަރައިގެންފި ނަމަ އެ ހަނގުރާމައިގާ އިސްރާއީލު ވެސް ބައިވެރިވެ ޢަރަބި އިސްރާއީލުގެ ހަނގުރާމައަކަށް އެކަން ބަދަލުވެދާނެ ކަމުގެ ބިރު އިޙްސާސްކުރާތީ އޮބާމާގެ ޒަޢާމަތުން މިފަދަ ފިޔަވަޅެއް އެޅުމުގެ ފުރްސަތު ކުޑަކަމަށް މިފަރާތްތަކުން ދެކެ އެވެ.

ޢިރާޤާއި އަފްޣާނިސްތާނުގައި އެމެރިކާ އަށް ވަރުގަދަ ފިލާވަޅުތަކެއް ލިބިފައިވުމުގެ އިތުރުން އެދެގައުމަށް އަރައިގަތުމާ ގުޅިގެން އެމެރިކާ އިޤްތިސާދީ ގޮތުން އިދަޖެހިގެން ދިޔަދިޔުން އަދިވެސް ހަމައަކަށް ނޭޅެ އެވެ. އަދި ސޫރިޔާއަކީ ތެޔޮފަދަ ގުދްރަތީ ވަސީލަތެއްނެތް ގައުމަކަށްވެފައި ސޫރިޔާގެ ފަހަތުގައި ރަޝިޔާ އާއި އީރާން އޮތުމުގެ އިތުރުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި އަލްޤާޢިދާގެ ހަނގުރާމަވެރިން ތިބުމުން ސޫރިޔާ އަށް އަރައިގަތުމަކީ އެމެރިކާ އަށް ވަރަށް ބޮޑު ގޮންޖެހުމަކަށްވެގެންދާނެ ކަމެއް ކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)