ކޮންމެ ދަރިއަކާ މެދު މައިންބަފައިން ފޮނި އުއްމީދުތަކެއް ކުރެ އެވެ. ކޮންމެ ދަރިއަކީ މައިންބަފައިންގެ އުއްމީދެއް، ނުވަތަ އުއްމީދުތައް ހާސިލުކޮށްދެވޭ ދަރިއަކަށް ނުވެ އެވެ. ނަމަވެސް އިޔާރު ޤުރުއާން ކްލާހުގެ މަސްއޫލުވެރިޔާ އަހުމަދު މިޒްހަތާއި އޭނާގެ ދެ ބޭބެއިން ވަނީ މައިންބަފައިންގެ ވަރަށް ފޮނި އުއްމީދެއް ހަގީގަތަކަށް ހަދައިދީފަ އެވެ.

ދިވެހި އެތައް ދަރިންނަކަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދީފައިވާ އިޔާރު ޤުރުއާން ކުލާހަކީ މައިންބަފައިންގެ އުއްމީދެއް ކަމަށް އެކުލާހުގެ އެއް މަސްއޫލުވެރިޔާ އަހުމަދު މިޒްހަތުވު ވިދާޅުވި އެވެ.

"މީ އަސްލު އާއިލާގެ ތެރޭގައި އުފެދުނު ޚިޔާލެއް، މަންމަ އާއި ބައްޕަގެ އުއްމީދެއް މީ، އަޅުގަނޑުމެންގެ ފަރާތުން މިރޮނގުން ހިދުމަތެއް ލިބިގެން ދިއުން،" ސަން އަށް ދެއްވި ހާއްސަ އިންޓަވިއުއްގައި މިޒްހަތު ވިދާޅުވި އެވެ.
މަންމަ އާއި ބައްޕަގެ އުއްމީދު ހަގީތަކަށް ހެދުމަށް ޓަކައި މިޒްހަތާއި އޭނާގެ ދެބޭބެއިން މަސައްކަތް ފެއްޓެވީ ބުރަ އުފުއްލަވައިގެންނެވެ. އެކި ދަންފަޅިއަށް ބަހާލައިގެން 100 ވަރަކަށް ކުދިންނަށް ކިޔަވައިދޭ އެންމެ ކުލާސްރޫމެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން ހަމަ ވަރަށް ކުޑަކުޑަ އެއްޗަކުން ފެށީ، އެކި މީސްމީހުން އަތުން ދަރަންޏަށް ފައިސާ ނަގައިގެން ޑެސްކާއި މޭޒާ ވެސް ޖަހާލެވުނީ،" ޤުރްއާން ކްލާސް ފެށިގޮތް ކިޔުއްވައި ދެއްވަމުން މިޒްހަތު ވިދާޅުވި އެވެ.

އެންމެ ހަތަރު ޓީޗަރުންނާ އެކު 2003 ވަނަ އަހަރު ހިދުމަތްދޭން ފެށި ކްލާހުގައި މިހާރު ރަނގަޅަށް ތަމްރީނުވެފައިވާ 13 ޓީޗަރުން އެބަ ތިއްބެވެ. މުޅިން ވެސް ދިވެހި ޓީޗަރުން ތިބި އިރު އެ ހުރިހާ ޓީޗަރުންނަނީ ވެސް އެޑްވާންސް ސެޓްފިކެޓް ނުވަތަ ޑިޕްލޮމާ ނުވަތަ ޑިގްރީ ފެންވަރަށް ތަމްރީނުވެފައިވާ ބޭފުޅުންނެވެ.

ގ. މީރަން ގޭގައި މިހާރު ހިންގަމުން އަންނަ އިޔާރު ޤްރުއާން ކުލާހުގައި މިހާރު ތިން ކްލާސްރޫމް ހުރި އިރު އޭގެ ތެރެއިން އެއް ކްލާސްރޫމަކީ ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކިޔަވައިދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކްލާސްރޫމެކެވެ. ތިން ކްލާސްރޫމަކީ ވެސް ޖާގައިގެ ގޮތުން ތަނަވަސް، ކިޔެވުމަށް ހިތްފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ ކްލާސްރޫމްތަކެކެވެ.

ދަރިވަރުންގެ އަތުން މާބޮޑު އަގެއް ނުނަގައި ހިންގަމުން އަންނަ އެކުލާހަކީ ވިޔަފާރިއަކަށް ވުރެ ބޮޑަށް ޚިދުމަތެއްގެ ގޮތުގައި ކުރާ ކަމެކެވެ. މިޒްހަތު މިހާރުވެސް ގެންދަ ވަނީ ސިވިލްސާވިސްގެ ޒިންމާދާރު ވަޒީފާއެއް އަދާކުރައްވަމުންނެވެ. އޭނާ ހުންނެވީ މާލޭ ސިޓީކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

"އަޅުގަނޑުމެންނަކީ މިކަމުން މަންފާތަކެއް ހޯދައިގެން. ދިރިއުޅުން ހަމަޖައްސަން ވިސްނައިގެން މިކަން ކުރާ ބައެއް ނޫން، އަޅުގަނޑުމެން ހަމަ މިކަމަށް ހުރި ލޯތްބެއްގެ ބޮޑުކަމުން މިކަން ކުރަނީ،" މިޒްހަތު ވިދާޅުވި އެވެ.
އޭނާ އެވިދާޅުވި ވާހަކަފުޅުގެ ހަގީގަތް ފެންނަން އެބަހުއްޓެވެ. ފީއެއް ދައްކަން ނުޖެހޭ ގޮތަށް ކިޔަވަމުން އަންނަ 40 އަށް ވުރެ ގިނަ ކުދިން މިހާރު ވެސް އެބަ ތިއްބެވެ.

"ފައިސާ ނުދެއްކޭ ކުދިން އަތުން ފައިސާ ހޯދާކަށް އަޅުގަނޑުމެން ކަމާ ކަންފަށައި ނުދަން، އަޅުގަނޑުމެން ބަލަން ނިކަމެތި އާއިލާތަކަށް ކޮންމެވެސް ހިދުމަތެއް ދެވޭތޯ،" މިޒްހަތު ވިދާޅުވި އެވެ.

ފައިސާ ނުދެއްކޭ ވަރުގެ ކުދިންނަކީ ކޮބައިތޯ ބަލައި، އެއަހަރެއްގެ ތެރޭގައި ހިލޭ ކިޔަވައިދޭނީ ކޮން ކުދިންނަކަށް ކަން ކަނޑައަޅަނީ ބެލެނިވެރިންނާއި ޓީޗަރުން ހިމެނޭ ޕެނަލަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިޔާރު ޤުރުއާން ކުލާހުން ވަނީ ގިނަ ކާމިޔާބީ ތަކެއް ހާސިލުކޮށްފަ އެވެ. ރާއްޖޭގައި ބޭއްވި ތަފާތު އެތައް ޤުރުއާން މުބާރާތެއްގައި ތަމްސީލުކޮށް، ރަން ވަނަތަކެއް ހޯދާފަ އެވެ. މިޒްހަރު ވިދާޅުވީ އެކަމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ. ކިޔަވައި ދެއްވާ ޓީޗަރުންގެ ހީވާގި ކަމަކީ އެންމެ ބޮޑު އެހީތެރިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ވިޔަފާރިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ހަމަ، ޤުރުއާން މުބާރާތްތަކުގައި ބެލެނިވެރިންގެ އެހީތެރިކަން ވެސް ވަރަށް ބޮޑު،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ އެހީތެރިކަން ވެސް ކުރިން ލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ކުރީގެ ރައީސް މައުމޫނު އަބުދުލްގައްޔޫމުގެ ދައުރުގައި ފޮޓޯކޮޕީ މެޝިނަކާއި ކޮމްޕިއުޓަރެއްގެ އިތުރުން މުސްހަފުތަކެއް ދެއްވި ކަން އޭނާ ފާހަގަ ކުރެއްވި އެވެ. ރައީސް މައުމޫނުގެ ދައުރު ނިމުނު ފަހުން މުސްހަފު ލިބުން ހުއްޓުނުކަމަށް އޭނާ ވިދާޅުވި އެވެ.

އެކާމިޔާބީތަކާއި ހިދުމަތްތައް ދައުލަތުން ވަނީ ބަލައިގެންފަ އެވެ. މިއަހަރުގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެކުލާހަށް ދިނީ އެހެންވެ އެވެ.

އިޔާރު ޤުރުއާން ކުލާސް އުފެއްދި މުއައްސިސުންގެ މަންމައާއި ބައްޕަގެ އުއްމީދު މިހާރު އެވަ ނީހަގީގަތަކަށް ވެފައޭ ބުނެވިދާނެ އެވެ. ނަމަވެސް މުއައްސިސުންގެ އުއްމީދު ހުރީ އެއަށް ވުރެ މަތީގަ އެވެ. މިޒްހަތުގެ އުއްމީދަކީ އޭނާ ކުޑަކޮށް ފެށި ކުލާސް ބޮޑުވެ، ކޮލެޖަކަށް ބަދަލުވެގެން ދިއުމެވެ. އޭނާ ގެންދަވަނީ އެކަމަށް ޓަކައި ގިރާކުރައްވަން ޖެހޭ އޮޅިތައް ގިރާކުރައްވަމުންނެވެ.

ރާއްޖޭގެ ތައުލީމީ މައުހަދުއް ދިރާސާތުލް ޤުރުއާނިއްޔާގެ ނަމުގައި އޭނާ މިހާރު ވަނީ އިންސްޓްޓިއުޓެއް އުފައްދާވާފަ އެވެ. ސެޓްފިކެޓް ކޯސްތަކުން ފެށިގެން ގޮސް ޑިޕްލޮމާ ކޯސްތައް ހިންގޭ ގޮތަށް، އެ އިންސްޓްޓިއުޓް މިހާރު ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފަ އެވެ. ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ކޯސްތަކެއް ފެށުމަށް ޓަކައި ކޯސްތައް ފަރުމާކޮށް، މިހާރު ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ފޮނުވާފަ އެވެ. މިމަސް ނިމޭ އިރު ކޯސްތައް ފެށޭވަރު ވާނެ ކަމަށް އޭނާ އުއްމީދުކުރައްވަ އެވެ.
އިޔާރު ޤުރުއާން ކުލާސް ހޯދަމުން އަންނަ ކުރިއެރުމަށް ބަލާއިރު އެތަނުގައި ދަރިންނަށް ޤުރުއާން ކިޔަވައި ދިނުމަކީ އެތައް މަންމައަކާއި އެތައް ބައްޕައެއްގެ އުއްމީދަކަށް ވާނެ އެވެ.