މަސްވެރިކަން ތިޔާގި ނުވަ މަހުގެ ތެރެއިން، ކޮންމެ މަހެއްގައި 500ރ. މަސްވެރިން ދޭނަމަ، އަހަރު ދުވަހު ތެރޭ މަސް ވެރިކަން ނުކުރާ ތިން މަސް ދުވަހު ކޮންމެ މަސްވެރިއަކަށް މަދުވެގެން 10،000ރ. ދެއްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ވައުދުވެވަޑައިގެންފި އެވެ.

ގއ. ވިލިނގިލީގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވަނީ މަސްވެރިންނަށް އެ ޕާޓީން ހާއްސަ ކުރާ "ބެޔަސް ނުބެޔަސް ފައިސާ ލިބޭނެ" ސިޔާސަތުގެ ތަފްސީލު ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މަސްވެރިނަށް ސަބްސިޑީގެ ގޮތުގައި މިހާރު ވެސް ސަރުކާރުން ދެމުންދާ 100 މިލިއަން ރުފިޔާ ބޭނުންފުޅު ނުވާ ކަމަށާއި ދައުލަތުގެ ބަޖެޓުން މަސްވެރިންނަށް ހަރަދު ކުރާނީ އެންމެ 45 މިލިއަން ރުފިޔާ ކަަމަށެވެ.

"ސަރުކާރުން މަސްވެރިންނަށް ސަބްސިޑީގެ ގޮތުގައި 100 މިލިއަން ރުފިޔާ އެބަ ދެއްވާ. ﷲ ރަހުމަތުން އަޅުގަނޑުމެންގެ ސަރުކާރެއްގައި 100 މިލިއަނެއް އަޅުގަނޑުމެން ބޭނުމެއް ނޫން. ދިވެހި ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ ފައިސާއިން ބޭނުންވަނީ އެންމެ 45 މިލިއަން ރުފިޔާ. މި ދެންނެވި 'ބެޔަސް ނުބެޔަސް' މަސްވެރިންނަށް ފައިސާ ދޭނަމޭ މި ބުނާ ކަންތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި އަޅުގަނޑު ބޭނުން ވަނީ މިހާރު ސަބްސިޑީގެ ގޮތުގައި ދެއްވާ ފައިސާގެ ދެބައި ކުޅަ އެއްބައި،" ޔާމިން ވިދާޅުވި އެވެ.

މަސްވެރި ގިނަ އާއިލާތަކެއް ދިރިއުޅޭ ވިލިނގިލީގައި ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ މަސްވެރިނަށް އިންޝުއަރެންސް ނިޒާމު ގާއިމް ކުރުމަށް މަސްވެރިކަން ރަނގަޅު ނުވަ މަހެއްގައި ކޮންމެ މަސްވެރިޔަކު 500ރ. ދެއްވައިފިނަމަ މަސްވެރިން ނުކުރާ ދުވަސްތަކަށް ފައިސާ ދެއްވާނެ ކަމާށެވެ. އެ ފައިސާ ދޭނީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ 45 މިލިއަން ރުފިޔާ އާއި ރާއްޖޭގައި ތިބި މަސްވެރިންގެ އަދަދަށް ބަލައި ކޮންމެ މަސްވެރިއެއްގެ އަތުން މަހަކު ނަގާ ފައިސާއާއެކު ޖުމްލަ 90 މިލިއަން ރުފިޔާގެ ބަޖެޓަކުން އިންޝުއަރެންސަށް އިންވެސްޓުކޮށްގެން ކަމަށް ޔާމިން ވިދާޅުވި އެވެ.

"މަސްވެރިކަން ކުރައްވާ ނުވަ މަސް ދުވަހަށް އެންމެ 500ރ. މަހަކު ދެއްވާ. މި އިންޝުއަރެންސް ނިޒާމަށްލާން. އޭރަށް މިއަދު ދިވެހި މަސްވެރިން ތިބި އަދަދަށް ބަލައި އަޅުގަނޑު އަނެއް 45 މިލިއަން ރުފިޔާ އެބަ ހަމަކުރަން. ދައުލަތުގެ ބަޖެޓުން ލިބޭ 45 މިލިއަނާއި ތިބޭފުޅުންގެ އަތްޕުޅުން މި ލިބޭ 45 މިލިއަނާއެކު 90 މިލިއަން ރުފިޔާ ބަޖެޓަކުން އިންޝުއަރެންސަށް އިންވެސްޓްކޮށްގެން އިރާދަކުރެއްވިއްޔާ މި މަސް ނުބާނާ ތިން މަސް ދުވަހުގެ ތެރޭގައި ކޮންމެ މަސްވެރިއަކަށް އެންމެ މަދުވެގެން 10،000ރ. ލިބިވަޑައިގަންނަވާނެ،" ޔާމިން ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަސް އަހަރު ދުވަހުގެ ތެރޭ މަސްވެރިކަމުގެ ސިޔާއަތް ކުރިއެރުވުމަށްޓަކައި ކުރައްވާނެ މަސައްކަތްތައް ތަފްސީލު ކޮށްދެއްވަމުން ޔާމިން ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް 900 މަސްވެރި ދޯނި، ޕީޕީއެމްގެ ފަސް އަހަރު ދުވަހުގެ ތެރޭ 1500 ދޯންޏަށް އިތުރު ކުރާނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ސިޔާއަތް ކުރިއެރުވުމަށްޓަކައި ޒުވާނުން މަސްވެރިކަމަށް ނެރެ، "ޒުވާން މަސްވެރިޔާ" އުފައްދާނެ ކަމަށް ވެސް ޔާމިން ވިދާޅުވި އެވެ.

މަސްވެރިޔަކު ދާއިމީ ނުކުޅެދުންތެރި ކަމަކަށް ގޮސްފިނަމަ ނޫނީ މަސްވެރިޔަކު މަރުވެއްޖެނަމަ އޭނާގެ އާއިލާއަށް 100،000ރ. ދެއްވާނެ ކަމަށް ވެސް ޔާމިން ވައުދުވެވަޑައިގެންނެވި އެވެ.

"މަސްވެރިކަމުގައި އުޅުއްވަމުން ދާއިމީ ނުކުޅެދުންތެރި ކަމަކަށް ގޮސްފިނަމަ ނޫނިއްޔާ އެފަދަ ގޮތެއް ﷲ މިންވަރު ނުކުރައްވާށި. މަސްވެރިއަކު ނިޔާވެއްޖެ ކަމުގައިވާނަމަ އިރާދަކުރެއްވިއްޔާ އެ މަސްވެރިއަކަށް 'ވަންޓައިމް ޕޭމަންޓެއް'ގެ ގޮތަށް ނޫނިއްޔާ އެއް ފަހަރާ ދޭ ފައިސާއެއްގެ ގޮތުގައި ކޮންމެ ހާލަތެއް މެދުވެރި ނަމަވެސް އިރާދަ ކުރެއްވިއްޔާ އެ ފެމެލީއަކަށް އެއް ލައްކަ ރުފިޔާގެ ހަދިޔާއެއް އަރުވާނަން،" ޔާމިން ވިދާޅުވި އެވެ.